ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށް ދާ މެރިން އެކްސްޕޯގައި މަސްވެރިކަމަށް ހާއްސަކޮށް ނެރުނު އުޅަނދު ތައާރަފުކޮށް ދެއްވީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ރަޝީދު ކަަމަށާއި މެރިން އިންޖީނު ރަސްމީކޮށް ތައާރަފުކޮށްދެއްވާފައިވަނީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާ އެވެ.
އެމްޓީސީސީން ބުނެފައިވަނީ އެ ކުންފުނިން ތައާރަފުކުރި މަސްވެރިކަމަށް ހާއްސަ އުޅަނދަކީ ޔަންމާގެ ސްޕީޑް ބޯޓެއް ކަމަށެވެ. އެ ބޯޓަކީ ޖަޕާނުގެ ޓެކްނޮލޮޖީ ހިމެނޭ ބޯޓެއް ކަމަށާއި ރާއްޖޭގައި އާންމުކޮށް މަސްވެރިކަން ކުރުމަށް ގެންގުޅެމުންދާ ބޯޓުތަކާ ތަފާތު ބޯޓަކަށް އެ ސްޕީޑް ބޯޓު ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެމްޓީސީސީން ބުނި ގޮތުގައި ނަގިލި ނުލައި، ރިޔަލެއްގެ އެހީގައި އެެއްތަނެއްގައި އެ ބޯޓު ބާއްވާލެވޭނެ ކަމުގައެވެ.
އެ ކުންފުނިން ތައާރަފުކުރި މެރިން އިންޖީނަކީ މިހާތަނަށް ރާއްޖޭގައި ތައާރަފުކުރެވުނު އެންމެ މަތީ ހޯސްޕަވަރުގެ އިންޖީނު ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ ޔަންމާ ބްރޭންޑުގެ އެ އިންޖީނަކީ 1،400 ހޯސްޕަވަރުގެ އިންޖީނެއް ކަމަށެވެ.
ރާއްޖޭގެ ކަނޑުދަތުރުފަތުރު ކުރުމުގެ ސިނާއަތަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އިވެންޓު ކަމަށްވާ މޯލްޑިވްސް މެރިން އެކްސްޕޯގައި 150 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މި އެކްސްޕޯ މިރޭގެ 11:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.