22 ގްރޭންޑް ސްލޭމް ހޯދާފައިވާ ދުނިޔޭގެ އެއްވަނަ ޖޮކޮވިޗަށް އެމެރިކާއަށް އެތެރެ ނުވެވުނީ އޭނާ ކޮވިޑް ވެކްސިން ޖަހާފައި ނެތުމުންނެވެ. އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ކޮވިޑް ވެކްސިން ނުޖަހާ އެމެރިކާ މީހުން ނޫން އެހެން މީހުންނަށް އެގައުމަށް ވަނުން އެ ގައުމުންވަނީ މަނާކޮށްފައެވެ. ޖޮކޮވިޗް ކޮވިޑް ވެކްސިނެއް ނުޖަހައެވެ. އެ ސަބަބާ ހުރެ މީގެ ކުރިންވެސް ބައެއް މުބާރާތްތަކުން އޭނާއަށް ފުރުސަތު ގެއްލުނެވެ.
މަޔާމީ އޯޕަންގައި ބައިވެރިވުމަށް ޖޮކޮވިޗަށް ހާއްސަ ހުއްދައެއް ލިބޭތޯ މުބާރާތް އިންތިޒާމް ކުރާ ފަރާތުންވެސް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެމެރިކާ ސަރުކާރުން އެ ހުއްދަ ނުދިނުމުން މާދަމާ ފަށާ މުބާރާތުގައި ބައިވެރިނުވެވޭނެކަން ކަށަވަރުވީއެވެ.
މިހާރު ހިނގަމުންދާ އިންޑިއަން ވެލްސް އަދި މިދިޔަ އަހަރު އޮތް ޔޫއެސް އޯޕަންގައިވެސް ޖޮކޮވިޗަށް ނުކުޅެވުނީ ވެކްސިން ނުޖަހާ ހުރުމުގެ ސަބަބުންނެވެ.
މީގެ އިތުރުން އޮސްޓްރޭލިއަން އޯޕަންވެސް ޖޮކޮވިޗަށް ނުކުޅެވުނީ އެ ސަބަބާ ހުރެއެވެ. ޖޮކޮވިޗް ބުނެފައިވަނީ ކޮވިޑް ވެކްސިން ޖެހުމަށްވުރެ މުބާރާތެއް ނުކުޅުން އޭނާއަށް ރަނގަޅު ކަމަށެވެ.
ކޮވިޑް ވެކްސިން ޖެހުމަށް ޖޮކޮވިޗް ދެކޮޅު ހެދިނަމަވެސް އޭނާވަނީ ކޮވިޑަށް އެހީވާން އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްފައެވެ.