ads
ވެލާގެ އާބާދީއަށް އަންނަ ބަދަލު ދެނެގަތުމަށް ވަންދޫގައި ދިރާސާއެއް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ:އެންވަޔަރަންމަންޓް މިނިސްޓްރީ
ވެލާގެ އާބާދީއަށް އަންނަ ބަދަލު ދެނެގަތުމަށް ވަންދޫގައި ދިރާސާއެއް
ވެލާގެ އާބާދީއަށް އަންނަ ބަދަލު ދެނެގަތުމަށް ރ. ވަންދޫގައި ދިރާސާއެއް ކުރަން ނިންމައިފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނި ގޮތުގައި މި ދިރާސާ ކުރަނީ އެ މިނިސްޓްރީ އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަދި އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރުޕީ) ގުޅިގެން ކަމުގައެވެ. އެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހުގެ މުއްދަތަށް ވަންދޫގެ ގޮނޑުދޮށް ބަލަހައްޓައި، ވެލާގެ އާބާދީއަށް އަންނަ ބަދަލުތައް ބަލައި، ވެލާ އާލާވާ މިންވަރު ދެނެގަތުމަށް ދިރާސާ ކުރާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.

އެ އެއްބަސްވުމުގެ ދަށުން ދިރާސާގެ މަސައްކަތަށް ވެމްކޯއިން އެސިސްޓެންޓް އެންވަޔަރަންމަންޓަލް ސޭފްގާޑްސް އޮފިސަރުން ނަގައި އޯއާރުޕީ އާ ގުޅިގެން އޮފިސަރުން ތަމްރީނު ކުރާނެއެވެ. އެ އޮފިސަރުންގެ ޒިންމާއަކަށް ވާނީ އެ ރަށުގައި ވެލާ ބިސް އަަޅާ ތަންތަން ބަލަހައްޓައި ހިމާޔަތް ކުރުމެވެ. މީގެ އިތުރުން ވަންދޫގައި މަސައްކަތް ކުރާ ވެމްކޯގެ މުވައްޒަފުން ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.    

ވެމްކޯއިން ބަލަހައްޓަމުން އަންނަ ވަންދޫއަކީ އުތުރުގެ ބައެއް އަތޮޅުތަކުގައި އުފެދޭ ކުނި، މެނޭޖުކުރުމަށް ގެންދާ ރަށެކެވެ. މިނިސްޓްރީން ބުނެފައިވަނީ އެ ރަށަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން، ބިސް އެޅުމަށް އެންމެ ގިނައިން ވެލާ އަރާ އެއް ރަށް ކަމަށެެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގައި ވެލާ އާލާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 2021 ވަނަ އަހަރު، އީޕީއޭ އާ ގުޅިގެން ރ. އިންނަމާދޫގައި ޕައިލެޓް މޮނިޓަރިން ޕްރޮޖެކްޓެއް ހިންގި ކަމުގައެވެ. ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ދިރާސާއިން، އެ ރަށަށް ވެލާ އަރައި ބިސް އަޅާ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާކަން ފާހަގަކުރެވުނު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް ހިމާޔަތްކޮށްފައިވާއިރު، ވެލަ އާއި ކަހަނބުގެ ބާވަތްތައް ހިފުމާއި ބިސް ނެގުމުގެ އިތުރުން ގޯނާކުރުމަކީ މަނާކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް