
"ދަ ބޭޭޑެސްޓް މޭން އޮން ދަ ޕްލެނެޓް" (ދުނިޔޭގެ އެންމެ ނުލަފާ މީހާ) ގެ ގޮތުގައި ބޮކްސިން ދުނިޔޭގައި މަޝްހޫރު ޓައިސަން އަކީ ހުރިހާ ޒަމާނެއްގެ އެންމެ މޮޅު ހެވީވެއިޓް ބޮކްސިން ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ.
ނަމަވެސް ބޮކްސިން ރިންގުގެ ބޭރުގައި މައިކް ޓައިސަން ގިނަ ފަހަރަށް އުޅެވުނީ ގާނޫނުގެ ގޯސް ފަރާތުގަ އެވެ. މައިކް ޓައިސަން ރޭޕްގެ ކުށް 1992 ވަނަ އަހަރު ސާބިތުވެ ދުނިޔޭގެ ޗެމްޕިއަން ބޮކްސިން ކުޅުންތެރިޔާ ވަނީ ތިން އަހަރު ޖަލުގައި ހޭދަކޮށްފައެވެ.
މައިކް ޓައިސަން އަކީ އަބަދުވެސް އެކްސެންޓްރިކް ކެރެކްޓަރަކަށް ވާއިރު، ‘އަޔަން މައިކް’ އިން ޖަލުގައި ހުރި ދުވަސްވަރު އޭނާގެ ޝަހުސިއްޔަތަށް ބަދަލެއް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރިޕޯޓްތައް ބުނާގޮތުން މައިކް ޓައިސަން ވެސް އިސްލާމްދީނަށް ބަދަލުވީ އިސްލާމީ ދަރުސްތަކާއި ޢަގީދާތަކުގެ ތެރެއިން ތަސައްލީ ބަލައިގަތުމަށްފަހުގައެވެ.
މައިކް ޓައިސަން
މައިކް ޓައިސަންއަށް ރޭޕްގެ ކުށް ސާބިތުވުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވިއެވެ. މައިކް ޓައިސަން އޭރު މަޝްހޫރުވެފައިވަނީ އަނިޔާވެރި ޝަހުޝިއްޔަތެއްގެ ގޮތުގައެވެ. ޖަލުން ދޫކޮށްލުމަށްފަހު ދިން އިންޓަވިއުއެއްގައި މައިކް ޓައިސަން ބުނީ އިސްލާމްދީނާ ބެހޭ ފޮތްތައް ކިޔުމަށްފަހު ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ.
އޭނާ އިސްލާމްވިކަން ދުނިޔޭގެ ގިނަބަޔަކަށް ހާމަވީ 2010 ވަނަ އަހަރު މައްކާގައި ހައްޖުގެ އަޅުކަން އަދާކުރަމުން ދަނިކޮށް ފެނުމުންނެވެ.
މައިކް ޓައިސަން ހައްޖުގައި
މައިކް ޓައިސަން އިސްލާމްވުމަށްފަހު އޭނާގެ ނަން ވެސް ބަދަލުކުރިއެވެ. ރިޕޯޓްތައް ބުނާގޮތުން މައިކް ޓައިސަން މުސްލިމަކަށް ވުމަށްފަހު އޭނާގެ ނަން މަލިކު އަބްދުލް އަޒީޒަށް ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް މުޅި ބޮކްސިން ކެރިއަރުގައި ވެސް އޭނާ ދިޔައީ “މައިކް ޓައިސަން” ގެ ނަމުން ކަމަށާއި އޭނާ އިސްލާމްވުމަށް ފަހު އޭނާގެ ޕްރޮފެޝަނަލް ބޮކްސިން މުބާރާތްތަކުގެ ތެރެއިން އެއްވެސް މުބާރާތެއްގައި އޭނާގެ މުސްލިމް ނަން ދުވަހަކުވެސް ބޭނުންކޮށްފައެއް ނުވެއެވެ.