ދިރާގުން ބުނި ގޮތުގައި މިއީ މުވައްޒަފުން ކުންފުންޏަށް ހޯދާދީފައިވާ ކާމިޔާބީތަކާއި ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބާއްވާ އިވެންޓެއް ކަމުގައެވެ. މި އަހަރުގެ އިވެންޓުގައި ދިރާގު ބޯޑް އޮފް ޑިރެކްޓަސްގެ ޗެއާމަން އިސްމާއިލް ވަހީދާއި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދުގެ އިތުރުން ދިރާގުގެ ލީޑަޝިޕް ޓީމުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް އެ ކުންފުނިން ބުނެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އިވެންޓުގައި އެ ކުންފުންޏަށް ހިދުމަތްކޮށް ދޭތާ 10 އަހަރު، 15 އަހަރު އަދި 25 އަހަރުވީ 29 މުވައްޒަފެއްގެ އަގުވަޒަންކޮށް ހާއްސަ އެވޯޑްދީފައިވާ ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނެފައިވަނީ އެ ކުންފުނީގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ މުވައްޒަފުންނަށްވެސް އެވޯޑް ހަވާލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 14 ޑިވިޝަނަލް މެރިޓް އެވޯޑާއި 10 ސްޕެޝަލް މެރިޓް އެވޯޑާއި ދެ އިނޮވޭޝަން އެވޯޑުގެ އިތުރުން ދެ އައުޓްސްޓޭންޑިން ލީޑާސް އެވޯޑް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދިރާގުން ބުނީ ރޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ޗެއާމަންގެ އެވޯޑް ލިބިފައިވަނީ އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް މެނޭޖަރު ސިވިލް، ސިނާޒަށް ކަމަށެވެ. ވޭތުވެދިޔަ ހަ އަހަރު ދިރާގަށް ހިދުމަތްކޮށްފައިވާ ސިނާޒްއަކީ ކުންފުނިން އެކި ކަންކޮޅުތަކުގައި ހިންގާ ހުރިހާ ސިވިލް ޕްރޮޖެކްޓެއް މެނޭޖުކުރާ ގާބިލް، ހީވާގި ލީޑަރެއް ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ދެއްކެވި ވާހަކަފުޅުގައި ވޭތުވެދިޔަ އަހަރުގެ އެވޯޑް ލިބުނު ހުރިހާ މުވައްޒަފުންނަށް ތަހުނިޔާ ވިދާޅުވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. ދިރާގުން ބުުނެފައިވަނީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީގެ ވާހަކަފުޅުގައި ގައުމު މުވާސަލާތީގޮތުން ގުޅާލުމުގައި ދިރާގުގެ ހުރިހާ މުވައްޒަފުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.
ދިރާގުން އަބަދުވެސް ދަނީ އެ ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް މުވައްޒަފުން ކުރާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުން ކަމަށް އެ ކުންފުނިން ބުނެއެވެ.