
ދިވެހި ކުޅިވަރުގެ ތާރީހުގައި މިހާތަނަށް ފަށާ އެންމެ އަގުބޮޑު އެއް ޕްރޮޖެކްޓްގެ ގޮތުގައި ހުޅުމާލޭގައި އަޅާ ޓެނިސް ކޮމްޕްލެކްސްގެ މަސައްކަތުގެ ހަރަދުކުރައްވަނީ ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮނަނަރީ ޕްރެޒިޑެންޓް އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ނަޒީރު (ކްރައުން ނަޒީރު) އެވެ.
ޓެނިސް ކޮމްޕްލެކްސްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާއެވެ. ހުޅުމާލޭގެ އިންޑޯ ސްވިމިން ކޮމްޕްލެކްސްގެ މަސައްކަތް ނިންމާފައިވަނީ މި ކުންފުނިންނެވެ.
ދުނިޔޭގެ ފެންވަރުގެ ފެސިލިޓީތަކާއެކު އަޅާ މި ޓެނިސް ކޮމްޕްލެކްސްގައި ފަސް ޓެނިސް ކޯޓު ހިމެނޭނެއެވެ. އިންޑޯ ތިން ކޯޓު އަދި އައުޓްޑޯ ދެ ކޯޓު މި ޓެނިސް ކޮމްޕްލެކްސްގައި ހިމެނޭނެއެވެ. މި ޓެނިސް ކޯޓުތައް ހަދާނީ ފުރަތަމަ ފަންގިފިލާގައެވެ. މީގެއިތުރުން މި ފެސިލިޓީގައި ޒަމާނީ ފެންވަރުގެ ޖިމަކާއި ސައުނާ ޖަކޫޒީގެ އިތުރުން ކޮންފަރެންސް ބާއްވާ ހޯލަކާއި ރީޓެއިލް ފިހާރަތައް ހުންނާނެއެވެ.
މި ބިޔަބޮޑު މަސައްކަތް ކުރުމަށް ރޮޓައިމް ކުންފުންޏަށް ހަވާލުކޮށްފައިވަނީ 250 މިލިއަން ރުފިޔާއަށެވެ.