މިއަހަރު ހައްޖު މޫސުމުގައި އެހީތެރިންގެ ގޮތުގައި މަސައްކަތްކުރާނެ މީހުން ހޯދުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އިއުލާނުކޮށްފިއެވެ.

Advertisement
ހައްޖު ކޯޕަރޭޝަނުން ބުނީ މިކަމަށް މީހުން ހޯދުމަށް ކުރިން ކުރި، އިއުލާނަށް އެކާށީގެންވާ ތަރުހީބެއް ލިބިފައިނުވާކަމަށާއި އަސާސީ ތައުލީމު ހާސިލްކޮށްފައިވާ ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ސިއްހަތު ރަނގަޅު މީހުންނަށް އެފުރުސަތު އަލުން ހުޅުވާލާ ކަމަށެވެ.
ނަމަވެސް މި ފުރުސަތަށް ކުރިމަތިލެވޭނީ ފިރިހެނުންކަމަށް ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. އެހީތެރިންގެ ގޮތުގައިދާ ފަރާތްތަކުން:
- ހައްޖުވެރިންނަށް ދޭންޖެހޭ އެންމެހައި މައުލޫމާތުތައް ދުވަހުން ދުވަހަށް ދެމުން ގެންދިއުން.
- ދަތުރުގައި ހައްޖުވެރިން އެހީތެރިކަން ބޭނުންވާ އެންމެހައި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ހައްޖުވެރިންނަށް ދިމާވާ އެކިއެކި ކަންކަން، ހައްޖު ކޯޕަރޭޝަންގެ އިސް މުވައްޒަފުންގެ އިރުޝާދުގެ ދަށުން ހައްލުކުރުން.
- ކެއުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.
- ބާޒާރުކުރުމާ، ބާޒާރުން ގަންނަ ތަކެތި ހޮޓަލަށް ގެނައުމާ ގުދަންކުރުން.
- ހައްޖުގެ މަޝާއިރުތަކުގައި ހައްޖުވެރިންނަށް އެހީތެރިވުން.
- ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން.
ހައްޖު އަދި އުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު ކޯޕަރޭޝަންގެ ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.