
ދިރާގުން ބުނެފައިވާ ގޮތުގައި ކޮންމެ އަހަރަކުވެސް އެ ކުންފުނިން ދަނީ ރޯދަ މަހާ ގުޅުވައިގެން ހާއްސަ ޝިއާރެއްގެ މައްޗަށް ބިނާކޮށް ޕްރޮމޯޝަންތަކާއި ހަރަކާތްތަކެއް ތައާރަފުކުރަމުން ކަމުގައެވެ. އެގޮތުން އެ ކުންފުނީގެ މި އަހަރުގެ ރޯދަ މަހުގެ ކެމްޕެއިން ހާއްސަކުރެވިފައިވަނީ މަންމައިންނަށާއި މަންމަގެ އަގުވަޒަންކޮށް މަންމަ އާއެކު އޮންނަ ގުޅުން ބަދަހި ކުރުމަށް ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ އެ ޝިއާރުގެ ދަށުން އެ ކުންފުނިން ހާއްސަ ކުރު ފިލްމެއް ތައާރަފުކޮށްފައިވާ ކަމަށެވެ.
'ލޯބި' ނަމަކަށް ކިޔާ މި ކުރު ފިލްމުން ދައްކުވައިދެނީ ލޯ އަނދިރި ކުއްޖަކާއި އޭނާގެ ދައްތަ އެ ދެބެއިންގެ މަންމަގެ ކަރާ ފަނި ރެސިޕީ ހަމަ އެ ރަހައަށް ހެދުމަށް ކުރާ މަސައްކަތް ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނީ އއ. ތޮއްޑޫއިން މާލެއަށް މަންމަ ގޮސްފައިވަނިކޮށް، މަންމަ ހަދާ ހަމަ އެ މީރު ކަރާ ފަނި އެގޮތަށް ހެދުމަށް އެކި ގޮތްގޮތަށް އެ ކުދިން މަސައްކަތް ކުރާ ކަމަށާއި ނަމަވެސް މަންމަގެ އެ ކަރާ ފަނީގެ ރަހައެއް އެ ކުދިންނަށް ނުގެނޭ ކަމަށެވެ.
އެ ފިލްމުން ދައްކުވައިދެނީ އެތައް ބަޔަކު އެކި ކަންތައް ކޮށްދިނަސް މަންމަ ކޮށްދޭހާ ފުރިހަމަކޮށް ނުވަތަ އެގޮތަށް އެ ލޯތްބާ އެކު ނުކުރެވޭނެކަން ކަމަށް ދިރާގުން ބުނެއެވެ. އެހެންކަމުން ހާއްސަކޮށް މި ރޯދަ މަހުގައި މަންމަގެ އަގުވަޒަން ކުރުމަށާއި އެކަމުގެ މުހިންމުކަން ދިރާގުން ފާހަގަކުރެއެވެ.
ދިރާގުން ބުނީ އަބަދުވެސް މަސައްކަތްކުރަނީ އެ ކުންފުނީގެ އެކި އިޝްތިހާރުތަކާއި ކެމްޕެއިންތައް މެދުވެރިކޮށް ތަފާތު މުހިންމު އިޖުތިމާއީ މެސެޖުތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށެވެ.