
މި ރޯދަ މަހަށް ހާއްސަކޮށްގެން އުރީދޫން ފެށި 'ކޮމިއުނިޓީ އިފްތާރު' ގެ ފުރަތަމަ ރޯދަ ވީއްލުން ބާއްވާފައިވަނީ ސަލްމާން މިސްކިތުގައެވެ.
އުރީދޫން ބުނީ މި ހަރަކާތަކީ އިސްލާމިކް މިނިސްޓްރީ އާ ގުޅިގެން ފެށި ހަރަކާތެއް ކަމަށެެވެ. މި ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހެއްގައި އާންމުންނަށް ހުޅުވާލައިގެން މި ފަދަ ރޯދަ ވީއްލުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. މި ރޯދަ ވީއްލުމަށް ކާއެއްޗެހި ފޯރުކޮށްދީފައިވަނީ ލެސޫކް ރެސްޓޯރަންޓުންނެވެ. ރޯދަ ވީއްލުމުގައި 200 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.
އުރީދޫން ބުނެފައިވާ ގޮތުގައި ރޯދަ ވީއްލުމުގެ ހަރަކާތަކީ މި މަހަކީ އެކަކު އަނެކަަކަށް އެހީތެރިވެ، ސޮދަގާތް ކުރުން ފަދަ އަޅުކަންތައް އިތުރުކުރަން ޖެހޭ މަހަަކަށް ވާތީ އެފަދަ ކަންކަމުގައި މިސާލު ދައްކައި ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމުގައެވެ.
އުރީދޫ މޯލްޑިވްސްގެ 'ކޮމިއުނިޓީ އިފްތާރު' ގެ ފުރަތަމަ ރޯދަ ވީއްލުން - ފޮޓޯ:އުރީދޫ
މި ރޯދަ މަހަށް އެ ކުންފުނިން ކަނޑައަޅާފައިވާ 'ހަދިޔާ' ތީމްގެ ދަށުން އުރީދޫން ވަނީ މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާ ގުޅިގެން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތަކަށް ފަސޭހަކަމާ އެކު އެމް-ފައިސާ މެދުވެރިކޮށް އިފްތާރް ޕެކް ހަދިޔާ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. ހަދިޔާ ކުރާ އިފްތާރު ޕެކްތަކުގައި ރޯދަ މަހު ރޯދަ ވީއްލުމަށް އެހީތެރިވުމުގެ ގޮތުން ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް ހިމެނެއެވެ.