
ވެމްކޯއިން ބުނީ ގެނައި މި ބަދަލާ އެކު ގޭގެއިން ކުނި ނެގުމުގެ ހިދުމަތްދެމުން ގެންދާނީ ރޭގަނޑުގެ ވަގުތުގައި ކަމަށެވެ.
ގޭގެއިން ކުނި ނެގުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފެށުމަށް ނިންމާފައި ވަނީ، ތަރާވީހު ނަމާދުކޮށް ނިމޭހާ ވަގުތުކޮށްފައި ކަމަށް ވެމްކޯއިން ބުނެއެވެ.
މާލެ ސަރަހައްދުން ކުނި ނެގުމުގެ ހިދުމަތްދޭ ގަޑިތައް
- މާލެ - 20:30 އިން ފެށިގެން 2:30 އަށް
- ހުޅުމާލެ - 21:00 އިން ފެށިގެން 1:00 އަށް
- ވިލިމާލެ - 22:00 އިން ފެށިގެން 2:00 އަށް
މާލެ ސަރަހައްދުގައި ރޭގަނޑުގެ ވަގުތުގައި ކުނި ނެގުމަށް ނިންމާފައިވީ ނަމަވެސް ވެމްކޯއިން ހައުސްހޯލްޑް ކަލެކްޝަނުގެ ހިދުމަތްދޭ އައްޑޫ އަދި ފުވައްމުލަކުން ކުނި ނަގާނީ ހެނދުނުގެ ވަގުތުގައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ވެމްކޯއިން ބުނީ އައްޑޫ އަދި ފުވައްމުލަކުގައި ކުނި ނެގުމުގެ ހިދުމަތް ދޭނީ ހުކުރު ދުވަސްތައް ފިޔަވައި ހަފުތާގެ އެހެން ދުވަސްތަކުގައި ކަމަށެވެ.
- އައްޑޫ (ގުޅިފައިވާ ރަށްތައް) - 7:00 އިން ފެށިގެން 11:00 އަށް
- އައްޑޫ (ހުޅުމީދޫ) - 9:00 އިން ފެށިގެން 16:00 އަށް
- ފުވައްމުލައް - 8:00 އިން ފެށިގެން 12:00 އަށް
މި ރޯދަ މަހު ކުނި ނެގުމުގެ ހިދުމަތްދޭ ގަޑިތަކާ އެކު، އެ ކޯޕަރޭޝަނުން ވަނީ ރޯދަ މަހު އިދާރީ ހިދުމަތްތައް ދޭނެ ގަޑިތައްވެސް އާންމުކޮށްފައެވެ.
- މައި އޮފީހުން ހިދުމަތް ދޭނީ ހެނދުނު 9:00 އިން ފެށިގެން މެންދުރު 1:00 އަށް
- ކޯލް ސެންޓަރުގެ ހިދުމަތް ހެނދުނު 9:00 އިން ފެށިގެން މެންދުރު 2:00 އަށް އަދި ރޭގަނޑު 9:00 އިން ފެށިގެން 12:00 އަށް
ވެމްކޯއިން ބުނެފައިވާ ގޮތުގައި އަންނަ މަހުން ފެށިގެން ކުނި ނަގަމުން ދާނީ އިމާރާތުގެ އެންމެ ތިރިން ކަމަށާއި ޑޯ ސްޓެޕްއިން ކުނި ނުނަގާނެ ކަމުގައެވެ. ޑޯ ސްޓެޕްއިން ކުނި ނަގަން ބޭނުންވާ ނަމަ ޖެހޭނީ ޕްރިމިއަމް ހިދުމަތަށް ވަކިން އެދެން ކަަމަށާއި އެ ހިދުމަތުން ނަގާ އަގު ތަފާތުވާނެ ކަމަށް ވެސް ވެމްކޯއިން ބުނެއެެވެ.
އެ ކޯޕަރޭޝަނުން ބުނެފައިވަނީ މި އަންނަ އެޕްރީލު މަހުން ފެށިގެން ވެމްކޯއިން ދެމުންދާ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ނަގަމުން ދާނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ބިލުގައި ހިމަނައިގެން ކަމަށެވެ.