
މިއީ ޝާހީންއަށް އާކަމެއްނޫނެވެ. މެންދަމުގެ ވަގުތުވިޔަސް، މެންދުރުގެ ވަގުތުވިޔަސް އިރުއަރާ ނުވަތަ އޮއްސޭ ވަގުތުވިޔަސް، ހުސްނީ ގޮވައިގެން އަވަސްފަރުވާއަށް އަންނާންޖެހުމަކީ ޝާހީންގެ ދުވަހުގެ ތާވަލުގައި ހިމަނަންޖެހިފައިވާ ކަމެކެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ފުލުހުންނަށް ރިޕޯޓްކޮށްފިއެވެ. އެއް ދޮރުން ވައްދާފައި އަނެއްދޮރުން ނިކުތުން ނޫންކަމެއް ނުވެއެވެ. އޭގެ ބަދަލުގައި އަނިޔާގެ ޝިކާރައަކަށްވަނީ ޝާހީންއެވެ. ރިޕޯޓްކުރާ ކޮންމެ ފަހަރަކު ތިންހަތަރު ދުވަހުގެ ޗުއްޓީ ނަގަންޖެހެއެވެ. ކުރާ އަނިޔާގެ ނިޝާންތައް ފަސްއަޅައި ފޮރުވުމަށެވެ.
ހުސްނީގެ އަތަށް ގުޅާފައި އިން އައިވީގެ މެދަށް ދިޔައިރު ޝަހީންގެ ލޮލުގެ އެސްފިޔަތައް ބަރުވާން ފަށައިފިއެވެ. ލޯ ހުޅުވައިގެން އިނުމަކީ ދަތިކަމަކަށް ވިއެވެ. ހުސްނީ ބާއްވާފައި އޮތް އެނދުގެ ގާތަށް ގޮނޑިދަމާލުމަށްފަހު އެ އެނދުގެ މަގަތުގައި ޝާހީން ބޯއަޅާލީ އައިވީ ހުސްވުމާއި ހަމައަށް ކުޑަވަގުތުކޮޅެއްގައި ނަމަވެސް ނިދާލުމަށް ހިތައް އަރައިގެންނެވެ.
އެސްފިޔަތައް އުފުލާލާނެ ހިތްވަރެއް ނެތަސް ނިންޖަކީ ޝަހީންއާއި ރުޅި އެއްޗެކެވެ. ލިބިފައިވާ އެތައް އަނިޔާއެއްގެ ވޭން މިވަގުތުވެސް ހަށިގަނޑުގެ އެތައްމިތަނުގައި ވިންދުޖަހައެވެ.
ގެވެށިއަނިޔާއާއި ޖިސްމާނީ ރިހުމަށް ޝާހީން ތައްޔާރެވެ. އަތްދިގުކޮށް ހެދުންއެޅުމަކީ ކައިވެންޏަށްފަހު ޝާހީންއަށް މަޖުބޫރުވިކަމެކެވެ. ރެއާދުވާލު ފިރިމީހާ ކޮއްފައި ހުންނަ އަނިޔާތައް ރައްޓެހިންގެ ލޯތަކަށް ފޮރުވުމަށް އެއީ ފަރުދާއެކެވެ. މޭކަޕްއެއީ ޝަހީންގެ އެއްވެސް އިރެއްގެ މަގުބޫލްކަންހޯދި އެއްޗެއް ނޫނެވެ. މިހާރު އެއީވެސް ޝާހީންއަށްޓަކައި ފަރުދާއެކެވެ. މޫނާއި ކަނދުރާގައި ނޫފައިގަތްފައި ހުންނަ އެތައް ތަނެއް ފޮރުވަނީ އެކަމަށް ވަގުތުތަކެއް ހޭދަކޮށްގެންނެވެ.
ޚިޔާލްގެ އޮއެވަރުން އައްސޭރިފަށަށް ޝާހީން ގެނެސްދިނީ ނަރުހެކެވެ. މިވަގުތައް އަނެއްކާވެސް ހުސްނީ ދޫކޮށްލީއެވެ. ގޮވައިގެން ގެއަށް ދާންވީއެވެ. އަނެއްކާވެސް އެ ކޮޓަރިއެވެ. ދެކެން ބޭނުންނުވާ ކިތަންމެ މަންޒަރެއް އެ ހަތަރުފާރުތެރެއިން ބަލަން މަޖުބޫރެވެ. ތަހައްމަލްކުރާން ދަތި ކިތަންމެ ވޭނަކާއި ގިސްލުމުގެ އަޑަށް އެ ހަތަރުފާރު ހެކިވާނެއެވެ. ކުލިދައްކަނީވެސް ޝާހީންއެވެ. ވޭން އުފުލަނީވެސް ޝާހީންއެވެ.
ކުކުރުމާއި ވޭނުގެ އަޑުތަކަށްވެސް ކަންފަތް ތައްޔާރުކުރާންވީއެވެ. ޝާހީންގެ މިރޭގެ ނިދިވެސް ޚަރާބުވީއެވެ. ގުލްކޯޒާއި މެންޑެރިންނާއި ކިރުތަށި ދިނުމުގައި ރޭ ހަތަރުދަމު ހޭދަކުރާންވީއެވެ. އަމިއްލަ ހާލައިގެން ތެދުވެވޭވަރުވުމާއެކު ލޯކުރިމަތީން ގެއްލޭނެއެވެ. ދާތަނެއް ނުވަތަ އުޅޭތަނެއްވެސް އިނގޭނީ ހުސްނީއަށެވެ. ބާރުގަދަ މަސްތުވާތަކެތި ބޭނުންކޮށް ފުރާނަ ދާވަރުވުމުން ކޮންމެ ފަހަރަކުވެސް ޖެހޭނީ ޝަހީންއާއެވެ. ހުސްނީގެ އެކުވެރި އައްޑޭއަށް ޝާހީންގެ ނަންބަރު ދީފައި އޮންނަނީ ހުސްނީއެވެ. ނޭފަތާއި އަނގައިން ލޭއައިސް ފުރާނަ ދާވަރުވުމުން ކޮންމެ ފަހަރަކު ޝާހީންއަށް ގުޅަނީ އައްޑޭއެވެ.
ހުސްނީގެ އާއިލާއަކީ މާލޭގައި ވިޔަފާރިތައްކުރާ ތަނަވަސް ބައެކެވެ. އާއިލާއާއި އޮތް ގާތްކަމާއި ގުޅުން ކެނޑިގެންދިޔައީ މަސްތުގެ ސަބަބުންނެވެ. އާއިލީ ފިހާރަތަކަށްވަދެ ވަތްގަނޑުން ފައިސާވެސް ގެންދަނީއެވެ. އެތަންތަނަށްވަދެ މުވައްޒަފުންނާއި ދިމާއަށް ހަޑިހުތުރުބަހުން އެއްޗހިކިޔަނީއެވެ. ކިތަންމެ އަވަސްއަވަހަށް ދިނަސް، އެ ދޭ ފައިސާއަކަށް ހުސްނީ ރުހެނީއެއްނޫނެވެ. މައިންބަފައިނާއި އާއިލާގެ އެހެން މެންބަރުން ގުޅުންކަނޑާލުމުން އެހުރިހާ ބުރައެއްވެސް އުފަލަނީ ޝާހީންއެވެ. ޝާހީން ނޫން އެހެންމީހަކު ހުސްނީގެ ހަޔާތުގައި ނެތްކަން ގަބޫލުކުރިޔަސް، މި ނުބައި އަމަލުގެ ތެރެއިން ނިކުތުމަށް ހުސްނީ އެއްވެސް މަސައްކަތެއް ނުކުރެއެވެ.
ދެމަފިރިންގެ މި އާއިލާގައި މަސައްކަތްކޮށް އާންމުދަނީ ހޯދާ ހަމައެކަނި މީހަކީ ޝާހީންއެވެ. މަސް ނިމެންވާއިރު އަތުގައި އެކައްޗެއްވެސް ނޯވެއެވެ. އެކައުންޓުގައި ރައްކާކުރާ ފައިސާކޮޅުވެސް އެގޮތްމިގޮތުން ކޭޝްކާޑް އަތުލައިގެންވެސް ހުސްކޮށްލަނީއެވެ. ހަތަރެސްފައިގައި މަންމަ އަޅުވައިދިން އެންމެ ރަންކޮޅެއްވެސް މިހާރަކު ނެތެވެ. ގަހަނާގެ ގޮތުގައި ބޭނުންކުރާނެ އަނގޮޓިއެއްގެ މިންވަރުވެސް ޝާހީން އަތުގައި ނެތެވެ. މިދިރިއުޅުން ދޫކޮށް ހަމަޖެހޭ ދިރިއުޅުމެއްގެ ތެރެއަށް ދިއުމަށް ރައްޓެހިންނާއި އާއިލާގެ އެންމެން ޝާހީންގެ ކިބައިން ތަކުރާރުކޮށް އެދެފިއެވެ. ހުސްނީއަށްޓަކައި ޝާހީންގެ ހަޔާތް ބަރުބާދުކޮށްލުން ހައްޤު ނޫންކަމުގައި ރަށްޓެހިން ވިސްނައިދެއެވެ. އެއީ ޝަހީންވެސް ދަންނަ ހަގީގަތެކެވެ. ނަމަވެސް އެހެން މީހުންނަށް ނޭގެނީ ޝާހީންއަށް މިދިއުޅުން ދޫކޮށްލެވެން ނެތްކަމެވެ. ދުނިޔޭގެ ލަދަށްޓަކައެވެ.
ތިންއަހަރު ކުރީގެ މާޒީއެވެ. ވިލާކޮލެޖުން ނިކުމެގެން ޝާހީން މިސްރާބުޖެހީ ގެއާއި ދިމާއަށެވެ. މާދަމާއަށް ނިންމަންޖެހޭ އެސައިންމެންޓެއް އޮތީމައެވެ. ބައެއް ކުދީން އެހެންކުދީންނާއި ވާހަކަދައްކައި ލުމަށް މަޑުކޮށްލިއެވެ. އެންމެ މިނެޓަކީވެސް ޝާހީންއަށް އަގުހުރި އެއްޗެކެވެ. ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅިއާއެކު ތަރުތީބުގެއްލެމުންދިޔަ އިސްތަށިތައް ރަގަޅުކޮށްލިއެވެ. ފުންނޭވާއެއް ދޫކޮށްލެވުނީ ޝާހީން ޓިއުޝަން ނަގައިދޭ ކުދިންގެ ތެރެއިން އެއްވެސް ކުއްޖެއްގެ ޓިއުޝަން މިރޭ ނެތީމައެވެ. ތާވަލުގައި އޮތް ކްލާސްވެސް ކެންސަލްކުރީ އެދަރިވަރު މިރޭ ސްކޫލަށް ދާން އޮތުމުންނެވެ. ދުވަހުގެ ހުރިހާ ވަގުތެއް އަމިއްލަ މަސައްކަތައް ހުސްކޮށްލާން ޝާހީން ނިންމިއެވެ. ދަބަހުގައި އޮތް ފޯނު ވައިބްރޭޓްވާންފެށީ އެވަގުތުއެވެ. ސްކްރީނުން ފެންނަމުންދިޔައީ 'ލަވް'އެވެ. ހިނިތުންވަމުން ޝާހީންގެ ފޯނު ކަންފަތުގައި ޖައްސާލިއެވެ.
" ހެލޯ ލަވް! " ލޯބިގޮތަކަށް ހިނިތުންވެލާފައި ޝާހީން ގޮވާލިއެވެ. ދެންވެސް ވާހަކަދެއްކީ އޭނާއެވެ.
މަންމާ.. އަޅުގަނޑު ގެއަށް ގޮސްފައި މަންމައަށް ގުޅާލާނަން.. އަދި މިހުރީ މަގުމަތީގައި.. ހަމަ ދެންމެ މި ނިކުތީ ކޮލެޖުން.. މާދަމާއަށް ނިންމަންޖެހޭ އެސައިންމެންޓެއްވެސް އެބައޮތް.. މަންމައަށް އިނގޭތަ؟ މިއަދު ޓިއުޝަންތައްވެސް ކެންސަލް! އެހެންވީމަ ހުރިހާ ވަގުތެއް އަޅުގަނޑުގެ އަމިއްލަ ކިޔެވުމަށް ހުސްކޮށްލެވޭނެ.. މިއަދު ލާރިއެއްވެސް ނުގެނެވޭ.. އެހެންވެ އެއްވެސް އެއްޗެއް ނުކައި މިހިރީ ވަރަށް ބަނޑުހައިވެސް ވެއްޖެ.. އެކަމާ މަންމަ ހާސްނުވާތި. އެގޭ ދައްތަ އޮފީހަށް ދާނީ ހުރިހާ ކުދީންނަށް ވާވަރަށް ކައްކާފަ.. ގެއަށް ދާގޮތައްގޮސް ފެންވަރައިގެން ނަމާދުކޮށްގެން ކާނީ.. މަންމަގެ މި ދަރިފުޅުގެ އެންމެ ފަހު ސެމިސްޓަރގެ ދުވަސްތައް މިހާރު މިއީ.. އިންޝާ ﷲ ކޮލެޖުން އެންމެ މޮޅު ދަރިވަރުގެ އެވޯޑް މަންމައަށް ހޯދައިދޭނަން" މާނޭވާއެއް ދޫކޮށްލަމުން ޝާހީންގެ މުޅިދުވަސް މަންމަގެ ކުރިމަތީގައި ހުޅުވާލިއެވެ.
ހިނިތުންވަމުން ލޯތްބާއެކު ފަޒީލާ ވާހަކަދެއްކިއެވެ. ނޭވާލައިގެން ދަރިފުޅު ވާހަކަދެއްކިޔަސް މަންމަ އަޑުއަހާނަންކަމަށް ބުންޏެވެ. މަންމަގެ ފުރިހަމަ އިތުބާރު ދަރިފުޅަށް އަބަދުވެސް އޮންނާނެކަމާއި މަންމަގެ ހެޔޮ ދުޢާ ދަރިފުޅާއެކުވާނެކަމަށް މަންމަ ބުންޏެވެ. ދަރިފުޅުގެ ވާހަކަތައް އަޑުއަހަން މަންމައަށް އަބަދުވެސް ވަގުތު އޮންނާނެއެވެ. ޓިއުޝަންދިނުމާއި އެހެންމީހުންގެ ކަންކަމުގެ ޒިންމާތަކުގައި ވަގުތުހޭދަނުކޮށް ޝާހީންގެ ކިޔެވުމަށް މިހާރަށްވުރެން ވަގުތު ދިނުމަށް މަންމަ ނަސޭހަތްދިނެވެ.
ޝާހީންގެ ކޮލެޖް ފީގެ އިތުރުން އެއްވެސް ޚަރަދެއް މައިންބަފައިންގެ ފަރާތުން އޭނާ މިހާރު ނުނަގައެވެ. ދަރިފުޅު ޓިއުޝަންދެނީ ކީއްވެކަން ފަޒީލާއަށް އިނގެއެވެ. އެކަން މަނާކުރިޔަސް، ބަދަލެއް ނާންނާނެކަންވެސް އޭނާއަށް އިނގެއެވެ. ޝާހީން ހުންނަ ގެއަށް ދައްކަންޖެހޭ ފީގެ އިތުރުން ކޮލެޖްގަޑީގެ އިންޓަރވަލްއަށް ބޭނުންވާ ފައިސާއާއި އެހެނިހެން ޚަރަދަކީވެސް އޭނާ އަމިއްލަ މަސައްކަތުން ހޯދާ ފައިސާއެވެ. ޝާހީންގެ ހަގަށް އިތުރު ދެކުދިންތިބޭތީ އެކުދީންގެ ޚަރަދުތަކަށް މަންމައާއި ބައްޕަ އިސްކަންދިނުން މާ ރަގަޅުވާނެކަމަށް ޝާހީން ބުނެއެވެ.
މަންމަގެ ފޯނު ނިންމާލިއިރު ޝަހީން ހުންނަ ގެއާއި ދާދި ގާތްވެއްޖެއެވެ. ކުއްލިޔަކަށް ކުރިމައްޗަށް ހުއްޓާލީ ރަތްކުލައިގެ ޖީއެން ސައިކަލެކެވެ. ފިލްމީ ގޮތަކަށް ޒުވާނަކު ޝާހީންއަށް ގޮވާލާފައި އެއްލޯ މަރާލިއެވެ. އަދި ދާދި އަވަހަށް އޭނާގެ މީހަކަށް ޝާހީންވާނެކަމަށް ބުނެލިއެވެ. ހައިރާންކަން ލިބުނީ އެޒުވާނާ ޖެހިލުމެއްނެތި ޝާހީންގެ ނަމުން މުޚާތަބްކުރީތީއެވެ. ޒުވާނާއާއި ދިމާއަށް ޝާހީންއަށް ބަލައިލެވުނީ ނިއްކުރިއަށް ރޫއަރުވާލާފައެވެ.
ދާދި ގާތުގައިވެސް ދަންނަ މީހަކު ހުރިތޯ ބަލައިލިއެވެ. ދުވަހަކުވެސް ދެކެފައިނުވާ ޒުވާނަކު ޝާހީންގެ ނަމުން އޭނާއާއި މުޚާތަބުކުރުމުން ތަފާތު އިހުސާސެއް ކުރެވުނީއެވެ. އެދުވަހުގެ ފަހުން ކޮންމެ ދުވަހަކު މަގުމަތީން އެޒުވާނާ ބައްދަލުކުރެއެވެ. އުނދަގުލެއް ނުކުރާތީ ޝާހީންވެސް ހިނިތުންވާން ފެށިއެވެ.
ޚިޔާލުގެ ތެރެއިން ޝާހީންއަށް ނިކުމެވުނީ ހުސްނީގެ ކުކުރުމުގެ އަޑަށެވެ. ހަމަހޭވެރިކަމެއް ވާއިރަށް 'އެތިކޮޅަކަށް' އެދި އާދޭސްކުރާންނެއެވެ. މިއީ އާކަމެއް ނޫނެވެ. އެއަޑުތައް ތަހަންމަލްކުރާން ޝާހީންއަށް ފަސޭހައެއް ނޫނެވެ. އެނދުގެ ކައިރީގައި ބަހައްޓާފައިހުރި ތާފަނާ ފެން ތައްޓެއްގެ ތެރެއަށް ކުޑަ ތުވާލިކޮޅެއް ލާފައި ތެންމާލިއެވެ. އަދި އެ ފެލައިލުމަށްފަހު ހުސްނީގެ މޫނު ސާފުކޮށްލިއެވެ. ލައިގެން އޮތް ގޮޅިޖެހި ގަމީހުގެ ގޮއްތައް ނައްޓުވާން ފެށުމުން ދެފަހަރަކު ޝާހީންގެ އަތް ފޮޅުވާލިއެވެ. ހުސްނީގެ އެއްވެސް ހަރަކާތަކަށް ސަމާލުކަމެއްނުދީ ޝާހީންގެ މަސައްކަތް އޭނާ ފުރިހަމަކުރިއެވެ. ތާފަނާ ފެނުން ހަށިގަނޑު ސާފުކޮށްދީފައި އަންނައުނު ބަދަލުކޮށްދިނީވެސް ޝާހީންއެވެ. ރުހުމުގައިވެސް ނުރުހުމުގައިވެސް ހުސްނީއަށް ޝާހީން ބަހެއް ނުބުނެއެވެ. ހޮސްޕިޓަލުން ގެނައީއްސުރެން ޝާހީންގެ ދޫ ބަންދުވެފައިވާކަހަލައެވެ.
ކޮޓަރިތެރޭގައި އިންނަ ކުޑަކުޑަ ގޭސްއުނދުން ރޯކޮށްލުމަށްފަހު ތަރުކާރީ ސޫޕްކޮޅެއް ހަދާލާފައި ހުސްނީއަށް ދިނުމަށްފަހު ޝާހީންވަނީ ފެންވަރާށެވެ. ބައިގަޑީރުފަހުން ފާޚާނާއިން ނިކުތްއިރު އެނދުމަތީގައި ހުސްނީއެއް ނެތެވެ. ޝާހީންގެ އަމިއްލަ ނަފުސު ކުއްވެރިކުރެވުނެވެ. ދިރިއުޅުމަށް ކުރާނެ އިތުރު އުއްމީދެއް ނެތުނީކަން ގަބޫލުކުރީއެވެ. މިތަނުން ސަލާމަތްވުން ފަސޭހަ ނުވާނެކަންވެސް އެގެއެވެ. މަދަދު އެދިގެން ދާނެ ދިމާއެއްވެސް ނެތެވެ.
ގަޑީން ފަތިހު ފަހެއްޖަހައިފިއެވެ. ނަމާދަށް ގޮވީ ދާދިދެންމެއެވެ. މުސައްލައާއެކު ނަމާދުދޮޅި ފައްޖަހައިލާފައި އަލަމާރީގައި ބާއްވާލިއެވެ. ވަރުބަލިކަމާއި މާޔޫސްކަން ނޫނީ ޝާހީންގެ މޫނުމަތީން ނުފެނެއެވެ. އަމިއްލަ ނަސީބާއިމެދު ހިތުގައި ޝަކުވާ އުފެދުނެވެ. އެކަނިވެރިކަމާއި ހިމޭންކަމަކީ ޝާހީންގެ އެކުވެރީންނެވެ.
މަންމައާއި ބައްޕަ އަދި އާއިލާގެ ހުރިހާ އެންމެންގެ ނުރުހުމުގައި ޝާހީންކުރި ކައިވެނި އޭނާގެ ހަޔާތަށް ބޮޑު ޒަލްޒަލާއެއް ގެނުވީއެވެ. އެދުވަހު ހަގީގަތް ހާމަކުރެވުނުނަމަ ޝާހީންއަށް އިންސާފު ލިބުނީސް ހެއްޔެވެ؟ ތަކުރާރުކޮށް ޝާހީންގެ ޟަމީރާއި އޭނާ މި ސުވާލު ނުކުރާ ދުވަހެއް ފަހަކަށް އައިސް ވުޖޫދު ނުވެއެވެ. ޝާހީންއަށް މިހެން ދިމާވީ ކީއްވެ ހެއްޔެވެ؟ އޭނާގެ ހަޔާތް އެފުއްމިފުށަށް ޖެހިގެން މިދިޔައީ ކީއްވެ ހެއްޔެވެ؟ ކައިވެނީގެ ކުރީންވެސް ހުސްނީއަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ޒުވާނެކެވެ. ނުބައިވެގެންވީ ހުރިހާ ޢަމަލެއްގެ ޝިކާރައެކެވެ. އެކުގައި އުޅެގެން ހުސްނީގެ ނުބައި އާދަތައް ރަގަޅުކުރެވޭނެކަމަށް ޝާހީން ޔަގީންކުރިއެވެ. ހުސްނީގެ އެފަދަ ނުބައި އާދަތައް ޝާހީންއަށް ނުހުއްޓުވުނީ ކީއްވެ ހެއްޔެވެ؟ ވަގުތު ނުދެވުނީ ހެއްޔެވެ؟ މި ދިރިއުޅުމުގައި ވަޒިފާ އަދާކުރާ މީހަކީ ހަމައެކަނި ޝާހީންއެވެ. ހުސްނީގެ މަސައްކަތުން އާންމުދަނީއެއް ނުހޯދިޔަސް އެކަމާ ޒުވާބުކޮށް، މައްސަލަ ޖެއްސުން ޝާހީންވަނީ ހުއްޓާލާފައެވެ. ދިރިއުޅުން ހައްލުކުރާން ހަދާނެ ގޮތް ހުސްވެއްޖެއެވެ.
އޮފީހަށް ދިއުމަށްޓަކައި ފެންވަރައިގެން ސައިތައްޓެއް ބޯން ޝާހީން އިށީނީ ކޮޓަރީގައި ހުރި ކުޑަމޭޒުކައިރީގައެވެ. އެވަގުތު ކޮޓަރި ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ހުސްނީއެވެ. ދުވި ނުބައިވަހުން އޯކާދެމިވުނެވެ. ލައިގެންހުރި މަޑު ނޫކުލައިގެ ގަމީހުގައި ލިޕްސްޓިކްގެ ނިޝާންތައް ހުއްޓެވެ. މީހާ އޮތީ ކަކުލުގައި ނިއްކުރިޖެހޭނުޖެހޭ ވަރުގައެވެ. މަންޒަރު ބަލަން ބޭނުންނުވުމުން ޝާހީންގެ މޫނު އަނބުރާލީ އަނެއްފަރާތަށެވެ. ސައިތަށި ގެންގޮސް އުކާލީ ފާޚާގެ މޫނުދޮންނަ ތައްޓަށެވެ. އަނގައިންވެސް ނުބުނެ ޝާހީން ދިޔައީ އޮފީހަށެވެ.
ކަޅުވިލާތައް އިރުގެ އަލިކަމަށް ހުރަސްއަޅަނީއެވެ. ބަނަ ވިލާތަކުގެ ތެރެއިން ފުރޭނިގެން ފަނޑުއަލިކަމެއް ފެތުރިފައިވެއެވެ. ފިނި ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ޝާހީންގެ ދެލޯރަތްވެ، މޫނުމަތީގެ އެތަން މިތަން ނޫފައިގަންފައެވެ. ދެތަނަކުން ތުންފަތް ފަޅައިގެންގޮސްފައެވެ. ދެފައި ގުޑުވާލަން ނުކެރޭވަރަށް ރިއްސައެވެ. އުނަގަނޑު ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. ގެއިން ނުނިކުމެ އޮންނަތާ ދެދުވަސް ވަނީއެވެ. ހިތްވަރެއް ނެތުމުން ހަތްދުވަހުގެ ޗުއްޓީއެއް އޮފީހުންނެގީ އެހެންމީހަކާ ކުރިމަތިލާނެ ހިތްވަރެއް ނެތުނީމައެވެ. އެމީހުންގެ ސުވާލުތަކަށް ދޭނެ ޖަވާބެއްވެސް ނެތުނީއެވެ.
އެތައް އަނިޔާއެއް ކުރުމަށްފަހު ނިކުމެގެންދިޔަ ހުސްނީ ގެއަކަށް ނާދެއެވެ. އެއްޗެއް ނުކައި އޮތުމުން ޝާހީންގެ ގަޔަކު ވަރެއް ނެތެވެ. އެނދުކައިރީގައި ބައިންދާފައި އިން ފެންފުޅިން ފެންފޮދެއް ބޯލީވެސް ގަދަކަމުންނެވެ. ބާލިހުގެ އަރިމަތީގައި އޮތް ފޯނު އުފުލާލިއެވެ. ސްކްރީންއަށް ބަލަން އިނދެފަ، ކޮންމެވެސް ނަންބަރެއްގައި ފިރުމާލިއެވެ. ފެންކަޅިވެފައިވުމުން އެނަންބަރު ޝާހީންއަށް ޔަގީންނުވީކަންނޭގެއެވެ. ދެލޯ ފޮހެލާފައި އަނެއްކާވެސް ސްކްރީންއަށް ބަލާލިއެވެ. ހިފެހެއްޓުމެއްނެތި ދެލޯ ފުރުނީ ކަރުނައިންނެވެ. ކޯތާފަތް ހުރަސްކޮށް، ލައިގެންއިން ޓީޝާޓް ތެމެންފެށިއެވެ.
އަތުގެ އިނގިލިތަކުން ކަރުނަ ފޮހެލާފައި ނަންބަރަކަށް ގުޅާލިއެވެ. ހަމަ ވަގުތުން ފޯނު ކަނޑާލީވެސް ޝާހީންއެވެ. އެއަށްފަހު ފޯނު ނިވާލިއެވެ. ފޯނާއެކު ބާލީސްމައްޗަށް ވެއްޓި ރޯންފެށީ އެއަޑު އިވޭމީހެއްގެ ހިތްފަޅައިގެންދާފަދަ ވޭނީ އަޑަކުންނެވެ. އަޑުއަހާނެ މީހަކު ނުވަތަ ހަމްދަރުދީވާނެ މީހަކުވެސް ނެތެވެ. ފޯނުގައި ބާރަށް ބައްދާލުމަށްފަހު ބުނެލީ އެންމެ ލަފްޒެކެވެ. 'މަންމާ'އެވެ. ކިތަންމެ ދުރުގައި ހުއްޓަސް، މަންމައާއި ބައްޕަ އަދި ކޮއްކޮމެންގެ ހަނދާންތައް އާނުކުރާ އެންމެ ދުވަހެއްވެސް މާޒީނުވެއެވެ. ހިތްދަތިވެ އުއްމީދު ކެނޑިގެންދާ ވަގުތުގައިވެސް އެންމެ ގާތުގައިވުމަށް އެދެވެނީ ލޯބިވާ މަންމައެވެ. މިއަދު މަންމައާއި ޝާހީންއާއި ދެމެދުގައި ބޮޑު ހުރަހެއްވެއެވެ. ހުސްނީއާއެކު އުޅޭހާދުވަހަކު ފަޒީލާއަކީ ޝާހީންގެ މަންމަކަމުގައި ނުބެލުމަށް، މަންމަވަނީ ބުނެފައެވެ.
އެއީވެސް މިފަދަ ފިނި ދުވަހެކެވެ. ހުއްޓައިނުލާ ބޯކޮށް ކެރިވެހުނު ދުވަހެކެވެ. ޝާހީން ހުންނަގޭ ދައްތަ އެތައް ފަހަރަކު ފަޒީލާއަށް ގުޅައިފިއެވެ. މެންދަމު ބާރަޖެހީރުވެސް ޝާހީން ގެއަކަށް ނާދެއެވެ. ކުއްޖަކާއި ރައްޓެހިވެގެން އުޅޭކަން، އެގޭ ދައްތައަށްވެސް އަދި ޝާހީން މަންމައަށްވެސް އެނގެއެވެ. ކިޔެވުމަށް ބަހައްޓާ ޝައުގުވެރިކަމާއި ރީތި އަޚްލާގުގެ ސަބަބުން އެކަން މަނާނުކުރީއެވެ. އެއީ ކޮންނަމެއް ކިޔާ ކުއްޖެއްކަން ފަޒީލާގާތުވެސް ވަނީ ބުނެފައެވެ. އެއީ ކޮން ރަށެއްގެ ކުއްޖެއްކަމެއް ބުނެފައެއް ނެތެވެ. ދިރިއުޅުމަށް މީހަކު ހޯދަންޖެހޭނީ ވަކި އަތޮޅަކުން ނުވަތަ ވަކި ރަށަކުން ނޫންކަމަށް ޝާހީން އަބަދުވެސް ގަބޫލުކުރެއެވެ.
އެރޭގެ މެންދަމު ދޭއްޖޭހީރު ޝާހީން ގެއަށްއައީ ތެމި ފޯވެގެންނެވެ. އަބަދު ހިނިތުންވެފައި ހުންނަ މޫނުގައި އެއްވެސް ތާޒާކަމެއް ނެތެވެ. އަނިޔާވެރިއެއްގެ ވަކިތަކުން ޝާހީންގެ މައުސޫމްކަން ނިގުޅައިގެންފައިވާކަމުގެ ނިޝާންތައް ފެންނާން ހުއްޓެވެ. ކަންކަން ރަގަޅުނޫންކަން އެގޭދައްތައަށް އެގުނެވެ. ފަޒީލާއަށް ގުޅާލީ ޝާހީން ގެއަށް އައިވާހަކަ ބުނެލާށެވެ. އެއާއެކު ވަގުތުން ޝާހީންއަށް ފަޒީލާ ގުޅިއެވެ.
ފޯނު ނެގުމާއެކު ރޯންފެށީ ފަޒީލާގެ ހިތްކުދިކުދިވާފަދައަކުންނެވެ. ހުސްނީއާއިނުލާ ދިރިއުޅެން ބޭނުންނުވާކަމަށް ޝާހީން ބުންޏެވެ. ކިޔަވަން އިތުރަށް ބޭނުންނޫންކަމާއި ކައިވެނި އަވަސްކޮށްދިނުމަށް ޝާހީން މަންމަގާތުން ރޮއެ އާދޭސްކުރިއެވެ. ކުއްލިއަކަށް ބަދަލުވީ ކޮންކަމެއްތޯއާއި ޝާހީން ކައިވެންޏެއްކުރާން ކުއްލިޔަކަށް ޖެހުނީ ކީއްވެތޯ ފަޒީލާ ތަކުރާރުކޮށް ސުވާލުކުރިއެވެ. ޖަވާބަކީ ލޯބިވުން ކަމުގައިބުނެ، އާދޭހުގެ ފޯންކޯލް އެތައް އިރަކަށް ދެމިގެން ދިޔައެވެ. އެންމެ އަވަހަށް ފުރާއެއްޗަކުން ވަލީދޭން ބައްޕަ ފޮނުވާނެކަމަށް ޒުލޭހާބުނީ ޝާހީންއާއި އޮތް ގުޅުން އަބަދައްޓަކައި ކަނޑާލަމުންނެވެ.
ހުސްނީއާއެކު އޭނާގެ ކޮޓަރިއަށް ޝާހީން ދިޔައީ ހުސްނީގެ ވަރަށް ގާތްކުއްޖަކަށް ފިލާވަޅެއްގައި އެހީތެރިވެދޭން ބުނެ އާދޭސްކުރީމައެވެ. އެކުވެރިޔާ އެބައަންނަ ކަމަށްބުނެ ހުސްނީ ދިއްކޮށްލީ ކޯކް ތައްޓެކެވެ. ނުބޯން އިންކާރު ކުރުމުންވެސް، ލޯބީގެ ބަހަނާ ދައްކައިގެން އެތަށި ޝާހީންއަށް ބޯންދިނީއެވެ. އެއާއެކު ލޯމައްޗަށް ކަޅުތިކިތަކެއް ބުރާހެން ހީވިއެވެ. ބޮލަށް އެނބުރުން އެރިއެވެ. ދުލުން ބަހެއް ބޭރުނުވަނީސް، ހުސްނީގެ އަތްމައްޗަށް ޝާހީންގެ ހަށިގަނޑު ދެމިއްޖެއެވެ.
ލޯހުޅުވުނުއިރު ހަށިގަނޑުގައި އެއްވެސް ފޭރާމެއްނެތެވެ. ލައިގެންހުރި ހުރިހާ އެއްޗެއް އޮތީ ތަރުތީބެއްނެތި ޓައިލްސް މަތީގައެވެ. ފައިގެ އެކިތަންތަން ނޫފައިގެންފައެވެ. ހަށިގަނޑުގެ އެކިތަންތަނުގައި ތަފާތު ނިޝާންތައް ހުއްޓެވެ. އެނދުގައި އޮތް ބެޑްޝީޓްގައި ލޭ ހުރުމުން ޝާހީންގެ ހިތްކުދިކުދިވިއެވެ. އެ އެނދުމަތީގައި ހިނގާފައިވަނީ ކޮން ހާދިސާއެއްކަން ސުވާލުކުރާކަށް ނުޖެހުނެވެ. ޝާހީންގެ މުޅި ދިރިއުޅުން ހިނދުކޮޅެއްގެތެރޭގައި ކަފުންކުރެވުނީއެވެ. މަންމައާއި ބައްޕަ ފަޚުރުވެރިވި ދަރިފުޅުގެ އިއްފަތްތެރިކަން ފޭރިގަތްފިއެވެ. އަނިޔާވެރި ވަކިތަކެއްގެ ޝިކާރައަކަށް މަންމަގެ ލޯބިވާ ދަރިފުޅުވެއްޖެއެވެ.
އެއްޗެކޭބުނަން މަސައްކަތްކުރިއަސް އަޑެއް ބޭރެއްނުވިއެވެ. އަތުޖެހެން އޮތީ އުރައެއްވެސް ނުލައްވާ އޮތް ބާލީހެކެވެ. އޭގެ ނިވަލުގައި ޝާހީންގެ ހަށިގަނޑު ފޮރުވާލެވޭތޯ މަސައްކަތްކުރިއެވެ. ގަތްބިރުން ބުނާނެ އެއްޗެއްވެސް ނޭގުނެވެ. ލޯބީގެ ނަމުގައި ހުސްނީގެ އެ އަނިޔާތައް ޝާހީންއަށް ގަބޫލެއް ނުކުރެވުނެވެ. ހުސްނީގެ މޫނުމަތީން ފެންނަމުންދިޔަ ފަޚުރުވެރިކަމާއި ރަހުމުކުޑަކަން ޝާހީންގެ ގައިން ހީނބިހި ނެގުވިއެވެ. އަނިޔާވެރިކަމަށް މަޖުބޫރު ކުރެވިދާނެއެވެ. ދުވަހަކުވެސް ހުސްނީއަށް މަޢާފެއް ނުކުރާނެއެވެ. އެކަމަކު އެވާހަކަ މީހެއްގެ ކައިރީގައި ބުނާނެ ހިތްވަރެއްވެސް ނެތެވެ.
އެދުވަހުން ފެށިގެން މިއަދާއި ހަމައަށް އެވާހަކައޮތީ ކަފުންކުރެވިފައެވެ. ކިޔެވުން ނިންމާނުލާ ޝާހީން މީހަކާ އިންނާން ނިންމި ނިންމުމަށް މައިންބަފައިންގެ މަޢާފެއްވެސް ނުލިބެއެވެ. ޝާހީންއަކީ އެންމެންގެ ކުއްވެރިޔާ ހެއްޔެވެ؟ ހަގީގަތް ހާމަކުރާން ނުކެރި އިންސާފު ހޯދަން ހަނގުރާމަ ނުކުރުމަކީވެސް ޝާހީންގެ ކުށެއް ހެއްޔެވެ؟ އެދުވަހު ޝާހީންގެ އިއްފަތްތެރިކަން ފޭރިގަތީ ހުސްނީ އެކަނި ނޫންކަން ޝާހީންއަށް ޔަގީންވެއެވެ. ހުސްނީގެ ލާއިންސާނީ އަނިޔާތަކުގެ ވާހަކަ މީހެއްގެ ގާތުގައި ބުނެފިނަމަ، އެދުވަސް އަލުން ތަކުރާރުކުރާނެކަން، ޝާހީންއަށް ޔަގީނެވެ. އެދުވަހުގެ ވީޑިއޯ އަދިވެސް އެބައޮތްކަމަށް ދޭތެރެއަކުން ޝާހީންއަށް ބިރުދައްކައެވެ. ދެންތިބި ދެ ކޮއްކޮގެ ހައްގުގައިވެސް މިވޭން އުފުލާން ޝާހީންއަށް މަޖުބޫރުވީއެވެ. އިންސާފު ހޯދަން ދާނީ ކޮންތާކަށް، ކާކު ކައިރިއަށް ހެއްޔެވެ؟ ބުނެލެވޭ އެންމެ އެއްޗަކުން މުޖުތަމައުގައި އެތައް އަޑެއް ފެތުރޭނެއެވެ.
ހުސްނީގެ އާއިލާއަކީ ފައިސާއިން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ބައެއްކަމަށް އަބަދުވެސް އޭނާ ހަނދާންކޮށްދެއެވެ. ޝާހީންއަކީ މެދުރާއްޖެތެރޭގެ މެދުފަންތީގެ އާއިލާއެއްގެ އަންހެން ކުއްޖެކެވެ. ތަހުޒީބުކަމަށްބުނެ ކިތަންމެ ބާރަށް ވާހަކަތައް ދެއްކިޔަސް ޖިންސީއަނިޔާގެ ޝިކާރަވެރިންނަކީ މިއަދުވެސް މުޖުތަމައުގައި މަލާމާތް ލިބޭ ބައެކެވެ. އެކަން ސާބިތުކުރެވި އަނިޔާވެރިންނަށް ހައްގު އަދަބުދޭނެ މުއައްސަސާއެއް ޝާހީންއަކަށް ނުފެނުނެވެ. ހެކި ނުހުންނަނީ ކަމަށް ބުނެ، މައްސަލަ ނިންމާލުމަކީ އާންމުކަމެކެވެ. ހުސްނީގެ ހުށަހެޅުން ގަބޫލުކުރުންނޫން އެހެން އެއްގޮތެއްވެސް ނެތުނީއެވެ. ބިރުގަތީ މާބަނޑުވުމުގެ ނުރައްކާތެރި ބިރުވެސް ހުސްނީ ދެއްކީމައެވެ. ވީއެންމެ އަވަހަކަށް ކައިވެނި ކުރުން ނޫންގޮތެއް ޝާހީންއަށް ނުފެނުނީއެވެ. އަނިޔާގައި މަތިޖަހައި އޮއްބާލީ ހިތް ކުދިކުދިކޮށް ޒަޚަމްކޮއްފައެވެ. އެތައް ސުވާލެއް އެރޭ ކުރިމަތިވިއެވެ. އެއްވެސް ސުވާލަކަށް ޝާހީން ޖަވާބެއް ނުދިނީ އިންސާފު ބޭނުން ނުވާތީއެއް ނޫނެވެ. އިންސާފް ނުލިބޭނެތީއެވެ.
ނިވާލާފައި އޮތް ފޯނު އޮންކޮއްލުމާއެކު ރިންގުވާން ފަށައިފިއެވެ. ފޯނުގެ އަޑާއެކު ޝާހީންއަށް ތެޅެގަނެވުނެވެ. ސްކްރީން ބަލާލިއެވެ. ދެލޯބޮޑުވެ ފެންކަޅިވިއެވެ. ރިންގްވުމުގެ ކުރިން ފޯނުކަނޑާލެވުނުކަމަށް ހީވިޔަސް އެއޮތީ މިސްކޯލް ދެވިފައެވެ. ގުޅަނީ 'ލަވް'އެވެ. ތުރުތުރުއަޅަމުން ކަންފަތުގައި ފޯނުޖައްސާލިއެވެ.
ހަމަހިމޭންކަމެވެ. ފަންކާގެ ވައިގެ އަޑު ނޫނީ ނުއިވެއެވެ. އެކަކުވެސް ބަހެއް ނުބުނެއެވެ. ހިތުގެ ތެޅުން އަވަސްކުރުވިއެވެ. މިނެޓެއްފާއިތުވެއްޖެއެވެ.
"މަންމަގެ ލޯބިވާ ދަރިފުޅާ.. " ފަޒީލާގެ އަޑު ތުރުތުރުއަޅައެވެ. އިހްސާސްތަކުގައި އަތްއަޅާފައި އޮއްބައިނުލެވުނީ ޝާހީންއަށެވެ. މަންމަގެ އޯގާތެރިކަން ހިތުގެ އެންމެ ހިމަނާރަށްވެސް އަސަރުކުރީއެވެ. ގައިގަހުރި ހުރިހާ ހިމަލޯލިތައް ކޮޅަށްޖެހުނެވެ. ދެމައިންގެ ހިތް ފުރެންދެން ރުއެވެ. އެކަކު އަނެކަކުގެ ހާލުއަހުވާލު މުހިއްމެއްނުވިއެވެ.
މައިވަންތަކަމުގެ ގުޅުން ކަނޑާލައިފައި ކަމަށް ހީކުރެވުނު މަންމަގެ އޯގާތެރިކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެއީ ހަމަ އެ ލޯބި މަންމައެވެ. އެ އޯގާތެރި ލޯތްބެވެ. ހިތްފުރެންދެން ރޯލުމަށްފަހު ޝާހީން ތަކުރާރުކޮށް މަޢާފަށް އެދުނެވެ. މަޖުބޫރުވީކަމާއި ޝާހީންގެ ދިރިއުޅުމުގެ ހުރިހާ ޙަގީގަތެއް މަންމައަށް ބުނެދިނެވެ. ބުނާނެ އެއްޗެއް ނޭންގި ހުރިތަނަށް ގަނޑުވީ ފަޒީލާއެވެ.
މަންމަގެ އަޑެއް ނީވުމުން ޝާހީން ފޯނު ކަނޑާލިއެވެ. ހަމައެވަގުތު ނުދަންނަ ނަންބަރަކުން ގުޅަންފަށައިފިއެވެ. ތަކުރާރުކޮށް ދެވަނަ ފަހަރު އެނަންބަރުން ގުޅާންފެށުމުން ޝާހީން ފޯނުނެގިއެވެ. ކަންފަތުގައި ޖައްސާލުމާއެކު ބޮލަށް އެނބުރުން އެރިއެވެ. ވާހަކަދެއްކީ ހުސްނީގެ ބައްޕައެވެ. އެދުނީ ވީ އެންމެ އަވަހަކަށް އޭޑީކޭއަށް އައުމަށެވެ. ވީގޮތެއް ނުބުންޏެވެ. ލިބިފައިހުރި ޒަޚަމްތައް ފޮރުވުމަށް އެއްވެސް މަސައްކަތެއްނުކޮށް ޝާހީން ދިޔައީ ހޮސްޕިޓަލަށެވެ. އިވުނު ޚަބަރު ކަންފަތަށް ފަސޭހައެއްނުވިއެވެ. ޑްރަގް އޯވަރޑޯޒްވެގެން ހުސްނީގެ ފުރާނަ ދިޔައީއެވެ. އެންމެ ގާތުގައި ހުރި ގޮނޑީގައި ޝާހީން އިށީނެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. ހުސްނީގެ އާއިލާގެ ކިތަންމެ ލޮލެއް ޝާހީންގެ މޫނުމަތީން ފެންނާންހުރި ޒަޚަމްތަކަށް ހުއްޓިފައިވާކަން ޝާހީންއަށް އެގުނެވެ. އެންމެންގެ ސުވާލުތަކަށް ޝާހީން ޖަވާބުދޭކަށް ނުޖެހުނެވެ. ޒަޚަމްތަކުގެ ޙަގީގަތް އެންމެންނަށް އެގެއެވެ. ފިރިޔަކު ދުނިޔެ ދޫކުރުމުން އަންބަކު ހިތާމަކުރާނެއެވެ. އެއީ ދުނިޔޭގެ އާދައެވެ.
ޝާހީންގެ ލޮލުން ފައިބަމުންދިޔަ ކަރުނައަކީ ހިތާމައިގެ އަސަރުކަމެއް ނުވަތަ އިންސާފުގެ އުފާވެރި އިޙްސާސްކަމެއް ބުނެދޭކަށް ނޭންގެއެވެ. އަނިޔާވެރި ވަކިތަކުން ޝާހީން މިންޖުވެއްޖެއެވެ. ލޯބިވާ އާއިލާގާތަށް ދިއުމަށް އޮތް ހުރިހާ ހުރަހެއް ނެތިއްޖެއެވެ. ހުސްނީގެ މައިންބަފައިން ޝާހީންގެ ކިބައިން މަޢާފު އެދުނެވެ. ޝާހީންގެ ހިތްވަރަށް އާއިލާގެ ތަޢުރީފު ލިބުނެވެ. އެއްވެސް ކަހަލަ އެހީތެރިކަމެއް ޝާހީންއަށް ބޭނުންޖެހިއްޖެ ކޮންމެ ވަގުތެއްގައި ހުސްނީގެ މައިންބަފައިން ތިބޭނެކަން ބުނެލީ ޝާހީންގެ ބޮލުގައި ފިރުމާލަމުންނެވެ.
=ނިމުނީ=