
ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ސީއެންއެމް އާއި ވާހަކަދައްކަވަމުން ވިދާޅުވީ ރޭ ހިނގާދިޔަ ކަންތައްތަކަކީ އެއީ އެމްއެންޑީއެފް ފެއިލިއާ އެއް ކަމަށެވެ.
ރައީސް ސޯލިހްގެ މޮޓޮކޭޑް ހިފަހައްޓާ، 15 މިނެޓް ފަހުން އަނބުރާ އައިކޮޅަށް ދާންޖެހުނު ހާދިސާއާ ގުޅިގެން ނާޒިމް ވިދާޅުވީ އެކަމުގެ ފުރިހަމަ ޒިންމާ އެމްއެންޑީއެފް އިން ނަންގަވަން ޖެހޭނެ ކަމަށެވެ.
ރައީސް ސެކިއުރިޓީ ބަލަހައްޓަވާ މީހުންގެ ތެރޭގައި އަމަލުކުރަންޖެހޭ "ފަށަލަ" ތަކެއް ހުންނާނެކަމަށާއި، އޭގެ ތެރެއިން ފުރަތަމަ ފަށަލައިގައި ހިމެނޭ މީހުންނަކީ، ރައީސް ދަތުރުކުރައްވާ މަގުތަކާއި، ވަޑައިގަންނަވާ ތަންތަން ބަލާ ދިރާސާކޮށް، ކުރީބައިގަ އެމައުލޫމާތު ހަށިފާރަވެރިންނާއި ހިއްސާކުރަންޖެހޭ މީހުންކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
އަދި ރޭގައި ފެނިގެންދިޔައީ، އެމައުލޫމާތު ލިބެންޖެހޭ ފަރާތްތަކަށް ނުލިބި އޮތުމުގެ ސަބަބުން ދިމާވި ހާދިސާއެއް ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރޭގެ ހާދިސާގެ ފުރިހަމަ ޒިންމާ އެމްއެންޑީއެފް އާއި އެމްއެންޑީއެފް ގެ ފަރާތުން މިކަމާއި ހަވާލުވެގެން ހުންނެވި ފަރާތުން ނަގަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ރައީސްގެ ސެކިއުރިތީ ބްރީޗްވި މައްސަލަ ބެލުމަށް އެމްއެންޑީއެފުން މިހާރުވަނީ ކޮމެޓީއެއް އެކުލަވާލާފައެވެ.
އެންއެންޑީއެފުން ބުނީ މިމައްސަލަ ބެލުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާއިރު، ސައީސްގެ ސެކިއުރިޓީ ކޮމާންޑަރު އަބްދުﷲ އިބްރާހިމް ސަސްޕެންޑްކޮށް ރައީސްގެ ސެކިއުރިޓީ ކޮމާންޑަރުކަމަށް ވަގުތީގޮތުން މޭޖަ އިބްރާހިމް ހަލީމް އައްޔަންކޮށްފައިވާ ކަމަށެވެ.