
އަންހެންކުއްޖަކު އެންމެ ބޭނުންވާނެ ހުރިހާ ކަމެއް ހިމެނިފައިވާ ވަރަށް ފުރިހަމަ، ތަނަވަސް ކޮޓަރިއެކެވެ. މެދުގައި ބަހައްޓާފައިހުރީ ބޮޑު އެނދެކެވެ. ޒަމާނީ ފަރުނީޗަރުތަކާއި ހިތްގައިމު ބޮކިތަކާއި ކޮޓަރީގެ މެދުގައި އަޅާފައި އޮތް މަޑުމަޑު ކާޕެޓްގެ ހިތްގައިމުކަން އެތަނަށް ވަންނަ ކޮންމެ މީހެއްގެ ހިތް ފަތަހަކޮށްލާނެއެވެ. ކޮންމެ ދިމާއަކަށް ބަލައިލިޔަސް ހިތްގައިމުކަމެވެ. އަރާމް ކުއިލްޓްގެ ދަށަށްވަދެ ގުލްނާޒް އޮތީ ނިދާފައެވެ. ދޭތެރެދޭތެރެއިން ހިނިތުންވެލާ ގޮތުން، އޭނާ އެއޮތީ ހުވަފެނެއްގައިކަން ޔަގީނެވެ. ކުއްލިޔަކަށް ފުންމައިގެން ތެދުވިއެވެ.
"ސުނާމީ.. ސުނާމީ... މަންމާ.. ބައްޕާ.. ސް...ނ...މ.." ރަގަޅަށް ނިދިން ހޭލެވުނުއިރު ގުލްނާޒްހުރީ ތެމިފޯވެފައެވެ. ދަތްކުނޑި ވިކާލާފައި ބަލައިލީ ކުރިމަތީގައި ހުރި ސޫރައަށެވެ.
އަވަސްއަވަހަށް ގުލްނާޒް އެނދުން ތެދުވާންވާއިރަށް އަންޝަރާ ދުވެފައި ކޮޓަރީން ނިކުމެއްޖެއެވެ. މިގަޑީގައި ކޮއްކޮގެ އަތުނުޖެހުމަށްޓަކައި ކުރެވެން ހުރި ހުރިހާކަމެއް ކުރާނެއެވެ. މަންމައާއި ބައްޕަ ސިޓިންރޫމްގައި ތިބީ ވާހަކައެއް ދައްކާށެވެ. މަންމައާއި ބައްޕައަށް ގޮވަމުން ދެ ދަރީން މުޅިގޭގައި ދުވަނީއެވެ. ގުލްނާޒް ދުވަނީ އަންޝަރާ އަތުޖެހޭތޯއެވެ.
"އައި ވިލް ކިލް ޔޫ ޓްޑޭ މައި ސިސްޓަރ" އަތުޖެހުނު ހުރިހާ އެއްޗެއް އަންޝަރާއަށް އަމާޒުކޮށް ގުލްނާޒް އުކަމުންދިޔައެވެ. މަންޒަރު ބަލަން ހެވިފައި މަންމައާއި ބައްޕަތިބީ ދެ ދަރީންގެ ގުޅުމަށް ޝުކުރުވެރިވަމުންނެވެ.
"ބައްޕާ.. މި އަންޝަރާ ތަންކޮޅެއް އަވަހަށް މިގެއިން ފޮނުވާލަބަލަ.. އެހެންނޫނީ އަރާމުކޮށް ނިދާވެސް ނުލެވޭނެ.. ކޮންމެ ރެއަކުފަތިހު އެހާ އުނދަގޫކޮށްފައި އަދި ހެނދުނުވެސް ނިދާލިޔަނުދޭ" ވަރުބަލިވެގެން ހުއްޓި ޅިނދުގައި އަތްވިއްދާލަމުން ގުލްނާޒް ޝަކުވާ ކޮށްލިއެވެ.
"ގަބޫލުކުރާންވެއްޖެނުން.. ދުވެގެން ދުވަހަކުވެސް ކުރިއެރުމެއް ނުލިބޭނެ! ތީހަމަ ޕޫ ބެއަރއެއް.. އެނދުގައި ފްރޮޅެން އޮވެބަލަ.. އެކަމުން އެއްވަން ލިބޭނެ" އަންޝަރާވެސް ކޮއްކޮއާއި ދިމާކޮށްލިއެވެ.
"އޯކޭ އޯކޭ އޯކޭ.. ދެ ކުދިން ބައްޕަ ގާތަށް އާދެބަލަ! " އަތީލްގެ އަތް ދެ ދަރީންނަށްޓަކައި ހުޅުވާލިއެވެ. ދުވެލާފައި އައިސް ބައްޕަގެ އަތުގެ ތެރެއަށް ދެކުދިން ބޮނޑިވެލިއެވެ. ދެ ދަރީންނަކީ އަތީލްގެ ހިތުގެ ފިނިކަމެވެ.
"އައިސްފެނުން ހެނދުނު ހެނދުނާ ފެންވަރަށް ނުޖެހޭނެގޮތަކަށް ދަރިފުޅުވެސް ވެއްޖެނުން ކަންތައްކުރާން.." ލުއިގޮތަކަށް ހީނލަމުން އަތީލް ބުނެލިއެވެ. ޅަގޮތެއް ދައްކާލަމުން ގުލްނާޒް ކުސްތަޅާލިއެވެ.
މާދަމާއަކީ އަންޝަރާ ފުރާ ދުވަހެވެ. ތިން އަހަރު ދުވަހު އާއިލާއާއި ދުރުގައި އުޅެން އަންޝަރާ ތައްޔާރެވެ. ނުތަނަވަސްވެގެން އުޅެނީ މަންމައާއި ބައްޕައެވެ. ނުހަނު ލޯބިން ގެންގުޅޭ ދަރިން ބޮޑެތިވާކަމުގެ އިހްސާސްކުރުމަށް މައިންބަފައިންނަށް މަޖުބޫރުވާ މަރުހަލާއަކީ މިއީއެވެ. ލޮލަށް ނުފެންނަ ހިސާބަށް ދަރިޔަކު ފޮނުވުމަށްވުރެ، ހަށިގަނޑުން ގުނަވަނެއް ކަނޑާފައި އެއްލައިލުންވެސް ހިތައް މާފަސޭހައެވެ.
ހެނދުނުގެ ނާސްތާ ތައްޔާރުކޮށްލުމަށްފަހު، ސުފުރާމަތީގައި މޭވާ ތައްޓެއް ބަހައްޓައިލަމުން މިރްޒާދާ އިޝާރާތްކޮށްލީ މޭޒުކައިރިއަށް އައުމަށެވެ.
ބައްޕައަކީ މާލޭގެ ތަނަވަސް ދިރިއުޅުމެއް ލިބިފައިވާ މީހަކަށްވާތީ ފައިސާގެ ދަތިކަން ދުވަހަކުވެސް ތަޖުރިބާކުރާން އެކުދީންނަށް ނުޖެހެއެވެ. ހޯލްސޭލް ފިހާރައެއްގެ އިތުރުން އަތީލް މަންމަފަރާތުން ލިބިފައިވާ ގެޔެއް ހުރެއެވެ. ގެ ހުންނަނީ ދިހަ ބުރިއަށް ހަދާފައި ކުއްޔަށް ދީފައެވެ. އެންމެ ބޮޑު އާންމުދަނީއެއް ލިބެނީ އެ ގޭގެ ކުލީންނެވެ. އެކުވެރިކަމާއި ލޯތްބަކީ އަތީލްގެ އާއިލާގެ ޚާއްސަ ސިފައެކެވެ. އަންޝަރާއާއި ގުލްނާޒްގެ ދެމެދުގައި ކޮއްކޮ ދައްތަގެ ގުޅުމަށްވުރެން ބޮޑަށް 'ބެސްޓް ފްރެންޑް'ކަމުގެ ގުޅުން މާވަރުގަދައެވެ. ހިއްސާކުރާން ބޭނުން ކޮންމެ ވާހަކައެއް ފަސޭހަކަމާއެކު އެކަކު އަނެކަކަށް ދައްކާލެވެއެވެ. ތަފާތަކީ ދެކުދިންގެ މިޒާޖުގައި އުޑާއިބިމާހައި ތަފާތު ހުރުމެވެ. އެއްކުއްޖެއްގެ ސިއްރުތަކަށް އަނެއްކުއްޖަކު އިޙްތިރާމް ކުރެއެވެ.
ކިޔެވުމާއި ކްލާހުން އެއްވަނަ ހޯދުމަކީ އަންޝަރާގެ ފަޚްރެކެވެ. ޝައުގުވެރިވާ ދާއިރާއިން ކުރިއަށް ދިއުމަކީ އަބަދުވެސް އަންޝަރާ ދެކޭ އުވަފެނެއެވެ. އަމިއްލަ މަސައްކަތުން ދިރިއުޅުން އާރާސްތުކުރުމަކީ އަންޝަރާގެ އުއްމީދެވެ. ދެކެންބޭނުންވަނީ އަމިއްލަ މަސައްކަތުން ފުދުންތެރިއަކަށްވެވޭނެ ދުވަހެކެވެ. ގެއިން ބޭރަށް ދިއުމުގެ ހުއްދަ ދެކުދީންނަށް ބައްޕަ ދީފައި އޮތަސް، އެހުއްދައިގެ ބޭނުންކުރަނީ މަދު ފަހަރަކުއެވެ. ފޯނުގެ މިނިވަންކަން ދެކުދީންނަށްވެސް ލިބިފައި އޮވެއެވެ. ކޮންމެ ކުއްޖަކަށް ވަކި ކޮޓަރިއެއް ހުންނާތީ އެކުއްޖެއްގެ މިނިވަންކަމުގެ ބޭނުން ކިތަންމެ ރަގަޅަކަށްވެސް ކުރެވެއެވެ. ހުރިހާ ވާހަކައެއް ހިއްސާކުރިޔަސް، ކޮންމެ ކުއްޖެއްގެވެސް ސިއްރެއް އޮތުމުގެ އަސްލަކީ ލިބިފައިވާ މިނިވަންކަމެވެ.
"އޮސްޓަރޭލިޔާއަށް ގޮއްސަ ދެން މާލެއަށް ނާންނާތި ތިން އަހަރު ހަމަކޮށްފައި ނޫނީ.. އަންޝަރާ ދިޔާމަ ބައްޕަގެ ހުރިހާ މުދަލެއްވެސް ގުލްއަށް ދޭތި އިނގޭ ބައްޕާ.. ވަޒީފާއަކަށް ނުދިޔައަސް، ބައްޕަ ޚަރަދު ކުރާނަންދޯ.. އޭރުން ގުލްވެސް އުޅޭނީ ޔޫރަޕުންނާއި ރިސޯޓްތަކުންނާއި އަގުބޮޑެތި ރެސްޓޯރަންޓްތަކުން.. އަންޝަރާ އަންނާންވާއިރަށް ގުލްވެސް މީހަކާ އިނދެގެން ދެ ދަރީންވެސް ހޯދާނަން .. ބުނެދޭނަން ބޮޑު ދައިތައެއްވެސް ދުނިޔޭގައި ހުރެޔޭ" ގުލްނާޒް މަޖާވެލައިފައިވެސް ބުނެލީ އޭނާގެ ހިތުގައި އޮތް ގެތެވެ. ވަޒީފާއަށް ނުދިއުމުގެ ބަހުސަކީ ދެބެންގެ ދެމެދުގައި އެންމެ ހޫނު ބަހުސެވެ.
"ދޮގެއް ބައްޕާ! ކުޑަމިނުން އޭ ލެވެލް ނުހަދާ މީހަކާ އިންނަން ގުލްއަށް ބައްޕަ ހުއްދަ ނުދޭތި.. ކިތަންމެ ޚަރަދެއް ބައްޕަކުރިޔަސް އެންމެ ރަގަޅު.. އެކަމަކު ގުލްވެސް ވަޒީފާއަކަށް ދާންވާނެ.. މިހާރުވެސް ބޯއިފްރެންޑެއް ނެތްކަމެއް ނޭގެ" އަންޝަރާ ބުނެލީ އޭނާ ބޭނުންވާ ގޮތެވެ. އަބަދު އެގޭގައި ދެކޭވޭ އެންމެ ބޮޑު މައުޟޫއަށް ދިޔައީއެވެ.
ގުލްނާޒް ކިޔަވަނީ މައިންބަފައިން ބުނާތީއެވެ. ކިޔެވުމަކީ އަދި ވަޒީފާ އަދާކުރުމަކީ އޭނާ ކުރާންބޭނުންވާ ކަންތައްތަކެއް ނޫނެވެ. އޯލެވެލްއަށްފަހު ކިޔެވުން ނިންމާލާނެ ކަމަށް އަބަދުވެސް ބުނެއެވެ. ކައިވެނިކޮށްގެންވެސް ފިރިމީހާގެ އާއިލާއާއެކު ދިރިއުޅެން ދިޔުމަކީ ގުލްނާޒް ނުކުރާނެކަމެކެވެ. މައިންބަފައިންނާއެކު އުޅޭ ދިރިއުޅުން ނުލިބިދާނެތީއެވެ. ހެނދުނު ހޭލައިގެން ވަޒިފާއަށް ދިއުމުގެ ބޮޑު ބުރަ އުފުލުމަށްވުރެން ގޭގައި ހުރެގެން ބައްޕަގެ ފައިސާއިން ދިރިއުޅުން ހަމަޖެއްސުން މާ އަރާމުވާނެކަމަށް ގުލްނާޒް ބުނެއެވެ.
އެކިމައުޟޫއުތަކަށް ކުރިފަޅަމުންދިޔަ ނާސްތާގެ ވަގުތު ނިމުމަކަށްއައީ އަންޝަރާ ގެ މުސްތަޤްބަލާމެދު ތަފާތު ވާހަކަތައް ދެކެވުމަށްފަހުއެވެ. ބައްޕައާއެކު މީޓިންއަކަށް މަންމަ ރިސޯޓަކަށް ދާން އޮތުމުން އެދަތުރުގައި ގުލްނާޒް ބައިވެރިވާން ބޭނުންވިއެވެ. އެފުރުސަތަކީ އިންތިހާއަށް އަންޝަރާ ބޭނުންވި ވަގުތުކޮޅެކެވެ. މާދަމާ ފުރަން ހަމަޖެހިފައި އޮއްވައި މިއަދު މަންމަމެންނާއެކު ދިއުމުން އަންޝަރާއަށް އުނދަގޫވާނެކަމަށްބުނެ އެދަތުރުގައި އޭނާ ބައިވެރިނުވިއެވެ. އެހެންމީހުން ނެތި މިނިވަން ވަގުތުކޮޅެއް އިންތިހާއަށް އަންޝަރާ ބޭނުމެވެ.
މާލޭގެ މަގުތަކުގެ އެންމެ ކާރޫބާރުބޮޑު ވަގުތުތަކުގެ ތެރެއިން ވަގުތެކެވެ. ހަވީރު ހަތަރެއްޖަހަން ގާތްވެފައިވުމާއެކު ވެހިކަލްތަކުގެ އުނދަގޫ ނެތް އެންމެ މަގެއްވެސް ނެތެވެ. ދިގު ކިޔޫގައި އިންތިޒާރުކުރުމަކީ ކުޅަދާނަކަމެއް ނޫނެވެ. އިރުއިރުކޮޅުން ގަޑިއަށް ބަލައިލެވެނީ ކެތްމަދުވެފައިވާތީއެވެ.
ބައިގަޑިއެއްހާއިރު ޓެކްސީގައި ހޭދަކުރުމަށްފަހު އަންޝަރާގެ މަންޒިލަށް ދެވިއްޖެއެވެ. ލިފްޓަށް އެރުމާއެކު ބޮލުގެ އިސްތަށިގަނޑު ރަގަޅުކޮއްލިއެވެ. ބޭނުންކޮށްފައި ހުރި ލިޕްސްޓިކްގެ މައްސަލައެއް ނެތްކަންވެސް ޔަގީންކޮށްލިއެވެ. ހަވަނަ ބުރިއަށް ލިފްޓް ހުއްޓުމާއެކު ދޮރުހުޅުވިއްޖެއެވެ. ހިނދުކޮޅެއްވެސް އިސްރާފްކޮށްނުލާ އަންޝަރާ މިސްރާބުޖެހީ ލިބިފައިވާ ނަންބަރުގެ ކޮޓަރި ހޯދާށެވެ. ފުން ނޭވާއަކަށްފަހު ދޮރުގައި ޓަކިޖަހާލަން އަތް އުފުލާލިވަގުތު ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ހިނިތުންވެފައި އެ ހުރީ އިސްކޮޅުން ދިގު ހިތްގައިމު ޒުވާނެކެވެ.
"ލުކިންގ.. ހޮހހހޓޓް މައި ލަވް" އަންޝަރާގެ ތިރިން މައްޗަށް ބަލައިލުމާއެކު ޒުވާނާ ބުނެލިއެވެ. އަތުގައި ހިފާލުމާއެކު ޖެހި ލުއްކިއަކުން އަންޝަރާ ތަތްވީ ޒުވާނާގެ މޭގައެވެ.
އެންމެ ހިނދުކޮޅެއްވެސް އިސްރާފުކުރަން ބޭނުންނުވާފަދައެވެ. އުތުރިއަރަމުންދިޔަ ލޯބީގެ މީރުކަން ހޯދަންފެށީއެވެ. ދެހަށިގަނޑުގެ ހޫނުން ލޯބީގެ ރާހަތް ލިބިގެންފިއެވެ. ރައްޓެހިވެގެން ތިން އަހަރާއި ގާތްވަނީއެވެ. ބައްދަލުވެ، އެކަކު އަނެކެއްގެ ހޫނުކަން އިހްސާސްކުރާން ލިބިފައިވަނީ މަދު ފަހަރަކެވެ. ޒުވާނާގެ ކަނދުރާގައި އަންޝަރާގެ ދެއަތުން ބާރަށް ބައްދާލާފައި އޮތްއިރު ދެމީހުންގެ ދެމެދުން ވައިރޯޅިއަކަށްވެސް ދަތުރުނުކުރެވޭނެއެވެ.
އަޔާމިންއާއި އަންޝަރާ ދިމާވެފައިވަނީ ދެމީހުންވެސް ގްރޭޑް ދިހައެއްގައި ކިޔަވަމުން ދިޔައިރުއެވެ. ކޮންމެ ދުވަހަކު ލިލީމަގުން ދިމާވިދިމާވުން، ހިނިތުންވުމަކުން ލޯބީގެ ގުޅުމަށް ނަންދެވުނު އިރެއްވެސް އަންޝަރާއަށް ނޭގެއެވެ. އަޔާމިންއާއި ނުލައި އަންޝަރާގެ ދިރިހުރުން މިހާރު ފުރިހަމައެއް ނުވާނެއެވެ. މިހާތަނަށް އެއްވެސް މީހަކު ކައިރީގައި ދެމީހުންވެސް މި ގުޅުމުގެ ވާހަކައެއް ނުދައްކައެވެ. އަޔާމިންއަކީ ރާއްޖޭގެ ދެކުނުން މަޝްހޫރު ސިޓީއެއްގެ ކުއްޖެކެވެ. މާލޭގައި ދިރިއުޅެނީ އާއިލާއިން ކުއްޔަށް ހިފާފައި ހުންނަ ތަނެއްގައެވެ. އަންޝަރާއާއި ބައްދަލުކުރާން ވެއްޖެނަމަ ކޮންމެވެސް ރަގަޅު ގެސްޓްހައުސްއަކުން ކޮޓަރިއެއް ނަގަނީއެވެ. އެގޮތަށްވެސް ބައްދަލުވެފައިވަނީ އެއްއަތުގެ އިނގިލިން ގުނާލެވޭފަދަ އަދަދަކަށެވެ.
ދެމީހުންކުރެ އެކަކުވެސް އަނެކަކުގެ ގައިން ދޫކޮށްލަން ބޭނުންނުވިއެވެ. އަންޝަރާ ނޭވާނުލެވިގެން އުޅޭހެން ހީވުމުން ކުޑަހިނދުކޮޅަކަށް އަޔާމިންގެ މޫނު ދުރައްޖައްސާލިއެވެ. ލަދުވެތިކަމާއެކު އަންޝަރާގެ އެސްފިޔަތައް ތިރިކޮށްލިއިރު އޭނާގެ ތުންފަތްވަނީ ދުޅަފެވައިކަން އަޔާމިންއަށްވެސް އެނގުނެވެ. އަޔާމިން ދަތްއެޅުމުގެ ސަބަބުން ލޭއަންނަމުންދިޔަ ތަންކޮޅުގައި އޭނާގެ އިނގިލިން ފިރުމާލިއެވެ. ހިތް ނުފުރުމުން އަނެއްކާވެސް އަންޝަރާގެ އިސްކޮޅާއި ހަމައަށް ތިރިވެލާފައި ނުހަނު ލޯބީން މޫނުގައި ދެފަރާތުން ހިފަހައްޓާލިއެވެ. އަޔާމިންގެ ނަޒަރު އަންޝަރާގެ ތުންފަތާއި ވަކިނުވެއެވެ. މިފަހަރު އިސްނެގީ އަންޝަރާއެވެ. ފާއިތުވި އަހަރުތަކުގައި ނުލިބުނު ފުރުސަތުތަކާއި އަންނާން އޮތް ތިން އަހަރު ނުލިބިދާނެ ފުރުސަތުތަކަށްވެސް މިވަގުތުގެ ބޭނުން ހިފަނީކަންނޭންގެއެވެ. ފަނަރަވަރަކަށް މިނެޓްފަހުން އަންޝަރާގެ އުނަގަނޑުން އަޔާމިންގެ އަތް ދުރައްޖައްސާލިއެވެ.
"އައި ލަވް ޔޫ ސޯ މަޗް" ބައްދާލަމުން އަންޝަރާ ބުނެލީ ހިތްހަމަޖެހުމާއެކުއެވެ.
"ތިން އަހަރު ވަންދެން ކެތްވާނެތަ؟" އަންޝަރާގެ ދަތްދޮޅީގައި ހިފާލާފައި މައްޗަށް އުފުލާލަމުން އަޔާމިން ބުންޏެވެ.
"ހިތް ދެވޭނީ އެއްފަހަރު.. ލޯބިވެވޭނީވެސް އެއްފަހަރު.. ތިން އަހަރު ކީއްކުރަން، މުޅިއުމުރު އަޔާމިންއަށްޓަކައި އިންތިޒާރުކުރާންވިޔަސް އަހަރެން ތައްޔާރު.. ވަރަށް ބޮޑަށް ލޯބިވޭ" އަންޝަރާގެ އަޑުގައި ޔަގީންކަންވެއެވެ.
"މިހާރުވެސް އަހަރުމެން ގިނައިން މުއާމަލާތު މިކުރަނީ ފޯނުން.. އެކަމަކު މިހާރު މިދޭގޮތަށް އޮސްޓްރޭލިޔާގައި ވަގަތު ނުދެވިދާނެ.." ފުންނޭވާއެއް ލުމަށްފަހު އަންޝަރާ ވާހަކަ ދެއްކިއެވެ.
"އެކަމަކު އަހަރެންގެ ކެތްރިކަން ކޮޅުންލައިފާނެ.. އޭރުން ދެން ހަދާނީ ކިހިނެއް؟ ތިން އަހަރަކީ ވަރަށް ދުވަސް.. ލައިފް ވަރަށް ވައި ވާނެ.. އަހަރެން ދެން އިތުރަކަށް ކިޔަވާކަށް ބޭނުމެއްނޫން.. ފަސޭހައިން ލިބުނު ވަޒީފާއަކަށް ދާން ވިސްނައިގެން މިހުރީ.. އެތަނުންވެސް ވަރަށް ރީތި އަންހެން ކުދިންނާއި ދިމާވެދާނެ ދޯ.. ފަހަރެއްގައި ކަމެއް ހިނގާފާނެ.." އަޔާމިންގެ ރާގު ހުރިގޮތުން އަންޝަރާގެ ހިތައް ތަދުވިއެވެ. އެލަފުޒުތައް އަޑުއަހަން ފަސޭހައެއްވެސް ނުވިއެވެ.
ލޯތްބަށް ޝައްކުކުރުމަކީ އަންޝަރާ ދުވަހެއްގައިވެސް ކުރާނެ ކަމެއްނޫނެވެ. އެހެންނަމަ މިވަގުތު ޝަކުވާ ކުރީހެވެ. އަޔާމިންއަށް ލިބުނީވެސް ހައިރާންކަމެވެ. ލޯބީގެ ކަންކަމުގައި އަންހެން ކުދިންނަކީ ހަސަދަވެރި ބައެކެވެ. ޝަކުވާ ގިނަ، މައްސަލަތައް ތޮއްޖައްސާ ބައެކެވެ. އަންޝަރާ މުޅިން ތަފާތެވެ.
ޖެހިޖެހިގެން ހުރި ދެ ސޯފާގައި ތިބެފައި އަންޝަރާ ތެދުވެގެން އައިސް އިށީނީ އަޔާމިންގެ އުނގުގައެވެ. މޫނުގައި ދެފަރާތުން ހިފަހައްޓާލާފައި ނިއްކުރީގައި ތުންފަތް ޖައްސައި ބާރުކޮށްލިއެވެ. މޫނުގެ އެތަންމިތަނުގައި ތުންފަތް ބީއްސާލަމުން ދެމީހުންގެ ނިއްކުރި މަޑުމަޑުން ޖައްސާލިއެވެ. އަޔާމިންއަށްވެސް ކުރެވުނީ ނޭގޭ އިހުސާސެކެވެ. ދެލޯ މަރާލެވުނީ އިޚްތިޔާރަކާއި ނުލައެވެ. އަމާންކަން އިޙްސާސްކުރެވުނެވެ. ހިތުގެ އެންމެ ފުނުގައި ޖަހާލާ ވިންދުވެސް ކަންފަތާއި ހަމައަށް ދަތުރުކުރި ކަހަލައެވެ. އަރާމު ވަގުތުކޮޅެކެވެ. ދުނިޔޭގެ ހުރިހާ ބޮލުރިހުމަކުން މިންޖުވެވުނުކަހަލައެވެ.
"އަޔާމިން ނޫން އެހެންމީހަކުދެކެ ދުވަހަކުވެސް ލޯބިނުވާނަން.. އެ އިޙްސާސް ހިނގާނީ އެކަމަށް ކޮންމެވެސް ވަރެއްގެ ފުރުސަތެއް ދެވިގެން.. އަހަރެންގެ އިހުސާސްތައް އަހަރެން އަމިއްލައަށް ކޮންޓްރޯލް ކުރުމުގެ ހިތްވަރު އަބަދުވެސް މިންވަރުކުރެއްވުން އެދި ﷲތަޢާލާއަށް ދަންނަވާނަން.." އަޔާމިންގެ ގައިން ހީނބިހި ނެގިއެވެ. އަމިއްލަ ހިތާއި ސުވާލުކޮށްލެވުނީ ތިމަންނާއަށްވެސް އެފަދަ ބާރުގަދަ ލޯތްބެއް އަންޝަރާދެކެ ވެވިފައިވޭތޯއެވެ. އެސުވާލަށް ޖަވާބެއް ނުލިބުނެވެ.
ހިނދުކޮޅަކަށްފަހު އަޔާމިންގެ މޫނުގެނެސް އަންޝަރާގެ މެޔާލައި ފިއްތާބާރުކޮށްލިއެވެ. އަންޝަރާގެ ހިތުގެ ތެޅުން އަޔާމިންއަށް އިވޭނެއެވެ. އެގޮތުގައި އިރުކޮޅަކު އިނުމަށްފަހު ބުނެލިއެވެ.
"ދޮގެއް ނުހަދާނަން.. ހަގީގަތުގައި އަހަރެންގެ ހިތައް ވަރަށް ތަދުވެއްޖެ.. އަޔާމިން ގެއްލިއްޖެއްޔާ، އަހަރެންގެ އަމިއްލަ ނަފުސައް ވެދާނެ ގޮތެއް ހިތައްވެސް ނާރާ.. ތިން އަހަރު އެއީ ދިގުމުއްދަތެއް.. އަހަރެންވެސް ގަބޫލުކުރަން.. އެކަމަކު ލޯތްބަކީ އެހައި ބަލިކަށި އެއްޗެއް ކަމަކަށްވެސް ގަބޫލެއް ނުކުރަން! ޖުމުލަ ހަ ސެމިސްޓަރ އަށް އަހަރެން މިދަނީ.. ކަމެއް ދިމާވެއްޖިއްޔާ މާލެ ނާންނާނަމޭ ނުބުނާނަން.. އެކަމަކު އިރުއިރުކޮޅުން އައުމަކީ ފަސޭހަކަމަކަށް ނުވެދާނެ.. ތިން އަހަރުން، ޕްރޮފެޝަނަލް އިންޓީރިއަރ ޑިޒައިނަރއަކަށް ވުމަކީ ސަމާސާއެއްނޫން.. އަހަރެންގެ ހުވަފެނާއި ހަމައަށް ދަތުރުކުރަން ވަރަށް ހިތްވަރު ކުރަންޖެހޭނެ.. ވަރަށް މަސައްކަތްކުރަންޖެހޭނެ.. ސެމިސްޓަރ ބްރޭކްއަށް އަޔާމިން އަހަރެން ކައިރިއަށް އަންނާން ބޭނުންވެއްޖިއްޔާ، އެކަން އަހަރެން ހަމަޖައްސައިދޭނަން.." ވަރަށް އުނދަގުލުން ނޭވާއެއް ލާފައި އަނެއްކާވެސް އަޔާމިންގެ ނިއްކުރީގައި ކިސްކޮށްލިއެވެ. މަޑުމަޑުން ތިރިވެ، އަޔާމިންގެ ހިތާއި ދިމާލުގައި ކަންފަތް ޖައްސާލާފައި ބާރަށް ބައްދާލިއެވެ. ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.
"މި ތިން އަހަރުތެރޭ އަޔާމިންދެކެ، އަހަރެންނަށް ވުރެންބޮޑަށް ލޯބިވާ އެހެން ކުއްޖަކު ލިބިއްޖެއްޔާ، އަޔާމިން ބޭނުންގޮތަކަށް ކަންތައްކުރަންވީ.. އެކަމަކު އެހެންމީހެއްގެ ޙައްގަކަށްވުމަށްފަހު އަހަރެންގާތު ބުނަންވާނެ.. މީހެއްގެ ޙައްގަކަށް އަހަރެން ދުވަހަކުވެސް އަރައިނުގަންނާނަން.. އަހަންނަށްވުރެން ބޮޑަށް އެކުއްޖަކު އަޔާމިންއަށް މުހިއްމުވާނީ އެކުއްޖަކުދެކެ ލޯބިވެވުނީމަ.. އަހަރެންނާއި ވަކިވިޔަސް، މިހިތުގެ ލޯތްބަކަށް ބަދަލެއް ނާންނާނެ.. ބޭނުމީ އަޔާމިން އުފަލުގައި ލެހެއްޓެވުން" އަސަރާއެކު ބުނެލިއެވެ. އަންޝަރާގެ އަޑު ތުރުތުރު އަޅައެވެ.
އަންޝަރާގެ ދެލޯރަތްވެ، ކޯތާފަތާއި ނޭފަތްވެސް ޖަންބުކުލައަށް ބަދަލުވިއެވެ. ލޮލުގައި ޖަމާވި ކަރުނަތިކި އޭގެ މަންޒިލަށް ދަތުރުކޮށްފިއެވެ. ބުނާނެ އެއްޗެއް ނޭގި ބަސް ހުސްވީ އަޔާމިންއަށެވެ. ބައްދާލާފައި ލޯބިވެރިޔާގެ ހަށިގަނޑު އިތުރަށް ގާތްކޮށްލުން ފިޔަވައި އިތުރު ހިތްވަރެއް ނުލިބުނެވެ. ދައްކާނެ ވާހަކައެއްވެސް ދުލަށް ނައީއެވެ. އެފަދަ ސާފު ލޯތްބެއް އަންޝަރާގެ ހިތުގައި އުފެދި އާލާވީ ކޮން އިރަކު ހެއްޔެވެ؟ އަޔާމިންގެ ހިތުގައި އެފަދަ ފުން އިޙްސާސްތަކެއް ވޭ ހެއްޔެވެ؟ ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ އެސުވާލު މިވަގުތު ކުރުން ރަގަޅު ނޫންކަން އަޔާމިންގެ ސިކުނޑި ބުނެދިނެވެ.
ހިތްފުރެންދެން ރޯލަން އަންޝަރާ ބޭނުންވިއެވެ. އަޔާމިންގެ ގަމީހުގެ މޭމަތި ތެމިއްޖެއެވެ. ދޭތެރެދޭތެރެއިން އަންޝަރާގެ ބޮލުގައި އަޔާމިން ކިސްކޮށްލައެވެ. ބުރަކަށީގައި ފިރުމާލަނީ ނުހަނު ލޯބިންނެވެ.
"ހިތައްއެރި، ފުރުމުގެކުރީން ގުލްއަށް މިވާހަކަތައް ކިޔައިދޭން.. މިހާރު ހިތް ބުނަނީ އެންމެ ރަގަޅުގޮތަކީ މިކަން އަހަރުމެން ދެމީހުންގެ ދެމެދު ބޭއްވުން.. އަޔާމިންވެސް މިކަން މިގޮތަށް ކޮށްދޭނެކަމަށް ހީކުރަން.." ކަރުނަ ފޮހެލަމުން އަންޝަރާ ބުންޏެވެ. އެއްބަސްވުމުގެ ގޮތުން އަޔާމިން ބޯޖަހާލިއެވެ.
"ކޮންމެވެސް ކަހަލަ ނުދަންނަ އިހުސާސްތަކެއް ސިކުނޑިއަށް އެބައާދޭ.. ކަމެއް ގޯސްވެދާނެ ކަމުގެ ސިގުނަލްތަކެއް އަންނަހެންވެސް ހީވޭ.. ފާޑެއްގެ ނުތަނަވަސް ކަމެއްކަންނޭގެ.. ފުރަން އުޅޭތީ މާބޮޑަށް ނުތަނަވަސްވަނީ ކަމަށްވެސް ވެދާނެ.." ފޮރުވުމެއްނެތި އޭނާގެ ހިތާއި ސިކުނޑި، އަންޝަރާ ލޯބިވެރިޔާއަށް ހުޅުވާލަދިނެވެ.
- ނުނިމޭ -