
"އައިއެމް ސޮރީ މައި ލަވް.. ރޮއްވާލާކަށް ބޭނުމެއްނޫން.. އެކަމަކު ތި ލޯބި މޫނު ބަލާލަބަލަ.. ހީވަމީ ޓޯމާޓޯއެއްހެން.. މީހަކު ވަރަށް ބޮޑަށް އަނިޔާކޮށްފަ ރޮއްވާލާފައި އިންހެން ހީވަނީ" އަޔާމިން ބުނެލީ ތަނުގެ މާހައުލު ބަދަލުކޮށްލާނަމޭ ހިތާއެވެ. ރައްދުއައީ ބާރުގަދަ ހަމަލާއެއްގެ ގޮތުގައެވެ.
"މީހަކު އަނިޔާކޮށްގެންވެސް އަހަރެންގެ ހިތް ކުދިކުދި ކޮށްނުލެވޭނެ.. އެކަން ހަމައެކަނި ކުރެވޭނެ މީހަކީ ތިއީ.. އަޔާމިންގެ އަތުގެތެރޭގައި އެހެން އަންހެންކުއްޖަކު ވަނިކޮށް ފެންނަ ވަގުތުން ފެށިގެން މިހިތުން ލޭކޮށޭނެ.. އެމަންޒަރު ބަލަން ކެތެއްވެސް ނުވާނެ.. އެމަންޒަރަށް މި ދެލޯ ދުވަހަކުވެސް ފަރިތައެއްވެސް ނުވާނެ.. " ތުންފަތް ތުރުތުރު އަޅުވާލާފައި އަންޝަރާ ބުނެލީ ނުހަނު އަސަރާއެކުއެވެ.
ދޭނެ ޖަވާބެއް ނެތެވެ. އެތައް ވާހަކައެއް ދެކެވިއްޖެއެވެ. އަޔާމިންގެ ނަފުސު ކުއްވެރި ކުރެވޭހެންވެސް އޭނާއަށް ހީވިއެވެ. އަންޝަރާގެ ހިތްގައިމު ތުންފަތް އަޔާމިންގެ ބާރުގެ ދަށަށް ގެނައި ވަގުތެއްވެސް އަންޝަރާއަށް ނޭގުނެވެ. ކުޑަކުއްޖަކު އުފުލާލާފަދަ ލުއިކޮށް އަންޝަރާ އުފުލާލީ އަޔާމިންގެ ދެއަތް މަތީގައެވެ. އެނދުމަތީގައި ބާއްވާލިއިރުވެސް ދެމީހުން ވަކިނުވެއެވެ. ހިފެހެއްޓުނު އެންމެ ބާރަކަށް އަޔާމިންގެ ގައިގައި އަންޝަރާ ބައްދާލިއެވެ.
ދެމީހުންގެ ނޭވާ ހުސްވެ އޮކްސިޖަން ބަންދުވެދާނެހެން ހީވުމުން ދުރަށް ޖެހިލިއެވެ. މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ލޯތްބާއެކު އަންޝަރާގެ ކަންފަތް ކައިރިއަށް އަޔާމިން ލައްވައިލީ އެހެން ލޯބިވެރީންނަށް މިސާލެއްފަދަ ލޮބުވެތި ގޮތަކަށެވެ.
"ބޭބީ..! ކިހާ ވަގުތެއް އެބައޮތް؟" މޫނުގެ އެތަން މިތަނުގައި ތުންފަތް ބީއްސާލަމުން އަޔާމިން ސުވާލުކޮށްލިއެވެ.
"އަދި ތިންގަޑީރު" ގަޑި ބަލާލުމަށްފަހު ބުނެލިއެވެ. އަންޝަރާގެ އަޑު މަޑެވެ.
"ކިހާ ވަރަކަށް ލޯބިވޭ؟" ހުރިހާ ކަމެއްގެ ހެކި ފެނިފަވެސް އަޔާމިން ކޮށްލި ސުވާލު އަންޝަރާއަށް ކަމަކު ނުދިޔައެވެ. އެކަމަކު އެކަމަށްވެސް އިޙްތިރާމްކުރިކަން އެނގުނީ ލޯ މަރާލާފައި ހިންދިރުވާލި ގޮތުންނެވެ.
"އެކަކު އަނެކަކުދެކެ ލޯބިވާ މިންވަރު ހާމަކޮށްދެވޭނެ ނަމަ، ލޯބީގެ ފޮމިއުލަރއެއް އުފެއްދިފައި ތާރީޚުން ފެންނާން އޮންނާނެ.. އެހެންވީމަ ތި ތޮއޮރީ އަހަރެން ގަބޫލެއް ނުކުރަން.. އެކަމަކު ވަރަށް ކުރުކޮށް ބުނެފާނަން.. އަހަރެންގެ އަމިއްލަ ނަފުސައްވުރެންވެސް އަޔާމިންދެކެ ލޯބިވޭ.." ދެއަތުން މޫނުގައި ހިފަހައްޓާލުމަށްފަހު އަޔާމިންގެ ނިއްކުރީގައި އަންޝަރާ ތުންފަތް ބީއްސާލިއެވެ. އަޔާމިންގެ ހިނިތުންވުމުން އެހަރަކާތުގެ ޖަވާބު ލިބުނެވެ.
"އައި ލައިކް އިޓް..! ފީލްސް ގުޑް" ދެވަނަ ފަހަރުވެސް އަޔާމިންގެ ނިއްކުރީގައި ކިސްކޮށްލިއެވެ.
ތަރުތީބު ގެއްލިފައިފާ އިސްތަށިތައް މަޑުމަޑުން އެއްފަރާތް ކޮށްލުމަށްފަހު އަންޝަރާގެ ކަންފަތް ބުޑުގައި އަޔާމިންގެ ޓްރިމް ކޮށްފައިވާ ތުނބުޅި ހާކާލިއެވެ. ކުރިއަށް ވުރެންވެސް ބާރަށް ބައްދާލާފައި ކަންދުރާގައި ތުންފަތް ބީއްސާލަމުން ބުނެލިއެވެ.
"އާރ ޔޫ ރެޑީ މައިލަވް" އަޔާމިންގެ މި ދަޢުވަތު ގަބޫލުކުރުން އެއީ އެންމެ ރަގަޅުގޮތް ތޯ ނޫންތޯ ނިންމާކަށް އަންޝަރާއަކަށް ވަގުތެއް ނެތެވެ.
"ޔެސް!"
އެނޫން އެހެން ޖަވާބެއް ދުލުން ބޭރުވެސް ނުވިއެވެ. އެނދުމަތީގައި އޮތް ބެޑްޝީޓް ބޮނޑިވެ، ކޮޓަރިތެރޭގެ މާހައުލު ބަދަލުވެގެންދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.
****
ތިން އަހަރުފަސް
ސަލާމްދިނުމަށްފަހު މިރްޒާދާ ދުޢާއަށް އަތްނެގިއެވެ. ދަރީންނާއި ފިރިމީހާ އަދި ޢާއިލާއަށް ހެޔޮރަޙްމަތާއި ފުރިހަމަ ސިއްހަތާއި އުފާވެރިކަމަށް ނުދަންނަވާ އެންމެ ނަމާދެއްވެސް މިރްޒާދާ ނިންމާނުލައެވެ. ވިޔަފާރި ދަތުރެއްގައި އަތީލް ދިޔުމުން މިރުޒާދާގެ އެކަނިވެރިކަން ފަޅުފިލުވުމަށް ގިނަވަގުތު ހޭދަކުރަނީ އަޅުކަމުގައެވެ. ނުވަތަ ބަގީޗާގައެވެ. ރައްޓެހިންނާއި ބައްދަލުކުރާން ގޭގެއަށް ގޮސްއުޅޭ މީހަކަށް ނުވާތީ ދާނެ ތަންތަނެއްވެސް ނުހުރެއެވެ.
ގުލްނާޒްގެ ކައިވެންޏަށްފަހު އޭނާ މުޅިން ބަދަލުވެއްޖެއެވެ. ދެމަފިރީން އެކުގައި ރިސޯޓްތަކަށް ދިއުމާއި ރެސްޓޯރެންޓްތަކުން ކެއުން އާންމުވެއްޖެއެވެ. ދުރުގައުމުތަކަށްކުރާ ހަނީމޫން ދަތުރުތައް ނުނިމުނެވެ. އެއްވެސް ޒިންމާއެއް ނެތްފަދައެވެ. ދިރިއުޅޭ ކޮޓަރި ސާފުކޮށްލުމަކީވެސް ގުލްނާޒް ދަންނަކަމަކަށް ނުވިއެވެ. ދެމީހުންކުރެ އެކަކުވެސް އޮފީހަކަށް ނުދެއެވެ. ބައްޕަގެ ފައިސާއިން ދިރިއުޅުމަކީ ދެމީހުންނަށްވެސް ލިބިފައިވާ ނިއުމަތެއްފަދައެވެ. ގޭގައި އުޅޭވަގުތެއްނަމަ، 'ދެމީހުން ވަކިނުވެ'އެވެ. މައިންބަފައިންނަށް ވަގުތު ދިނުމަކީ ގުލްނާޒްއަށް މިހާރު އުނދަގޫ ކަމެކެވެ.
ޖެނުއަރީގެ އެންމެ ފިނިދުވަސްތަކުން ދުވަހެކެވެ. ގްރީސްގެ ޕްރޮޖެކްޓްއަކަށް ދިޔަފަހުން އަންޝަރާ ނުގުޅާތާ ތިންދުވަސް ވީއެވެ. މިހަފްތާގައި މާލެއަށް އަންނާނެކަމަށް ކުރިން ބުނެފައި އޮތްނަމަވެސް އޭގެ ޚަބަރެއްވެސް ނުލިބެއެވެ. މާލޭގައި ހަދަމުންދާ ފަނަރަ ބުރީގެ ހޮޓަލެއްގެ އިންޓީރިއަރ ލިބިއްޖެކަމަށް ބުނިފަހުން އެކަން ވީ ގޮތެއްވެސް މިރްޒާދާއަކަށް ނޭގެއެވެ.
ކާމިޔާބުކަމާއެކު ކިޔެވުން ނިންމާލީ ފަޚުރުވެރި ވަނައަކާއިއެކުއެވެ. މުޅި ޔުނިވަރސިޓީގެ އެއްވަނަ ދަރިވަރުގެ ގޮތުގައެވެ. އޮސްޓްރޭލިޔާއާއި ޔޫރަޕްގެ އެތައް ގައުމެއްގެ ބޮޑެތި ޕްރޮޖެކުޓްތަކެއް އަންޝަރާވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ވަރަށް ބުރަ ހަފްތާއެއްކަމާއި މަންމައާއި ގުޅާލާނެ ވަގުތެއް ނުވެދާނެކަމަށްވެސް އެދަރިފުޅު ބުނެފައިވެއެވެ. ނަމާދު ދޮޅިއާއެކު މުސައްލަވެސް ފައްޖަހާލިއެވެ. ނަމާދު ކޮޓަރީގެ ކަބަޑު މަތީގައި ބާއްވާލާފައި މިރުޒާދާ ނިކުމެލީ ބަޖީޗާގެ ގަސްތަކަށް ފެންޖަހާލާށެވެ.
ގުލްނާޒްއާއި އޭނާގެ ފިރިމީހާގެ ގައިގޯޅި މަންޒަރު ލޯކުރިމަތީން ފެނިފެނިވެސް އެކަމަށް ލޯ ފަރިތައެއް ނުވިއެވެ. ކޮޓަރީގައި ދެމީހުންގެ އަމިއްލަ ވަގުތުތައް ހޭދަކުރާން ރަގަޅުވާނެކަމަށް ގުލްނާޒް ކައިރީގައި ކިތަންމެ ފަހަރަކު ބުނެފިއެވެ. މިފަހަރުވެސް ދިމާވީ އެހެންނެވެ. މިރްޒާދާއަށް ނިކުމެވުނީ އެފަދަ މަންޒަރެއްގެ ކުރިމައްޗަށެވެ. އިސްޖަހާލަން ޖެހުނީ ލަދުގަންނަ މީހުންނެވެ.
ގަސްތަކުގައި ދޮންވެފައި ހުރި ފަތްތައް ކަނޑަމުން ގަސްމުށިތަކުގެ ވެލިގަނޑު ސާފުކޮށް ނިންމާލިއެވެ. ގާތުގައި ބާއްވާލާފައި އޮތް ފެންޖަހާ ހޮޅި ނަގާފައި ގަސްތަކަށް ފެންޖަހަން ފެށިއެވެ.
"އައްސަލާމް އަލައިކުމް މަންމާ.." މިރްޒާދާގެ ކަންފަތްބުޑުން އަޑު އައެވެ. ފައިދަށުން ބިންގަނޑު ދެމިގެންހެން ހީވި ވަގުތު އެނބުރިލެވުނީ ހިފައިގެން ހުރި ފެންހޮޅިއާވެސް އެކުގައެވެ. ތެމި ފޯވީ ހުދު ތުނި ޓޮޕެއް ލައިގެން ހެވިފައިހުރި ލޯބިވާ ދަރިފުޅެވެ.
''މިކަހަލަ މަރުޙަބާއަކަށް އަޅުގަނޑު އުއްމީދެއް ނުކުރަން.. ވަރަށް ވަރަށް ހަނދާންވޭ ލޯބިވާ މަންމާ.." ތެމިފޯވިނަމަވެސް އެކަމާ އަޅާނުލިއެވެ. ބާރަށް ހީލަމުން އަންޝަރާ މަންމަގައިގައި ވަރަށް ލޯބިން ބައްދާލިއެވެ.
މިރްޒާދާއަށް ރޮވިއްޖެއެވެ. ދަރިފުޅުގެ ގައިން ދޫވެސް ނުކުރިއެވެ. ކަންކަން މުޅިން ރަގަޅު ނޫންކަމުގެ އިޙްސާސް އަންޝަރާއަށް ކުރެވުނީ މަންމަ ގިސްލާން ފެށުމުންނެވެ. ބުރަކަށީގައި ފިރުމާލާފައި މަންމަ ހަމަޔަކަށް އަޅުވާލަން އަދިވެސް އަންޝަރާ ކުޅަދާނަކަމަށް މިރްޒާދާ ގަބޫލުކުރާން މަޖުބޫރެވެ. ތެމި ފޯވެފަ ހުރެގެން މަންމަވެސް ތެންމާލީއެވެ. ކޮއްލި ސަމާސާއަކީ މީގެ ތިން އަހަރުކުރިންވެސް އެދަރިފުޅު ކޮއްއުޅޭ ކަމެކެވެ. މަންމަ އުނަގަނޑުގައި ދެފަރާތުން ކޮއްޓާންފެށީއެވެ.
"އަންގާވެސްނުލާ އައީމަ ޖޫރިމަނާ ދައްކަން ވާނެ.. އަވަހަށްދޭ އެއްޗެހި ބަދަލުކޮށްލަން.. މަންމަވެސް ވަރަށް އަވަހަށް މިއަންނަނީ ގަސްތަކަށް ފެންޖަހާލާފަ.. ފޮށިތައް އެތެރެއަށް ވައްދާލަން، ރާޖަންގާތު މަންމަ ބުނެލާނަން" ދަރިފުޅުގެ ނިއްކުރީގައި ބޮސްދެމުން މިރްޒާދާ ބުނެލިއެވެ.
"ބައްޕައާއި ގުލް ކޮބާ؟" އަންޝަރާގެ ސުވާލު މަންމަގެ އެސްފިޔަތަކުގެ ހަރަކާތްތައް އަވަސްކޮށްލިއެވެ.
ބައްޕަވީ މެލޭޝިޔާގައި ކަމަށް ބުންޏެވެ. ގުލްނާޒްވެސް އެތެރޭގައި ވެއްޖެކަމަށް ބުނެލީ ސަމާލުކަން ކުޑަގޮތަކަށެވެ. ކައިވެނީގެ އެއްވެސް ވާހަކައެއް ގުލްނާޒް އަންޝަރާއާއި ހިއްސާނުކުރާކަން މިރްޒާދާއަށްވެސް އިނގެއެވެ. އެވާހަކަ ބުނާނީ ހަމައެކަނި ގުލްނާޒްކަމާއި އެހެން އެކަކުވެސް އަންޝަރާގާތު އެވާހަކަ ދެއްކުން އޮތީ މަނާކޮށްފައެވެ.
ގެއާއި ދިމާއަށް އެޅިފިޔަވަޅު ކުރިންހުރި މަގާމުގައި ބަހައްޓާލަން ޖެހުނީ ކުއްލިޔަކަށް ވައިގަދަވެ ބަނަ ކޮށްލީމައެވެ. ހައިރާންވެފައި ދެމައިންނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. ވިއްސާރަ މޫސުމެއްވެސް ނޫނެވެ. މިރްޒާދާގެ ހިތައް ބިރުވެރިކަންވަނެވެ. ކުރިމަތީގައި އޮތް ޠޫފާނުގެ އަސަރު މައިވަންތަ ހިތައް ފޯރީއެވެ. ލޮލުން އިޝާރާތްކޮށް ދަރިފުޅަށް މިރްޒާދާ އަންގާލީ އެތެރެއަށް ވަނުމަށެވެ. ޓްރޯލީބޭގް އެއްއަތުން ހިފައިގެން އަނެއްއަތުން އަތްދަބަސް ހިފައިގެން، ތެމި ފޯވެގެން އަންޝަރާ މިސްރާބުޖެހީ ގޭތެރެއާއި ދިމާއަށެވެ.
"ސަރޕްރައ...ޒޒ" ބަސް ފުރިހަމައެއް ނުވިއެވެ.
ސޯފާގައި ބޮނޑިވެގެން އޮތީ ގުލްނާޒް އެކަނިކަމަށް އަންޝަރާއަށް ހީވިއެވެ. ނަމަވެސް ދޮރާއި ދިމާއަށް އެނބުރެލީ ދެ ހަށިގަނޑު އެކުގައެވެ. ވިދާލި ވިދުވަރާއެކު ދުވެފައި އައިސް މިރްޒާދާވެސް ސިޓިންރޫމް ދޮރުމައްޗަށް އަރައިފިއެވެ. އޭރު ގުލްނާޒްގެ ދެމަފިރިން ތިބިހާލަތުން ދުރައްޖެހިލައިފިއެވެ. ދެމީހުންގެ އަނގަމަތި ފޮހެލުމާއެކު ގުލްނާޒުގެ ހެނދުމުގެ ބޮޑުކަރު އޭނާގެ ކޮނޑުގައި އަޅުވާލިއެވެ. އިސްޖަހާލެވުނީ މިރްޒާދާއަށެވެ. ގުޑާލަންވެސް ނޭގިފައި ހުރީ އަންޝަރާއެވެ. ޖެހި ބާރުގަދަ ގުގުރީގެ އަޑެއްވެސް ނީވުނެވެ. ކަންފަތް ބައްވެ،މީހާ ހުއްޓުން އަރައިފިއެވެ. މާހައުލު ބަދަލުކުރުމަށް މިފަހަރު އިސްނެގީ ގުލްނާޒްއެވެ.
"އޯ މައި ގޯޑް.. ސިސް... އަންގާވެސް ނުލާ.. ވަޓް އަ ސަރޕްރައިޒް" ގުލްނާޒް ދުވެފައިއައިސް އަންޝަރާގެ ގައިގައި ބައްދައިގަތެވެ.
އަތުގައި އޮތް ޓްރޯލީބޭގް އަދި އަތްދަބަސް ވެއްޓުނުކަމެއް އަންޝަރާއަށް ނުވެސް އެނގެއެވެ. ކަޅި ހުއްޓިފައިވަނީ އެންމެ ދިމާއަކަށެވެ. ނަފްރަތާއި ކަރުނައާއި ޝަކުވާއާއި ފުންޏަކަށްޖެހުނު ސުވާލުތަކުން އެ ދެ ލޯ ފުރި ބާރުވެއްޖެއެވެ. ކަންފަތުން ހޫނު ނިކުންނާން ފެށިއެވެ. މިވަގުތު އަންޝަރާގެ ލޮލަށް ނަޒަރު ހުއްޓާލުމަކީ އެއްވެސް އިންސާނަށް ފަސޭހަކަމެއް ނޫނެވެ. ލޮލުގެ ބާރުން އިންސާކު ޒަޚަމުކުރެވޭނެނަމަ، ކުރިމަތީގައި ހުރި އިންސާނާގެ ފުރާނަވެސް މިވަގުތު ނުހުރީއެވެ.
"އޫޕްސް... އައި އެމް، ރިއަލީ ވެރީ ވެރީ ސޮރީ..' ކަންފަތު ފޫޅުގައި ހިފާފައި ގުލްނާޒް ބުނެލިއެވެ. އަންޝަރާއަށް އައިސްފަ ހުރި ބަދަލު ފާހަގަނުކުރެވެނީ އެތަނުގައި ތިބި ދެ އަންހެނުންނަށެވެ.
"ހީ އިޒް މައި ހަޒްބަންޑް..! އަޔާމިން.. މިއީ ގުލް ގެ ވަން އެންޑް އޮންލީ ސިސް.." ގުލްނާޒް އަންޝަރާގެ އަތުގައި ހިފައިގެން ގެންގޮސް ބެހެއްޓީ އަޔާމިން ކުރިމަތީގައެވެ.
"ޕްލީޒް ހަގް އީޗް އަދަރ.. ވީ އަރ ފެމިލީ" ގުލްނާޒް ބުނެލީ މަޖާވެލާފައެވެ.
ލިބުނު ރަނުގެ ފުރުސަތުގައި ބައްދާލުމަށްޓަކައި އަޔާމިން ހަރަކާތްކޮށްލިވަގުތު އަންޝަރާ ދެފިޔަވަޅު ފަހަތައް ޖެހިލީ ހުށިޔާރު ކަމާއެކުއެވެ. ފަހުންވެސް ތަޢާރަފް ވެވިދާނެ ކަމަށްބުނެފައި އަންޝަރާ އެއްއަރިޔަކަށް އެނބުރިލިއެވެ. އަޔާމިންގެ ހަރަކާތްތައް މިރްޒާދާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ބުޅަލެއް މަސްގަނޑަށް ބަލަހައްޓައިގެން އޮންނަފަދައިން އަޔާމިން ބަލަމުން ގެންދިޔައީ އަންޝަރާގެ ހަށިގަނޑަށެވެ. ތުނި ޓޮޕް ތެމިފައިވުމުން ވަރަށް ބޮޑަށްހުރީ ގައިގަ ތަތްލާފައެވެ. އަޔާމިންގެ ނަޒަރު އަންޝަރާގެ ހަށިގަނޑާއި ވަކިނުވެއެވެ. އަޔާމިންގެ އެހަރަކާތް މިރްޒާދާއަށް ކަމަކު ނުދިޔައެވެ.
"ކޮއްކޮއާއި ދައްތައާއި ވައްތަރެއް ނޫން ދޯ" އެވަގުތު ބުނަން ކެރޭވަރަށް އަޔާމިން ބުނެލިއެވެ. ދޫ ހިމޭނުން ނުބޭއްވުނީއެވެ.
ތެދެކެވެ. ރީތިކަމުގެ ހުރިހާ ސިފައެއް އަންޝަރާއަށް ވަނީ ލިބިފައެވެ. ހަށިގަނޑަށް ނުބަލާ ކެއުމާއި ކަސްރަތާއި ދުރުހެލިވުމުން ހަށިގަނޑަށް އަންނާނެ ހުރިހާ ބަދަލެއް ގުލްއަށްވަނީ އައިސްފައެވެ. ގުލްގެ ކޮޓަރީގައި ހަރުކޮށްފައިވާ ދެބެންގެ ފޮޓޯތަކާއި ގޭގެ އެތައް މިތަނުގައި ހުރި ފްރޭމްތަކުންވެސް އެކަން އިގޭނެއެވެ. އަންޝަރާގެ ރީތިކަމަށް އައިސްފައިވާ ބަދަލަށް އެއްޗެއް ބުނެނުލާ އަޔާމިންއަށް ކެތް ނުވީއެވެ.
"މާބޮޑަށް ތެމިފަ ތިހުރީ އަވަހަށްދޭ އެއްޗެހި ބަދަލުކުރަން.. މަންމަ ހޫނު އެއްޗެއް ކާން ތައްޔާރުކޮށްލާނަން.." އަޔާމިންއާއިމެދު މިރްޒާދާ ހިތްހަމައެއް ނުޖެހުނެވެ. މަންމަގެ ބުނުމަށް އަންޝަރާ މިސްރާބު ބެހެއްޓީ އޭނާގެ ކޮޓަރިއަށެވެ.
ދޮރުލެއްޕުމާއެކު، ދޮރުބުޑަށް އަންޝަރާ ވެއްޓި ރޯންފެށިއެވެ. ޔަގީންކުރީ އޭނާގެ އަޑު އެހެން ކަންފަތަކަށް އިވުނަ ނުދިނުމަށެވެ.
ހަދާނެ ގޮތް ހުސްވީއެވެ. ގުލްނާޒްއާއި އަޔާމިންގެ ކައިވެނީގެ ޚަބަރު އިނގޭނަމަ، އަންޝަރާ ދުވަހަކުވެސް ރާއްޖެ ނައީހެވެ. ޔަގީނުންވެސް އެދެމީހުން ދިރިއުޅޭ ހިޔާވައްސަކަށް ވަންނާނެ ހިތްވަރެއް އަންޝަރާއަށް ނުލިބޭނެއެވެ. ދުވަހަކުވެސް ހީކުރެވިފައި ނެތް ބޮޑު އިމްތިހާނެއް ކުރިމަތިވީއެވެ. މިވަގުތަށް ގެއިން ނިކުމެގެން ދިއުންވެސް ރަގަޅެއް ނުވާނެއެވެ. ބައްޕަ ރަށުގަ ނެތެވެ. މަންމަގެ އުފާވެރިކަން ހިނދުކޮޅެއްގެ ތެރޭގައި ނިމުމަކަށް ގެންނާނެ ހިތްވަރެއް އަންޝަރާގެ ނެތެވެ. ގެއަށް ވަތްވަގުތުގެ މަންޒަރުތައް ލޯކުރިމަތީގައި އެނބުރެނީއެވެ. ސިކުނޑީގައި އެކަން ރެކޯޑްކުރެވިއްޖެއެވެ. އަޔާމިންގެ އަތުގެ ތެރޭގައި އޮތީ އަމިއްލަ ކޮއްކޮއެވެ. ގުލްނާޒް ލައިގެން އޮތް ޓޮޕްގެ ނިވާކަން ކުޑައެވެ. އެހާ ދަށުދަރަޖައަކަށް ގުލް ވެއްޓުނީ ކޮންއިރަކު ހެއްޔެވެ؟ އަޔާމިން ގުލްނާޒްދެކެ އެހާވަރަށް ލޯބިވޭ ހެއްޔެވެ؟ ހަގީގަތުގައިވެސް އަންޝަރާގެ ލޯތްބަކީ އެއްފަޅީން ވެވުނު ލޯތްބެއް ހެއްޔެވެ؟ ކުޑަވެސް ރަހުމެއް ނުވަތަ ހަމްދަރުދީއެއްވެސް އަޔާމިންގެ ހިތުގައި އަންޝަރާއަށް ނެތީހެއްޔެވެ؟
އަޔާމިންއަކީ އަންޝަރާގެ ލޯބިވެރިޔާކަން ނޭގޭނީ ގުލްނާޒްއަށެވެ. އެކަމަކު އަޔާމިންއަށް ގުލްނާޒްގެ ހުރިހާ ހަގީގަތެއް އަންޝަރާވާނީ ކިޔައިދީފައެވެ. ފޮޓޯވެސް ވާނީ ދައްކާފައެވެ. ދެމީހުން އެކުގައިވެސް ވާނީ އަޔާމިންއަށް ފެނިފައެވެ. މިވަރު ލަދުވެތިކަމެއް އަޔާމިން އެކުރީ ކީއްވެހެއްޔެވެ؟ މިއީ އަންޝަރާގެ ހަޔާތުގައި ކުރިމަތިވި އެންމެ ނުރައްކާތެރި އިމްތިހާނެވެ. ބަލިކަށިކަމަކީ އަންޝަރާއަށް ދަސްވެފައި އޮތްކަމެއް ނޫނެވެ. އޭނާ ހިތްވަރު ކުރާނެއެވެ. ވަރަށް ބޮޑަށް ހިތްވަރުކުރާނެއެވެ. އާއިލާގެ ޙައްގުގައެވެ.
"ދަރިފުޅާ.. ދަރިފުޅާ.. އަންޝަރާ.. ދަރިފުޅާ" ހާސްކަމާއެކު މިރްޒާދާ ގޮވީ ބާރަށް ދޮރުގައި ތަޅަމުންނެވެ. އަންޝަރާ ކޮޓަރިއަށް ވަންފަހުން ބައިގަޑީރަށްވުރެން ގިނަވީއެވެ.
"ފެންވަރައިގެން މި އަންނަނީ މަންމާ" ވަރަށް ހިއްވަރުކޮށްފައި އަންޝަރާ ބުންޏެވެ. އިތުރަށްވެސް ދެތިން ފަހަރަކު މިރްޒާދާ ދޮރުގައި ޖެހިއެވެ. މަޑުމަޑުން ތެދުވެ އަންޝަރާވަނީ ފާޚާނާއަށެވެ.
ހުނިލީ ރޮއްޓާއި ރިހާކުރާ ކަޅުސަޔާ ތައްޔާރުކޮށްލާފައި މިރްޒާދާ އިންތިޒާރުކުރީ އަންޝަރާއަށެވެ. ސުފުރާއަށް ކައިރީވީ ގުލްނާޒްގެ ދެމަފިރީންނެވެ. މޭޒުވަށައިގެން ހަ ގޮނޑިހުއްޓެވެ. ގުލްނާޒް އިށީނީ އަޔާމިންގެ އުނގުގައެވެ. ކުޑަތައްޓެއް ކައިރިކޮށްލާފައި އެއަށް ރިހާކުރުކޮޅެއް އަޅާލީ އަޔާމިންއެވެ.
"މަންމައާއި ބައްޕަގެ އިތުރުން އެހެންމީހަކު މީގެކުރީން ގޭގައި ނޫޅުނަސް މިހާރު އަންޝަރާއެއައީ.. އެހެންވީމަ ތަންކޮޅެއް އަދަބުވެރިކޮށް ދަރިފުޅުމެންވެސް އުޅުންއެއީ މަންމަގެ ވަރަށްބޮޑު އެދުމެއް '' އިސްޖަހައިގެ ހުރެ މިރްޒާދާ ބުނެލިއެވެ. ކުޑައިރުކޮޅެއްގެ ކުރީން އަޔާމިންގެ ހަރަކާތްތައް ހުރިގޮތް މިރްޒާދާއަށް ކަމުނުދިޔައީއެވެ.
- ނުނިމޭ