
މާލީ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އުޅޭ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ތިން މަހެއްހާ ދުވަސް ވެއްޖެ ކަމަށް އެ އިދާރާގެ ބައެއް މުވައްޒަފުން ބުންޏެވެ. އަދި ރޯދަ މަސް ފެށެން ގާތްވެފައިވާއިރުވެސް ރޯދަ އިނާޔަތްވެސް އަދިވެސް ނުދޭ ކަމަށް އެފްއޭއެމްގެ ބައެއް މުވައްޒަފުން ބުނާތީ، އެކަމާ ގުޅިގެން އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ ހުސެއިން ޖަވާޒްއާ ސުވާލު ކުރުމުން ވިދާޅުވީ، ރޯދަ މަސް ފެށުމުގެ ކުރިން އިނާޔަތު ފައިސާ ދޭނެ ކަމަށެވެ.
އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރައިގެ މައްސަލަތައް ދިމާވަމުން އަންނަތާ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެއެވެ. މިދިޔަ އަހަރުވެސް ރޯދަ މަހުގެ އިނާޔަތު ފައިސާ ނުދީގެން އެ މައްސަލަ ފެންމަތިވިއެވެ. އެހެންނަމަވެސް ފަހުން އެ ފައިސާވަނީ ދީފައެވެ.
މާލީ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އުޅޭ އެފްއޭއެމުން، ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނަށް މުސާރަ ނުދީގެން ފީފާއިންވެސް އެ މައްސަލައިގެ ތެރެއަށް ވަދެފައިވެއެވެ.
މީގެ އިތުރުން އެފްއޭއެމްގެ ކަރަންޓް ބިލްތައް ނުދައްކައިގެން އެ އިދާރާއިން މި ފަހުން ކަރަންޓްވެސް ކަނޑާލިއެވެ. އަދި ފަހުން އެކަން ހައްލު ކުރީ ސަރުކާރުން އެކަމުގެ ތެރެއަށް ވަދެގެން ކަމަށްވެއެވެ.