
2018 ވަނަ އަހަރުގެ ޖުލައި މަހު، ބ. އަތޮޅު ރިސޯޓުގައި، ލައިސެންސް ނެތް މީހަކު ދުއްވި ޑިންގީއަކުން ޖެހި ޗައިނާ މީހަކު މަރުވި މައްސަލަ އަލުން ބަލަން ހައިކޯޓުން އެންގީ ހޯމަ ދުވަހުއެވެ.
މި މައްސަލަ ކުރިން ބަލާފައިވަނީ ބ. އޭދަފުށީ ކޯޓުންނެވެ. އޭދަފުށީ ކޯޓުން އެ މައްސަލަ ނިންމާފައިވަނީ ޑިންގީ ދުއްވި މީހާގެ ނަފްސާނީ ހާލަތަށް ރިއާޔަތްކޮށް، އެ މީހާއަކީ ދައުވާލިބިގަތުމާއި، ކުރެވޭ ހުކުމް ބަލައިގަތުމަށް ނުކުޅެދިގެންވާ މީހެއްކަން ޝަރީއަތަށް ސާބިތާ ކަމަށް ބުނެ، ދައުވާ ބާތިލުކޮށެވެ.
އޭދަފުށީ ކޯޓުގެ އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އެންގީ މައްސަލަ އަލުން ބަލާށެވެ.
މި މައްސަލަ ފުރަތަމަ ބަލަމުން ގެންގޮސްފައިވަނީ ހދ. ކުޅުދުއްފުށީގައި ހުރި ހައިކޯޓުގެ އުތުރު ގޮފިންނެވެ. އެހެންނަމަވެސް އެ ގޮފި، ގާނޫނަށް ގެނައި ބަދަލާއެކު އުވާލުމުން ހައިކޯޓުގެ މާލޭގައި ހުންނަ މައި ގޮފިން އަލުން މައްސަލަ ބަލައި ހުކުމް ކުރީ ހޯމަ ދުވަހުއެވެ.
ހާދިސާ ހިނގާފައިވާ ގޮތް
މުހައްމަދަކީ (އަސްލު ނަމެއް ނޫން) ބ. އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. މުހައްމަދު އަތަކު ކަނޑު ދަތުރުފަތުރު ކުރުމުގެ ލައިސެންސެއް ނޯވެވެ. 01 ޖުލައި 2018 ދުވަހު 10:30 އެހައިކަށްހައިރު، ރިސޯޓުގައި ބޭނުންކުރާ 'އަ ލިޓްލް ނޯޓީ' ނަމަކަށްކިޔާ ޑިންގީ ދުއްވާފައި މުހައްމަދު ދިޔައީ އެރިސޯޓުގެ މެނޭޖަރ ބަލައެވެ.
އެ ދިޔަ ދިޔުމުގައި ބާރު ސްޕީޑްގައި ފަރުވާކުޑަކޮށް ދުއްވާފައި ދަނިކޮށް، ސްނޯކްލް ކުރަން މޫދަށް އެރެތިބި ޗައިނާގެ ދެފަތުރުވެރިންގެ ގައިގާ ޑިންގީއިން ޖެހުމުގެ ސަބަބުން އޭގެން އެކަކު މަރުވެއެވެ. އެކަމާ ގުޅިގެން ދައުލަތުން މުހައްމަދުގެ މައްޗަށް މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އުފުލިއެވެ. މައްސަލަ ހުށަހެޅީ ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށެވެ.
އެއާއި އެކު ދައުލަތުން ހައިކޯޓަށް މައްސަލަ ހުށަހަޅައި ހައިކޯޓުގައި އެދުނީ އެ މައްސަލަ އަލުން ބަލައި ދިނުމަށް އޭދަފުށީ ކޯޓަށް އަމުރުކޮށްދިނުމަށެވެ.