ads
ރައީސް ސޯލިހް އަދި މިނިސްޓަރު މާރިޔާ
ވަލިއްޔުލްއަމްރުގެ ސަލާމަތްތެރިކަން ވެސް ކަށަވަރެއް ނުވި!
ހެނދުނުއިރު އެރިއިރާއެކު މުޅި ސޯޝަލްމީޑިއާގައި އެކި ފަރާތްތަކުން ބަންޑުންކޮށްލީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މޮޓޮކޭޑަށް ބަޔަކު ހުރަސްއަޅާ ހުއްޓުވި ވާހަކައެވެ. އެތަނުން ބަޔަކު ހައްޔަރުކުރި ވާހަކައެވެ. ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މުޒާހިރާ ކުރަން ތިބި މީހުން ކުރީ "ވިޔާނުދާ" ކަމެއްކަމަށް ބުނަމުންދިޔައިރު، ސަރުކާރާއި ދެކޮޅު ފަރާތްތަކުން ބުނަމުންގެންދިޔައީ އެމީހުން މުޒާހިރާ ކުރަމުންދިޔަތަނަށް ރައީސްގެ މޮޓޮކޭޑް ވައްދަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމުގައި އެވެ.

ރައްޔިތުންގެ މަޖިލީގެ ޖަލްސާ ފެށުމާއިއެކު، މަޖިލިސްތެރެއިންވެސް ދެކެވުނީ މިވާހަކައެވެ. އެއްބަޔަކު ގޮވާލީ ދިފާއީ ވަޒީރުގެ އިސްތިއުފާއަށެވެ. އަނެއްބަޔަކު ގޯސްކުރީ މުޒާހިރާ ކުރަމުންދިޔަ މީހުންނެވެ.

ހަނދާނަށް އަންނަނީ، ޑިފެންސް މިނިސްޓަރު ކަމުގައި މިހާރުގެ ދަގެތީގެ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ގެ ގެކޮޅުން ފިސްތޯލައެއް ހޯދާ، ފުލުހުން ނާޒިމްގެ އެޕާޓްމަންޓް ބަލާފާސްކުރި ކުރުމަށްފަހު ނާޒިމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކައެވެ. ވިދާޅުވީ އެއްވެސް ރައްޔިތަކަށް ސަލާމަތެއް ނެތްކަމުގައި އެވެ. ރޭގެ މަންޒަރުން ހަގީގަތުގައިވެސް ސިފަވެގެން ދިޔައީ އެކަހަލަގޮތަކަށެވެ.

އެއީ ގައުމުގެ އެއްމެ އިސްވެރިޔާ ދަތުރުކުރައްވަމުން ދިޔަ މޮޓޮކޭޑް ބަޔަކު ހުއްޓުވައި، އޭގެ ކުރިމައްޗަށް އަރައި އަޑުގަދަކޮށް ކަންތައްކުރުމުންނެވެ. ދައުރުވަމުންދާ ވީޑިއޯތަކުން، ހަތިޔާރު އެޅި ސިފައިން މުޒާހިރާގެ ބައެއް ބައިވެރިން ރައީސް އިންނެވި ކާރުކޮޅާއި ހަމައަށް ދާން މަސައްކަތްކުރާމީހުން ހުއްޓުވާ ކޮއްޕާ ހެދިތަންވެސް ފެނުނެވެ. އެގޮތަށް އެތާގައި 15 ވަރަކަށް މިނިޓް މޮޓޮކޭޑް މަޑުކޮށްލައިގެން އޮތް އެވަގުތު ސިފަވެގެން ދިޔައީ ހަގީގަތުގައިވެސް ވަރަށްވެސް ނުރައްކާތެރި ވަގުތުކޮޅެއްގެ ގޮތުގައިއެވެ. އެއީ، އެވަގުތު އެތާގައި ތިބި މީހުން، ކާރުކޮޅަށް އަރިގަންނަން މަސައްކަތްކުރިނަމަ، ސިފައިންނާއި އާއްމުންނާއި ދޭތެރޭ ކުރިމަތިލުމެއް ހިނގާ، ހަތިޔާރު ބޭނުންކުރަންޖެހިދާނެވެސް ފަދަ ހާލަތަކަށް ވުމުންނެވެ.

މިކަމާއި ބެހޭގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ޕީޕީއެމް ގެ ސަޕޯޓަރުން އެހެއްދެވީ ވަރަށް ބޮޑު ގޯހެއްކަމަށާއި، އަދި މިހާދިސާއަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީ ބަލަހައްޓަވާ އެމްއެންޑީއެފް އިންވެސް، ރައީސުލްޖުމްހޫރިއްޔާ އެއްތަނުން އަނެއްތަނައް ކުރައްވަވާ ދަތުރުތަކުގެ ސެކިއުރިޓީ ބެލެހެއްޓެވުމާއި ގުޅޭގޮތުން ހެދިފައިވާ ޕްރޮޓޮކޯލްތައް އަލުން ރިވިއުކުރަންޖެހޭނެކަމަށް ފެނިވަޑައިގަންނަވާކަމަށެވެ. މީގެއިތުރުން ޒިންމާ ނަންގަވާޖެހޭ ފަރާތުން މެދު އަމަލުކުރާނެ ގޮތް ނިންމަވަންޖެހޭނީ، އެމްއެންޑީއެފް އިން ކަމަށާއި، އެއީ އާއްމުކޮށް ހުޅުވާލައިގެން ކުރަންޖެހޭކަމެއް ނޫންކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ސީއެންއެމް އާއި ވާހަކަދައްކަވަމުން ވިދާޅުވީ، އެއީ އެމްއެންޑީއެފް ގެ ފެއިލިއާ އެއް ކަމަށާއި، އެކަމުގެ ފުރިހަމަ ޒިންމާ އެމްއެންޑީއެފް އިން ނަންގަވަން ޖެހޭނެ ކަމަށެވެ. އަދި މީގަ ގޯސްވީ ބަޔަކު ތަނެއްގަ މުޒާހިރާ ކުރުން ނޫންކަމަށާއި، އެހެންނަމަވެސް އެތަނަށް މޮޓޯކޭޑް ވަނުމަފަހު، ބަޔަކު މޮޓޯކޭޑް ހުއްޓުވައި، ހުރަސްއެޅި ކަމަށްވަންޏާމު، އެއީ ގޯސްކަމެއް ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ރައީސް ސެކިއުރިޓީ ބަލަހައްޓަވާ މީހުންގެ ތެރޭގައި އަމަލުކުރަންޖެހޭ "ފަށަލަ" ތަކެއް ހުންނާނެކަމަށާއި، އޭގެ ތެރެއިން ފުރަތަމަ ފަށަލައިގައި ހިމެނޭ މީހުންނަކީ، ރައީސް ދަތުރުކުރައްވާ މަގުތަކާއި، ވަޑައިގަންނަވާ ތަންތަން ބަލާ ދިރާސާކޮށް، ކުރީބައިގަ އެމައުލޫމާތު ހަށިފާރަވެރިންނާއި ހިއްސާކުރަންޖެހޭ މީހުންކަމަށާއި، ރޭގެ ފެނިގެންދިޔައީ، އެމައުލޫމާތު ލިބެންޖެހޭ ފަރާތްތަކަށް ނުލިބި އޮތުމުގެ ސަބަބުން ދިމާވި ހާދިސާއެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި މީގެ އިތުރުން، ރައީސް ދަތުރުކުރައްވަން ހަމަޖައްސަވާފައި އޮންނަންޖެހޭނީ އެއްމެ މަގެއް ނޫންކަމަށާއި، ކަމެއްދިމާވެއްޖެނަމަ، ކޮންޓިންޖެންސީ ރޫޓް އެއްވެސް އޮންނަންޖެހޭނެ ކަމަށާއި އެހެންނަމަވެސް، ރޭގަ، 15 މިނިޓް ވަންދެން މޮޓޮކޭޑް ހުއްޓުވާފައި އޮތުމުން އޭގެއިން ދޭހަކޮށްދެނީ، ކޮންޓިންޖެންސީ ރޫޓްވެސް ކަނޑައެޅިފައި ނެތުން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އަދިމިކަމުގެ ފުރިހަމަ ޒިންމާ އެމްއެންޑީއެފް އާއި އެމްއެންޑީއެފް ގެ ފަރާތުން މިކަމާއި ހަވާލުވެގެން ހުންނެވި ފަރާތުން ނަގަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމްތައް އަދާކުރައްވާ ފަރާތްތަކުގެ ސެކިއުރިޓީ ބެލެހެއްޓެވުމުގައި ކުރިން ހަރަކާތްތެރިވި ބޭފުޅަކު، ނަންނުޖެހުމަށް ޝަރުތުކޮށް ސީއެންއެމް އަށް ވިދާޅުވީ، މުޒާހިރާކުރާތީވެ، ބެރިކޭޑް ޖަހާ ބަންދުކޮށްފައި އޮތްތަނަކަށް، މޮޓޮކޭޑް ވައްދަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭކަމަށާއި، އެއީ ރައީސްގެ މޮޓޮކޭޑް ދަތުރުކުރާ މަގުތަކަކީ، ކުރިން ބެލި، ސާވޭ ކުރެވި، މަގުތަކާއި ބެހޭ މައުލޫމާތު ހަށިފާރަވެރިންނާއި ހަމައަށް ލިބިފައި އޮންނަންޖެހޭ ކަމެއް ކަމަށާއި، އަދި އަމުދުން މުޒާހިރާކުރަމުންދާ މަގެއްގެ މައުލޫމާތު ކުރިން ލިބިފައިނެތުން އެއީ "ލަދުވެތި" ކަމެއްގެ ގޮތުގައި ސިފަވާކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ. މީގެ އިތުރުން ފެނިގެން ދިޔައީ ވަރަށް ނުރައްކާތެރި ހާދިސާއެއް ކަމަށާއ، މިފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް، މީގަ އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅެންޖެހޭނެކަމަށް ދެކޭ ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

މިހާދިސާގެ އިތުރުންވެސް، ގއ.ވިލިގިއްޔަށް ރައީސް ވަޑައިގެންނެވި ދަތުރުފުޅާއި، ގދ.ތިނަދޫއަށް ރައީސް ވަޑައިގެންނެވި ދަތުރުފުޅުގެ ތެރޭގައިވެސް ރައީސް ގެ ސެކިއުރިޓީ ބްރީޗްވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ސުވާލަކީ، ކޮންމެ ރެއަކުހެން ކަހަލަގޮތަކަށް، އިދިކޮޅު ޕީޕީއެމް ގެ ސަޕޯޓަރުން ސަރުކާއިދެކޮޅަށް މުޒާހިރާ ކުރަން އެއްވާ ސަރަހައްދަކަށް، އެމީހުން މުޒާހިރާގައި ވަނިކޮށް، ރައީސް ދަތުރުކުރައްވަމުން ދިޔަ މޮޓޮކޭޑް ވަންނަން ޖެހުނީ ކީއްވެތޯއެވެ. އަދި މުޒާހިރާކުރަމުންދާ މީހުންގެ މޫވްމަންޓް ފުލުހުންގެ ފަރާތުން ސިފައިންނާއި ހިއްސާނުކުރެވެނީ ތޯއެވެ. ހިއްސާކުރެވިފައިވާނަމަ، އެމަގުން ދަތުރުކުރަން ނިންމެވީ ކިހިނެތް ކޮންގޮތަކުންތޯއެވެ. އަދި ދާދި ފަހަކުން، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ފުރާނަފުޅަށް ނުރައްކާވާވަރުގެ ބޮމުގެ ހަމަލައެއް ދެވިފައިވަނިކޮށް، ދައުލަތުގެ އެއްމެމަތީ ފަރާތްތަކަށް އަރުވާ ސެކިއުރިޓީ ކަންކަން ރިވިއުކުރެވިފައިވަނީ ކިހާމިންވަރަކަށްތޯއެވެ.

14%
ކަމުގޮސްފި
71%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް