ads
މި އަހަރުގެ ތެރޭގައި ކޮރެއަން އެއާގެ ދަތުރުތައް ފެށޭނެކަމަށް އުންމީދުކުރައްވާކަމަށް ޓޫރިޒަމް މިނިސްޓަރު ވަނީ ވިދާޅުވެފައި - ފޮޓޯ:ކޮރެއަން އެއާ
މި އަހަރު ކޮރެއަން އެއާގެ ދަތުރުތައް ފެށޭނެކަމުގެ އުންމީދު ބޮޑު: މައުސޫމް
މި އަހަރުގެ ތެރޭގައި ދެކުނު ކޮރެއާގެ ކޮރެއަން އެއާގެ ދަތުރުތައް ރާއްޖެއަށް ފެށޭނެކަމަށް އުންމީދުކުރައްވާކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ދެކުނު ކޮރެއާ އާއި ރާއްޖެ އާ ދެމެދު ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން ގާއިމުކުރި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މައުސޫމް ވިދާޅުވެފައިވަނީ އެ އެއްބަސްވުމާ އެކު ދެ ގައުމު ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ކޮރެއާގެ އެއާލައިންތަކާއި ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މައުސޫމް ވިދާޅުވި ގޮތުގައި މި އަހަރުގެ ތެރޭގައި ކޮރެއަން އެއާގެ ދަތުރުތައް ފެށުނީމާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ.

ދެކުނު ކޮރެއާ އާއި ރާއްޖެ އާ ދެމެދު ވެވުނު އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮރެއާގެ ޓޫރިޒަމް އޮގަނައިޒޭޝަންގެ ނައިބު ރައީސް ލީ ޖައެ ހުވާން ވިދާޅުވީ އެ އެއްބަސްވުމާ އެކު އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް ކޮރެއާގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށެވެ.

ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން ދެކުނު ކޮރެއާ އާއި ރާއްޖެ އާ ދެމެދު ގާއިމުކުރި އެެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމެވެ. ކޮރެއާގެ ފަރާތުން ސޮއިކުރެއްވީ ކޮރެއާ ޓޫރިޒަމް އޮގަނައިޒޭޝަނުގެ ނައިބު ރައީސް ލީ ޖައެ ހުވާންއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ޖެނުއަރީ މަހު ކޮރެއާއިން ރާއްޖެއަށް 3،087 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަަހަރުގެ ޖެނުއަރީ މަހު އެ ގައުމުން އައިސްފައިވަނީ 990 ފަތުރުވެރިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް