
އެފްއޭއެމުން ގައުމީ ފުޓްސަލް ލީގެއް ފަށަން ނިންމާފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ކުޅިވަރު ވަޒީރު މަހްލޫފާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު ކުރެއްވި ޓްވީޓުގައި ބައްސާމްވަނީ މިއަހަރުގެ މެދުތެރޭ ގައުމީ ފުޓްސަލް ލީގު ފަށާނެކަން ހާމަ ކުރައްވާފައެވެ.
ގައުމީ ފުޓްސަލް ލީގެއް އެފްއޭއެމުން ފަށާނެކަން ބައްސާމް ހާމަ ކުރެއްވިއިރު، ސްޕޯޓްސް އެވޯޑްސްގައި ފުޓްސަލް ނުހިމެނޭތީ ގިނަ ބަޔަކުވަނީ އެކަމާ ނުރުހުންވެފައެވެ. ފުޓްސަލްއަކީ ރާއްޖޭގައި މިހާރު އެންމެ މަގްބޫލު ކުޅިވަރެވެ.
ބައްސާމް ވިދާޅުވީ ފުޓްސަލް ލީގުގެ ތަފްސީލް ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށެވެ.
އެފްއޭއެމުން ކުރިންވެސް ފުޓްސަލް މުބާރާތެއް ބޭއްވިއެވެ. އެކަމަކު އެފްއޭއެމްގެ އެހެން ހަރަކާތްތަކޭ އެއްގޮތަށް މާ ބޮޑު ސީރިއަސް ކަމެއް އެ މުބާރާތުން ނުފެނި، މުބާރާތްވަނީ މެދު ކެނޑިފައެވެ.