"އުމަރު 2023" ގެ ސިޔާސަތުތަކާއި ބެހޭގޮތުން ސީއެންއެމް އާއި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، އުމަރުގެ ވެރިކަމެއްގައި 12000 ގޯތި މާލެ ސަރަހައްދުން ދޭނެ ކަމަށާއި، އެކަމަށްޓަކައި ވިސްނުންތެރިކަމާއި އެކު މަސައްކަތްކޮށްފިނަމަ، ކުރިއަށް އޮތް 200 އަހަރުވެސް މާލެ ސަރަހައްދުން ގޯތި ދެވޭނެކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އުމަރުގެ ވެރިކަމެއްގައި އެކަން ކުރާނީ، ހުޅުމާލެއާއި ގުޅިފަޅުގެ އިތުރުން ގިރާވަރުފަޅާއި އަދި އުތުރު ތިލަފަޅު ހިއްކައިގެންކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ފަޅުތައް ހިއްކުމަކީ ތިމާވެއްޓާއި ބީރައްޓެހި ކަމެއް ނޫންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ، ފަޅުތައް ހިއްކުމުން ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށާއި، އެކަމަކު ފަޅުތައް ހިއްކައިގެން ރިސޯޓް ހެދޭއިރު، ފަޅުތައް ހިއްކައިގެން ގޯތި ނުދެވެންވީ ސަބަބެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
ތިމާވެށި ހިމާޔަތްކުރަނީ އިންސާނުންގެ ދިރިހުރުމަށް ބޭނުންވާކަމަށް ވާތީ ކަމަށްވާއިރު، ތޮއްޖެހިގެން އުޅޭ ތަނެއްގައި ދުޅަހެޔޮ އާބާދީއެއް އާލާކުރެވޭނެ ގޮތެއް ނެތްކަމަށާއި، އެހެންކަމުން އެއްމެ ފުރަތަމަ އިސްކުރާނީ، ދިވެހިންގެ ދިރިއުޅުން ކަމަށާއި، ތިމާވެށި ހިމާޔަތްކުރެވޭނީވެސް ދުޅަހެޔޮ ޖީލަކަށް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
މިހާރުވެސް ފްލެޓް ލިބޭފަރާތްތަކުން ސަރުކާރަށް ފައިސާ ދައްކަންޖެހިފަ، ގޯތި ލިބޭ ފަރާތްތަކަށް ހިލޭ ގޯތި ދޭން އުޅޭތީވެ، ފްލެޓް ތަކުގައި އުޅޭ ރައްޔިތުންގެ ކުރާ ޝަކުވާއަށް ދެއްވާނީ ކޮން ޖަވާބެއްތޯ އެއްސެވުމުން އުމަރު ވިދާޅުވީ، އެއްވެސް ފަރާތަކަށް ހިލޭ ގޯއްޗެއް ދެވިގެން ނުވާނެ ކަމަށާއި، އެކަމަކު މާކެޓް ވެލިއުއިން ވެލިއު ކޮށްގެން އަގުބޮޑުކޮށް ވިއްކައިގެން ވެސް ނުވާނެކަމަށެވެ. އަދި އުމަރު ދެއްވާ ގޯތި ދޭނީ "ކޯސްޓް ޕްރައިސް" ނުވަތަ އަސްލު އަގުގައި، ސަރުކާރަށް ކޮންމެވެސް އެއްޗެއް ދޭންޖެހޭ ގޮތަކަށް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ގޯއްޗެއް ނުލިބި، ފްލެޓްތަކުގަ ނޫނީ އެޕާޓްމެންޓްތަކުގަ އާއިލާތައް އުޅެންޖެހުމުގެ ސަބަބުން ޖީލެއް ގެ ދުޅަހެޔޮކަން ގެއްލިގެން ގޮސްފި ކަމަށާއި، އެކަން އެހެންވަނީ، ގެއިން ބޭރަށް ނިކުމެ، އަމިއްލަ "ގޯތި" ތެރޭގައި ހަރަކާތްތެރި ކޮށް އުޅޭނެ ގޮތެއް ނެތުމުންކަމަށާއި، އޭގެ ބަދަލުގައި މިހާރުގެ ޖީލުން ބޮޑަށް ބަރޯސާވަނީ ކޮންމެވެސް ސްކްރީނަކަށް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އެހެންނަމަވެސް، އަމިއްލަ ގޯއްޗެއް އޮވެފަ، ކުޅެ، މަޖާކުރާނެ އަދި ހަރަކާތްތެރިވާނެ ހުސް ބިން އޮންނަނަމަ އެހެން ނުވާނެ ކަމަށާއި، އެތަފާތު މިހާރުވެސް ރާއްޖެތެރޭގައި ރަށްރަށުގައި އުޅުއްވާ ފަރާތްތަކާއި މާލޭގައި އުޅުއްވާ ފަރާތްތަކުގެ ދުޅެހެޔޮކަމަށް ބަލާލުމުން ފެންނާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ސަރުކާރުން ވެސް މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހުޅުމާލެއިން 1000 ގޯތި އަދި ގުޅިފަޅުން 4000 ގޯތި ދޭނެ ޕްރޮގްރާމެއް އިފްތިތާހްކޮށް، ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް ބަލައިގަނެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.