
އެސްޓީއޯގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކުންފުނިން ގެންނަ ކާށި ޝިޕްމެންޓް މި މަހުގެ 27 ވަނަ ދުވަހު ރާއްޖެއަށް ވަންނާނެ ކަމަށެވެ. މިއީ މިގޮތަށް ރާއްޖޭން ބޭރުން ކާށި ގެންނަ ފުރަތަމަ ފަހަރެވެެ.
އަމްރު ވިދާޅުވި ގޮތުގައި ރޯދަ މަހު ތަކެތީގެ އަގު އެހެން އަހަރުތަކެކޭ އެއްފަދައިން ބޮޑު ވިޔަ ނުދިނުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން ދާ ކަމުގައެވެ.
ބާޒާރުގައި ކާށި ލިބުން ދަތިވެފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ރުއްތަކަށް ގޮތް ނޭނގޭ ބަލިތަކެއް ޖެހި، މަތިވަރު ހުސްވުމާ ގުޅިގެންނެވެ.
މި މަސް ފެށުނުއިރު ބާޒާރުގައި ކާއްޓެއް ލިބެން ހުރީ 25 ރުފިޔާއަށެވެ. އެހެން ނަމަވެސް ކާށި ލިބުން ދަތިވެ، އަގު އުފުލުމާ ގުޅިގެން އިންޑިއާއިން އެތެރެކޮށްގެން ބާޒާރުގައި ދަނީ ކާށި ވިއްކަމުންނެވެ.
ކޮންމެ ރޯދަ މަހަކުވެސް ބާޒާރުގައި އާންމު ކާބޯތަކެތީގެ އަގުތައް އަތްފޯރާފަށުގައި ހިފެހެއްޓުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އަމާޒެއް ކަމަށް އެސްޓީއޯއިން ބުނެއެވެ. އެގޮތުން ބާޒާރުގައި ލިނބޯގެ އަގު އުފުލެން ފެށުމާ ގުޅިގެން އެސްޓީއޯއިން ވަނީ ރާއްޖެއަށް ލިނބޯ އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ފަށާފައެވެ. އޭގެ އިތުރުން، އެ ކުންފުނިން ވަނީ ފިޔާ، ބިސް އަދި އަލުވީގެ ހޯލްސޭލް އަގު އިތުރަށް ހެޔޮކޮށްފައެވެ.
އެސްޓީއޯއިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން ބިސް، ފިޔާ އަދި އަލުވީގެ ބޮޑު ޝިޕްމަންޓެއް ރޯދައަށް ހާއްސަކޮށް ގެނެސްފައިވާ ކަމަށާއި އެތަކެތި ހުސްނުވެ ލިބެން ހުންނާނެ ކަމުގައެވެ. އެކަން އެގޮތަށް ކުރުމުގެ ބޭނުމަކީ ރޯދަ އާ ދިމާކޮށް އެ ބާވަތްތަކަށް އޮންނަ ޑިމާންޑް ބޮޑުވެ މާކެޓުން އެތަކެތި ހުސްވެ އަގުތައް ބޮޑުވާތީ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.