ads
މޯހަން ބަގާންގެ ކުޅުންތެރިން
އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަންކަން މޯހަން ބަގާންއަށް
ފައިނަލުގައި ބެންގަލޫރު އެފްސީ ބަލިކޮށް، އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަންކަން އޭޓީކޭ މޯހަން ބަގާންއިން ހޯދައިފިއެވެ.

ގޯއާގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުން މޯހަން ބަގާން މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގައި ޕެނަލްޓީ ޖަހަން ޖެހުނީ ފުރިހަމަ ވަގުތު އަދި އިތުރު ވަގުތު ހަމަވީއިރު ދެ ޓީމު އެއްވަރުވުމުންނެވެ. 

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ މޯހަން ބަގާންއިންނެވެ. މޯހަން ބަގާން އިން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް، އިންޑިޔާގެ ގައުމީ ޓީމުގެ ކެޕްޓަން އަދި ބެންގަލޫރުގެވެސް ކެޕްޓަންކަން ކުރަމުންދާ ސުނިލް ޗެތްރީވަނީ ލަނޑެއް ޖަހައި މެޗު އެއްވަރުކޮށްފައެވެ. 

އެކެއް އެކަކުން ދެ ޓީމު އެއްވަރުވެފައި ވަނިކޮށް ދެވަނަ ފަހަރަށް ބެންގަލޫރަށް ކުރި ހޯދައިދިނީ، މިދިޔަ ސީޒަންގައި މޯހަން ބަގާންއަށް ކުޅުމަށް ފަހު މި ސީޒަންގައި ބެންގަލޫރަށް ބަދަލުވި ބިދޭސީ ފޯވާޑު ރޮއީ ކްރިޝްނާއެވެ. އެކަމަކު މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން މޯހަން ބަގާންއިން ދެވަނަ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 2-2 އަށް ބަދަލު ކުރިއެވެ. 

އިތުރު ވަގުތު 15 މިނިޓުގެ ދެ ހާފަށްފަހުވެސް ނަތީޖާއަށް ބަދަލެއް ނައުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި ބެންގަލޫރުގެ އެއް ކުޅުންތެރިއެއްގެ ޕެނަލްޓީ މޯހަން ބަގާންގެ ގޯލް ކީޕަރު މަތަ ކުރިއިރު އިތުރު ކުޅުންތެރިއެއްގެ ޕެނަލްޓީ ގޯލަށް އަމާޒުނުވެ ބޭރަށް ގޮސް ބެންގަލޫރަށް މެޗު ގެއްލުނީއެވެ. 

އައިއެސްއެލްގެ ފައިނަލަށް ބެންގަލޫރު މި ފަހަރު ދިޔައިރު، ލީގުގައި ކުރީކޮޅު އެ ޓީމުން ފެނުނީ ދަށް ކުޅުމެވެ. ލީގުގެ ކުރީކޮޅު އާދަޔާ ހިލާފަށް ދަށް ކުޅުމެއް ކުޅުނު ނަމަވެސް ފަހުން ފަހުން ރަނގަޅުކޮށް ގަދަ ހަތަރެއްގެ ތެރޭ ހިމެނި ޕްލޭ އޮފުން ފުރުސަތު ހޯދައި އަދި ޕްލޭ އޮފްގައި ކެރެލާ ބްލާސްޓާއާއި، މުމްބާއީ އެފްސީގެ ބަލިކޮށް ފައިނަލުން ފުރުސަތު ހޯދީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް