
ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމުގައި ހުރި މުހައްމަދު ނިޒާމް، 2019 އަހަރުގެ ފަހުކޮޅު ހައިކޯޓުން ކަނޑާލީ، އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓުން ސިޔާސީ ގިނަ ޕޯސްޓްތަކެއްކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބޭއަދަބީ ޕޯސްޓްތަކެއް ކޮށްފައިވާތީ އެ މައްސަލަ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ތަހުގީގުކުރުމަށް ފަހުއެވެ.
ނިޒާމް ހައިކޯޓުން ކަނޑާލުމުން އޭނާވަނީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ދައުލަތާ ދެކޮޅަށް ދައުވާކޮށްފައެވެ. އެ ދައުވާގައި އޭނާވަނީ އަލުން ވަޒީފާ ދިނުމުގެ އިތުރުން ގެއްލުމުގެ ބަދަލާއި އެކު ޖުމްލަ މިލިއަނެއްހާ ރުފިޔާ ދައުލަތުން ނަގައިދިނުމަށް އެދިފައެވެ.
މި މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އެ މައްސަލައިގައި ނިޒާމް ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށެވެ. މިދިޔަ އޭޕްރީލް މަހު ނިންމާފައިވާ އެ މައްސަލަ ނިޒާމުގެ ފަރާތުންވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައިކޯޓުން މި މައްސަލަ ބުދަ ދުވަހު ބަލައި ނިންމީ، މައްސަލަ އަލުން ބެލުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަންގައެވެ.
މި މައްސަލަ ތަހުގީގުގައި ނިޒާމު ބުނެފައިވަނީ އޭނާގެ ފޭސްބުކް އެކައުންޓް ހެކްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، އެކަން އެއްވެސް ފަރާތަކަށް އޭނާ ހުށަހަޅާފައި ނުވާނެ ކަމަށް ނިޒާމު ބުނެފައިވެއެވެ.
ނިޒާމަކީ، ހައިކޯޓުގެ ކުރީގެ ދެ އިސްފަނޑިޔާރުން ކަމަށްވާ އަބްދުﷲ ދީދީ އަދި ޝުޖާއު އުސްމާނާ ގާތް ގުޅުމެއް އޮންނަ މީހެކެވެ. ހައިކޯޓުގެ އިދާރީ އިސް މަގާމަކަށް ނިޒާމް އައްޔަންކޮށްފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފަހުންނެވެ. ރިޔާސީ އިންތިހާބުގައި ނިޒާމް އުޅުނީ ރައީސް ޔާމީނަށް ކެމްޕޭނު ކުރުމުގައެވެ.