
މައުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީއެއްގެ މައްސަލައެއްގައި ފުލުހުން ހޯދަމުންދާ މީހަކު ފޮރުވައިގެން ގެންގުޅޭ ކަމަށް ތުހުމަތުކޮށް ކޯޓު އަމުރުގެ ދަށުން ރޭ ހައްޔަރު ކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނޭ އެކަކީ ލ. ގަމު ޓީމުގެ އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ. އެކަން ބައެއް އޮންލައިން މީޑިއާތަކުންވަނީ ކަށަވަރުކަމާއެކު ރިޕޯޓްކޮށްފައެވެ.
ޖެންނޭއަކީ ލ. އަތޮޅު ގަމަށް، ގޯލްޑަން ފުޓްސަލް ޗެލެންޖު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.
އެނގިފައިވާ ގޮތުގައި ފައިނަލް މެޗު ކުޅެމުން ދިޔަ ވަގުތު ކޯޓު އަމުރާ އެކު، އެ ކުޅުންތެރިޔާ ހައްޔަރުކުރަން ފުލުހުން ނިންމިޔަސް އޭނާ ގެންދިޔައީ ފައިނަލް މެޗު ނިމުމުންނެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ޖުނައިދު ގެންގޮސްފައި ވަނީ މެޗު ނިމުމާ އެކުއެވެ. މުބާރާތުގެ އެވޯޑް ހަފްލާގައި އޭނާއަށް ބައިވެރި ނުވެވޭ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ފުލުހުން ހޯދަމުންދަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މިދިޔަ މަހުގެ 15 ގައި ހޯދަން އިއުލާންކުރީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ އިބްރާހިމް ފައިހް ނިޒާމް، އެވެ. އެނގިފައިވާ ގޮތުގައި އޭނާ ހޯދަމުން ދަނީ މިދިޔަ ޖެނުއަރީ، 14 ވަނަ ރޭގެ ދަންވަރު މާލޭގެ ކެފޭއަކަށް ވަދެ މީހަކު ޒަހަމުކޮށްލި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭތީ އެވެ.