ads
ކޮންޓޭ
މައްސަލަތަކަށް ފަހު ކޮންޓޭ ކޯޗުކަމުން ވަކިވެއްޖެ
ކްލަބާއެކު އެއްބަސްވުމަކަށް އައިސް، ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ކްލަބު ދޫކޮށްލައިފިއެވެ.

ކޮންޓޭއާ ޓޮޓެންހަމްގެ އެއްބަސްވުން ރޫޅާލިއިރު، ފަހަކަށް އައިސް ޓޮޓެންހަމްގެ ކުޅުންތެރިންނާއި މެނޭޖްމަންޓާ ކޮންޓޭއާމެދު ވަނީ ގިނަ މައްސަލަތަކެއް ޖެހިފައެވެ. ޗެލްސީއާއެކު އިގިރޭސި ޕްރިމިއަ ލީގު ކާމިޔާބު ކުރި، ކޮންޓޭ، ޓޮޓެންހަމުން މި ވަކިވީ އެ ކްލަބާ އޭނާ ހަވާލުވީތާ ދޮޅު އަހަރުވެސް ނުވެއެވެ.

ކޮންޓޭވަނީ ފަހަކަށް އައިސް ޓޮޓެންހަމްގެ ބައެއް ކުޅުންތެރިންނާއި މެނޭޖްމަންޓަށް އެކި ފަހަރު މަތިން ފާޑުކިޔާފައެވެ. ޕްރިމިއާ ލީގުގައި ސައުތެމްޓަންއާ 3-3 އިން ޓޮޓެންހަމް އެއްވަރުވި މެޗަށް ފަހު، ކޮންޓޭ ވަނީ ވަރަށް ބޮޑަށް ޓޮޓެންހަމް ހިންގަމުން އަންނަ ގޮތާ އެ ޓީމަށް ކުޅޭ ކުޅުންތެރިންނަށް ފާޑުކިޔައިފަ އެވެ. އެ މެޗަކީ ކޮންޓޭ ޓޮޓެންހަމަށް އިރުޝާދުދިން އެންމެ ފަހު މެޗެވެ.

ޓޮޓެންހަމް އިން ކޮންޓޭ ވަކިވުމުން ސީޒަންގެ ބާކީބައިގައި އެ ކްލަބަށް އިރުޝާދު ދޭނީ ކޮންޓޭގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ކްރިސްޓިއަން ސްޓެލީނީ އެވެ.

ސްޓެލީނީ ވަނީ މި ފަހުން ކޮންޓޭ އޮޕަރޭޝަނެއް ކުރުމުން ޓޮޓެންހަމްގެ ހެޑް ކޯޗެއްގެ ގޮތުގައި ގިނަ މެޗުތަކެއްގައި މަސައްކަތްކޮށްފަ އެވެ.

ކޮންޓޭ ވަނީ ޓޮޓެންހަމް އަށް 76 މެޗުގައި އިރުޝާދު ދީފަ އެވެ. އޭގެ ތެރެއިން، 41 މެޗުން މޮޅުވިއިރު، 23 މެޗުން ބަލިވެ، 12 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް