އެއީ ހަބަރުގެ ހަމައެކަނި ސުރުހީ ކިޔާލުމަށްފަހު ނިންމާލާ ނިންމާލުމެވެ. ހަބަރުގެ ތަފްސީލުތަކަށް ނުދިއުމެވެ. މިހެންވުމަށް ދިމާވާ އެތައް ސަބަބެއް އެބަހުއްޓެވެ. އެހެން ނަމަވެސް މިކަމަކީ އެންމެ ރަނގަޅުކަމެކެޭ ބުނެވޭކަށް ނެތެވެ.
ހަބަރު ކިޔާ ފަރާތްތަކުން ގިނަފަހަރު ހަމައެކަނި ހަބަރުގެ ސުރުހީ ކިޔާކަން ހާމަވަނީ، އެހަބަރާއި ގުޅޭގޮތުން އެމީހަކު ދެކޭގޮތް ސޯޝަލް މީޑިއާގައި ހިއްސާކުރާއިރު ލިޔެފައި ހުންނަ އެކި ލިޔުންތަކުންނެވެ. ފޭސްބުކް ސްޓޭޓަސްތަކާއި ޓްވީޓްތަކެވެ. ކިޔުންތެރިން އެހަބަރާއި ގުޅޭގޮތުން ކޮށްފައިހުންނަ ސުވާލާއި ހަބަރާއި ގުޅޭގޮތުން އެކި ޝުއޫރުތައް ފާޅުކޮށްފައިހުންނައިރު، އެމައުލޫމާތުތައް ހަބަރުގެ ތަފްސީލުގައި ހުންނަ ފަހަރުތައްވެސް އާދެއެވެ. މިކަމުން ހާމަވަނީ ކިޔުންތެރިޔާ ހަމައެކަނި ސުރުހީ ކިޔުމަށް ފަހު އެ ސުރުހީގެ މައްޗަށް ގޮތް ނިންމާކަމެވެ.
ރާއްޖެ އަދި ދުނިޔެވެސް މިވަގުތު އޮތީ ހައްސާސް ދަނޑިވަޅެއްގައެވެ. ކޮރޯނާ ވައިރަހުގެ ބިރުވެރުކަން މުޅި ގައުމުވަށާލާފައި ވާއިރު، މިކަމުގައި ނޫސްވެރިން އަންނަނީ ރައްޔިތުންނަށް އެންމެ ފަހުގެ ތެދު މައުލޫމާތު ގެނެސް ދިނުމަށް މަސައްކަތް ކުރަމުންނެވެ. އެހެން ކަމުން މިފަދަ ދަނޑިވަޅެއްގައިވެސް ހަމައެކަނި ހެޑްލައިން ކިޔާލައިގައި ފަރުޖައްސާލުން ބުއްދިވެރި ވަގުތެއް ނޫނެވެ.
ހެޑްލައިނަކީ ހަމައެކަނި އެ ހިނގާދިޔަ ކަމަކާއި ގުޅޭގޮތުން ފާހަގަ ކުރެވޭ ކުރު ހުލާސާއެއް، ނުވަތަ މީހަކު ބުނި ވާހަކަތަކުގެ ތެރެއިން ވާހަކައެއް ނުވަތަ އޭގެން ބައެއް ހިމެނޭގޮތަށް ލިޔާ އެއްޗެކެވެ. މުޅި ހަބަރުގެ ޑީޓެއިލްސް އެ ހެޑްލައިނުން ލިބޭނެ ކަމަށް ކިޔާފަރާތްތަކުން ދެކިގެން ނުވާނެއެވެ.
ކޮރޯނާ ވައިރަހުގެ ސަބަބުން މި އޮތް ބިރުވެރިކަމުގައި ކަމާ ގުޅޭ އިދާރާތަކުން މިކަމުގައި ދެއްވާ އިރުޝާދުތައް ފުރިހަމައަށް ކިޔުމަކީ ނުހަނު މުހިންމު ކަމެކެވެ. އަދި އެކި ފަރާތްތަކުން މިކަމާ ގުޅޭގޮތުން ދައްކަވާ ވާހަކަތަކާ މެދު ހަމައެކަނި ހެޑްލައިން ކިޔާލައިގެން ގޮތެއް ނިންމުމުގެ ބަދަލުގައި ތަފްސީލަށް ގޮސް، އެއަށްފަހު ގޮތް ނިންމުން މުހިންމެވެ.
މިހެން ބުނި ކަމުގައި ވީނަމަވެސް "ކްލިކްބެއިޓް" އަށް ސުރުހީ ލިޔާފަރާތްތަކާއި ފަހަރުތައް އަންނަކަން ފާހަގަ ކުރެވެއެވެ. އަދި އެއީ ރާއްޖޭގެ ނޫސްވެރިންގެ ތެރެއިން މަދުބަޔަކު ކުރާކަމަކަށް ނުނީ ނުވެނުދާނެ އެވެ. ކިޔުންތެރިން މިކަމަށްވެސް ސަމާލުވާންޖެހެއެވެ.
ކިޔުންތެރިޔާ ހަމައެކަނި ހެޑްލައިން ކިޔުމަށްފަހު އެ ހެޑްލައިންގައި އޮތް އެއްޗެއްގެ މައްޗަށް ބިނާކޮށް އެ ހަބަރު ލިޔާ ކުއްޖާ ކުށްވެރިކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެންމެ ކުޑަކޮށްވެސް ފުރަތަމަ ދެތިން ޕެރެގްރާފް ކިޔާލައްވާށެވެ.
ޔަގީންވާ ކަމަކީ ހަމައެކަނި ހެޑްލައިން ކިޔާ މުޖުތަމައެއް ފަސާދަވާން ފަސޭހަވާނެ ކަމެވެ. އެއީ އެފަރާތްތައް އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ދާނީ އެކަމުގެ ބައިކުޅަބައި މައުލޫމާތު ލިބިގެންކަމަށްވީތީއެވެ.