
ޕޯޗުގަލްގެ އާ ކޯޗު މާޓިނޭޒް އެކުލަވާލި ފުރަތަމަ ސްކޮޑަކީ، އަންނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި މި މަހު ޕޯޗުގަލް ކުޅެން ޖެހޭ ދެ މެޗަށް އެކުލަވާލި ސްކޮޑެވެ.
މިއީ މިދިޔަ އަހަރު ފަހުކޮޅު އޮތް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުތަކެވެ. އަދި މިއީ އާ ކޯޗު މާޓިނޭޒްގެ ފުރަތަމަ އެސައިންމެންޓެވެ.
ޕޯޗުގަލް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މޮރޮކޯ އަތުން 1-0 އިން ބަލިވެގެން ކަޓައިގެން ދިޔުމާއެކު، އެގައުމުން ވަނީ އޭރު ހުރި ކޯޗު ސަންޓޯސް ވަކިކޮށްފައެވެ. ސަންޓޯސް އެމަގާމުން ވަކިކޮށްފައި ވަނީ އަށް އަހަރު ދުވަހަށް ފަހުއެވެ.
ސަންޓޯސްއަކީ ޕޯޗުގަލްގެ ތާރީހުގައި ލިޔެވިގެން ދިޔަ ކާމިޔާބު ކޯޗެއްވެސް މެއެވެ. މާޓިނޭޒްއަކީ ސަންޓޯސް ވަކިކުރުމަށް ފަހު ދެން ޕޯޗުގަލްއާ ހަވާލުވި ކޯޗެވެ.
ސަންޓޯސް ވަނީ ޕޯޗުގަލްއާއެކު 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށް، 2019 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްފައެވެ. ސަންޓޯސް ކޯޗުކަމުން ވަކި ކުރުމުގައި ވޯލްޑް ކަޕް ތެރޭގައި ކެޕްޓަން ކްރިސްޓިއާނޯއާ ޖެހުނު މައްސަލައެއްވެސް ފާހަގަވެފައިވެއެވެ.
ވޯލްޑް ކަޕްގެ ފުރަަތަމަ ބުރުގެ ބައެއް މެޗުތަކާއި ގަދަ 16ގެ މެޗުގެ އިތުރުން މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ސަންޓޯސް، ރޮނާލްޑޯ ފުރަތަމަ 11 އަށް ނެރެފައި ނުވާތީ އެކަމަށް ފާޑު ކިޔުންތައްވެސް އަމާޒުވެފައިވެއެވެ. ސަންޓޯސް ވޯލްޑް ކަޕްގެ ގަދަ 16 ގެ މެޗުގައި ރޮނާލްޑޯ ކުޅެން ނެރުނީ ފަހު 15 ވަރަކަށް މިނެޓަށެވެ.
އަނެއްކޮޅުން 2016 ވަނަ އަހަރުން ފެށިގެން ބެލްޖިއަމްގެ ކޯޗުކަމުގައި ހުރި މާޓިނޭޒް އެ މަގާމުން އިސްތިއުފާ ދިނީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓުމާއެކުގައެވެ.
ބެލްޖިއަމް ވޯލްޑް ކަޕްގައި މޮޅުވީ ހަމައެކަނި ކެނެޑާއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. އޭގެ ފަހުން ދެން ކުޅުނު މެޗުގައި މޮރޮކޯ އަތުން ބެލްޖިއަމް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުގައި ކްރޮއޭޝިއާއާ އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.
ވޯލްޑް ކަޕްގައި ބެލްޖިއަމް ޓީމު ތެރޭގައި މައްސަލަތަކެއްވެސް ޖެހިފައިވާ އިރު، މާޓިނޭޒް ވަކިވީވެސް އެ މައްސަލަތައް ބޮޑުވެގެން ކަމަށް ބެލެވެއެވެ.