
ޕޮލިސް ރިސަޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ހެނދުނު ދަރުބާރުގޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ 90 އަހަރުގެ ތެރޭގައި ފުލުހުންގެ އަދަދާއި، ހިދުމަތުގެ ވައްޓަފާޅިއާއި، ބޭނުންކުރާ ވަސީލަތްތަކަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެކަމަށާއި އިތުރު ބަދަލުތަކަށްވެސް އަދިވެސް ބޭނުންވާ ކަމަށެވެ.
ފުލުހުންގެ ހިދުމަތާ ގުޅޭގޮތުން މިހާރު މި ގެންގުޅޭ ސިޔާސަތަކީ، މުޖުތަމަޢާ ގުޅިގެން ހިދުމަތް ދިނުން، ނުވަތަ ކޮމިޔުނިޓީ ޕޮލިސިންގ ދެމެހެއްޓުންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ފުލުހުންނާ މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ފުލުހުންނަކީ، ރައްޔިތުންނަށް ހިދުމަތް ކުރުމަށް، ރައްޔިތުންގެ ތެރެއިން އުފެދިފައިވާ މުޖްތަމައުގެ އެއްބައިކަން އެންމެން ގަބޫލުކޮށްގެން ކަމަށެވެ.
ކޮންމެ މުޖްތަމައުއެއްގައި ވެސް ފުލުހުންގެ ހިދުމަތް، އާރުލާ ހަރުދަނާ ހިދުމަތަކަށް ވަނީ، މިދެންނެވި ފަދަ ވަރުގަދަ ގުޅުމެއްގެ ތެރެއިންކަމަށާއި ކުރުކޮށް ދަންނަވާނަމަ، މުޅި މުޖްތަމައު ޝާމިލުވާ ގޮތަށް، ވަށައިޖެހޭ ނިޒާމެއްގެ ތެރޭގައި ފުލުހުންގެ ހިދުމަތް ބައްޓަންކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ފުލުހުންގެ ހިދުމަތަކީ ގޮންޖެހުން ބޮޑު ހިދުމަތެއްކަމަށާއި އެ ގޮންޖެހުންތައް ކަޑައްތުކޮށް، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި، ވަގުތާއިހާލަތާ އެކަށޭނަ ގޮތަށް އަމަލުކުރާނީ ކިހިނެއްކަން ދެނެގަތުން، އެއީވެސް މިފަދަ ކޮންފަރެންސެއްގެ ވަރަށް މުހިންމު ބޭނުމެއްކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
ފުލުހުންގެ ތައްޔާރީ ހާލަތަށް ބަދަލު ގެންނަން މަޖުބޫރު ކުރުވާ ސަބަބުތަކުގެ ތެރޭގައި މުޖްތަމައުއާއި ފަރުދުންގެ ސަލާމަތަށް ނުރައްކާކުރާ ކަންތައް ތަފާތުވެ ބަދަލުވަމުން ދުއުމާ އެފަދަ ކަންކަން ކުރުމުގައި ބޭނުންކުރާ އުކުޅުތަކާއި ވައްޓަފާޅިވެސް ބަދަލުވަމުން ދިއުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ކުށްތައް ކުރުމުގައި ބޭނުންކުރާ ވަސީލަތްތަކާއި، އެފަދަ ކުށްތަކަށް އަރައިގަތުމަށް ފަހު، ގާނޫނުގެ އަތްދަށުނުވުމަށް ރާވާ ރޭވުންތައް ވެސް ދަނީ ބަދަލުވަމުން، ތަފާތުވަމުންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ބަދަލުތަކާ އެކަށޭނަ ގޮތަށް ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމަށް، ވަރަށް ބޮޑަށް އިސްކަމެއް ދޭން އެބަޖެހޭކަމަށާއި ފުލުހުންގެ ހިދުމަތަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދަން ޖެހޭއިރު މިދިޔަ ފަސް އަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް އެކަމަށް ލިބިއްޖެ ކަމަށެވެ.