
"ސާބަސް މަންމާ.. އަންޝަރާ އެއައީ މުޅި ޔޫރަޕްގައި ބުރުޖަހާފައި.. އަހަރުމެންގެ މި ލައިފް ނުވާނެ އެކައްޗަކަށްވެސް.. އަންޝަރާވެސް ކޮންމެވެސް ބޯއީއެއް ހޯދައިގެން ހަމަމިހެން އުޅެފަ އެއަންނާނީ.. ރަގަޅަށްވިއްޔާ އަހަރެން ދާންޖެހޭނީ އަންޝަރާ ގާތަށް ފިލާވަޅުނަގަން.. ނޫންތަ ބޭބީ؟" ގުލްނާޒުގެ ވާހަކައިގައި އަޔާމިންވެސް ބައިވެރި ކުރުވިއެވެ.
ބޭނުން ނުވިޔަސް އެވާހަކައިގައި ބައިވެރިވުމަށް އަޔާމިން ހިނިތުންވިއެވެ. އެއްޗެއް ބުނާން މިރްޒާދާ ތައްޔާރުވި ވަގުތު އަންޝަރާ އަންނަތަން ފެނުމުން އެވާހަކަ އޮއްބާލީއެވެ.
"ކޮބައި ގެނައި ހަދިޔާތައް.. ކާން އިށީނދެވޭނީ ހަދިޔާދީފަ.." ދެބޭންގެ މާޒީގައި ބޮޑާހާކާލާގޮތަށް ގުލްނާޒް ބޮޑާހާކާލިއެވެ.
ކައިގެންވެސް ހަދިޔާދެވިދާނެކަމަށް ބުނެފައި އަންޝަރާ މަންމަގައިގައި ބައްދާލާފައި އިޝާރާތްކޮށްލީ ގޮނޑީގައި އިށީނުމަށެވެ. އެއާއެކު އަންޝަރާވެސް އިށީނެވެ. ގުލްނާޒްގެ ދެމަފިރީންތިބި ފަޅިއަށް ގޮނޑިއެއް އަނބުރާލާފައި އަންޝަރާ އިށީނީ ގަސްތުގައެވެ. ކުރިމަތީގައި އެތަމްސީލު ކުޅެމުންދާނަމަ ކާއެތިކޮޅު ދިރުވާންވެސް ދަތިވެދާނެތީއެވެ. މާގިނަ ވާހަތަކެއް ބަދަލުނުކުރެވި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހަވީރުގެ ސައި ނިމިއްޖެއެވެ. މަންމަގެ ހުނިރޮއްޓާއި ރިހާކުރު ކުޅިކުރުމަށް އަންޝަރާ ތަޢުރީފް ކުރިއެވެ. އެއްވެސް މީހަކަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އަންޝަރާ މިސްރާބުޖެހީ އޭނާގެ ކޮޓަރިއަށެވެ.
އަޔާމިންގެ ހިތާއި ސިކުނޑީގައި އެނބުރެމުންދިޔަ ޚިޔާލްތައް އަންދާޒާކުރާން އެނގޭމީހަކު ނެތެވެ. ހިނދުކޮޅެއްވެސް ލިބޭތޯ ބަލަމުންދިޔައީ އަންޝަރާއާއި އަނގައިން ބުނެލަން އިންތިހާއަށް ބޭނުންވާތީއެވެ. އަންޝަރާ ފެންނަ ކޮންމެ ވަގުތަކު އަޔާމިންގެ ހިއްސުތައް ހޭލައެވެ. ސައިމޭޒުދޮށުގައިވެސް އަޔާމިންބުނާ އެއްވެސް އެއްޗަކަށް އަންޝަރާ އަޅައެއް ނުލިއެވެ. އެއީ މޭޒުދޮށުގައި އިން މީހަކަށްވެސް ނުހެދިއެވެ.
މާގިނައިރެއްނުވެ އަންޝަރާ ނިކުމެއްޖެއެވެ. އަތުގައި އަށެއްކަ ކޮތަޅުއޮތެވެ. އަޔާމިންގެ އުނގުގެ ތެރެއިން ތެދުވެގެން ގުލްނާޒް ދުއްވައިގަތީ ހަދިޔާ ކޮތަޅުތަކާއި ދިމާއަށެވެ. ކުޑަކޮށް ބައްދާލާފައި އޭނާގެ ކޮތަޅުތައް އަންޝަރާ ހަވާލުކުރިއެވެ. އަދި މަންމަގެ ކޮތަޅުތައް މަންމައާއި ހަވާލުކުރިއެވެ. ގުލްނާޒުގެ މޫނަށް އެތައް ވައްތަރެއްޖައްސާލާފައި އަތުގެ ހަރަކާތުން އިޝާރާތްކުރީ އަޔާމިންގެ ހަދިޔާ ކޮބައިތޯއެވެ.
"ހަދިޔާ ގެނައީ އަހަރެން ލޯބިވާ މީހުންނަށް.. ނުދަންނަ މީހުންނަށް ހަދީޔާ ދިނުމަކީ އަހަރެން ކޮށްއުޅޭ ކަމެއް ނޫން" އަންޝަރާގެ ޖަވާބު އެއްގޮތްކަށްވެސް ގުލްނާޒަށް ކަމަކު ނުދިޔައެވެ. އެއަށްވުރެން ބޮޑަށް އުނދަގުވީ އަޔާމިންއަށެވެ. ދޫކޮށްލީ ސީދާ އުންޑައެއްކަން އޭނާއަށް އެނގުނެވެ. ޔަގީނުންވެސް އަންޝަރާގެ ހަދިޔާގެ ލިސްޓުގެ އެންމެ ކުރީގައި އޭނާގެ ނަން އޮންނާނެކަން އަޔާމިންއަށް ޔަގީނެވެ. ތަފާތަކީ ހައިސިއްޔަތު ބަދަލުވުމެވެ.
"މަންމާ.. އަހަރެން ތަންކޮޅެއް ލަސްވާނެ.. މީޓިންގއަކަށް މިދަނީ.. ރޭގަނޑުގެ ކެއުމަށް އަހަރެން ނާންނާނަން.. އިންތިޒާރުނުކޮށް މަންމަ ނިދާލާތި އިނގޭ.." މަންމަގައިގަ ބައްދާލަމުން އަންޝަރާ ބުނެލިއެވެ. ފަސްއެނބުރި ބަލައިވެސްނުލާ ގެއިން ނިކުމެއްޖެއެވެ.
މެންދަމުގެ ހަމަހިމޭން ވަގުތެވެ. އުޑުމަތީން އެންމެތަރިއެއްވެސް ބަބުޅާނުލައެވެ. ވަށައިގެންވަނީ އަނދިރިކަމާއި ބިރުވެރިކަމެވެ. މަންޒިލެއްނެތި ހިނގަމުންދާ މުސާފިރެއް ފަދައިން އަންޝަރާ ކުރިއަށްދިޔައީ މޫދުގެ ލޮނުގަނޑާއި ދިމާއަށެވެ. ހުޅުމާލޭ ގޮނޑުދޮށުގައި އަންޝަރާ އެކަނިމާއެކަނި އިންނަތާ އަށެއްކަ ގަޑީރަށްވުރެން ގިނަވެއްޖެއެވެ. އިރުއޮއްސުނުއިރު ގެއިން ނިކުމެގެން އައިގޮތަށް އެއިނީ އަތިރިމަތީގައި ހުރި ޖޯލިފައްޗެއްގައެވެ. އެކި އުމުރުގެ މީހުން ވަގުތު ހޭދަކޮށްލުމަށް އެތަނުގައި ކޮންމެވެސް ވަރަކަށް އުޅުނެވެ. ވިއްސާރަ ރެއެއްކަމުން އެމީހެއްގެ މަންޒިލަށް އެމީހަކުގޮސް ރޭގަނޑުގެ އަރާމުނިދީން ހިތްހަމަޖެހުން ހޯދާނެއެވެ.
އަންޝަރާގެ ދިރިއުޅުމާއިމެދު އޭނާ ވިސްނަނީއެވެ. އެގޭގައި އުޅުން ފަސޭހައެއް ނޫނެވެ. އެކުގައި ހޭދަކުރެވުނު މަންޒަރުތަކަށް ފަނޑުކަމެއްނެތެވެ. ޅިޔަނެއްގެ ނަޒަރުން ދުވަހަކުވެސް އަޔާމިންއަށް ބަލާލެވިދާނެކަމުގެ އެއްވެސް އިތުބާރެއް އަމިއްލަ ނަފުސައްނެތީއެވެ. ހިތައް ލުޔެއް ލިބޭނެގޮތެއް ޚިޔާލަށްވެސް ނާންނަނީއެވެ. ލޮނުގަނޑުގެ ތެރޭހިނގަމުން ކުރިއަށްދެވޭކަން އިނގުނީ ކަކޫތާފެނަށް އެރެވުނުފަހުންނެވެ. މެންދަމުގެ އަނދިރި އެވަގުތަކީ އެކަނިހުރި އަންހެން ކުއްޖަކަށް ރައްކާތެރިވަގުތަކަށް ނުވެދާނެކަމަށް އަންޝަރާއަށް ވިސްނުނެވެ. ﷲއާއި ވަކީލުކުރަމުން އެއްގަމަށް އަރައިފިއެވެ.
ފެންވަރައިގެން ނިކުމެ އެއްޗެހި ބަދަލުކޮށްލިއެވެ. އަރާމުކުރުމަށް ސިކުނޑި ނޭދުނަސް، އެސްފިޔަތައް ބަރުވަނީއެވެ. ސިލްކް ޝޯޓަކާއި މަޑުމަޑުކޮޓްން ޓީޝާޓްކޮޅެއް ލައިގެން އެނދުގައި އިށީނެވެ. އޮށޯންނާކަށް ބޭނުމެއްނުވިއެވެ. އަޔާމިންގެ ޚިޔާލްތައް އަންޝަރާގެ ސިކުނޑީގައި ތެރަސްލާއި ތަތްކޮށްފައިހުރި ފަދައެވެ. ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާންފެށިއެވެ. އިރުކޮޅަކުން އަލަމާރި ހުޅުވާލާފައި ނެގީ ދެތިންކޮތަޅާއި ކަތުރެކެވެ. ކޮތަޅުތައް އޮއްސާލީ އެނދުމައްޗަށެވެ. ކަރުނަ ފޮހެލުމަށްފަހު ހުރިހާ އެއްޗެއް ކަތުރުން ކަފަންފެށިއެވެ. ހިތައް އުނދަގޫކުރަމުންދިޔަ ހުރިހާ އިހުސާސެއް އެ އަންނައުނުތަކަށް ބާލައިލަނީއެވެ. އެއީ އަޔާމިންއަށް ގެނައި އަންނައުނުތަކެވެ. އެތަކެތި ޙައްގުވާނެ ހައިސިއްޔަތެއް އަޔާމިންގެ ނެތެވެ.
ހަތަރުފަރާތުން އަންޝަރާގެ ބޯ ފިއްތާލާހެން ހީވަނީއެވެ. ރޮވިއްޖެއެވެ. ނޭވާލާން ފަސޭހައެއް ނޫނެވެ. ދޮރުހުޅުވާލާފައި ނިކުމެ ކަނާތްފަރާތް ބަލައިލިއެވެ. ހީވާހީވުމަށް އަރާމު ނިންޖަކުން އެކޮޓަރި ނިދާލާފައެވެ. ދޮރުލައްޕާލާފައި އަންޝަރާ މިސްރާބުޖެހީ މަންމަކޮޓަރިއާއި ދިމާއަށެވެ. ނަސީބުވެސް ރަގަޅެވެ. ދޮރުތަޅެއް ނުލައެވެ.
މިރްޒާދާއަށް ހޭލެވުނީ ގޮދަޑިއަށް ލޮޅުންއެރީމައެވެ. ކުޑަކުއްޖަކު މަންމަގެ އުނގުގައި ބޮނޑިވެލާފަދައިން އަންޝަރާ ބޮނޑިވެލިއެވެ. ސުވާލެއްކުރާން މިވަގުތު މިރްޒާދާ ބޭނުމެއްނޫނެވެ. ލޯތްބާއެކު ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. ތެދުވެ ފަހަތައްޖެހިލުމަށްފަހު ހެޑްބޯޑްގައި ބާލީސް ލައްގާލައިފައި ލެނގިލިއެވެ. އުނގުގައި ބޯއަޅާލުމަށް ދަރިފުޅަށް ފަސޭހަކޮށްލީއެވެ. މަންމައަށް މޫނު ފޮރުވައިގެން އޮތަސް، ދަރިފުޅު ރޯކަން މަންމައަށް އިނގެއެވެ. ވަގުތުދީގެން އިނީ، އަންޝަރާ އަމިއްލައަށް ބުނެތޯއެވެ.
"މަންމާ.. މިގޭގައި އުޅެން އަޅުގަނޑަށް ފަސޭހައެއް ނޫން.. އެކަމަކު ވަރަށްބޮޑު ޕްރޮޖެކްޓަކަށް ސޮއިކޮށްފައޮތީ.. ތިންދުވަސްތެރޭ އެތަނުގެ މަސައްކަތްތައް ފެށޭނެ.. މިތަނުން ފުރައިގެން ދެވޭކަށްވެސް ނެތް" މާޔޫސްކަން ނޫނީ އެއަޑުގައި ނެތެވެ. ހިތާމައިގެ ވޭނަކީ އަންޝަރާ ފަރިތައެއްޗެއް ނޫންކަން މިރްޒާދާއަށް ވަރަށް ރަގަޅަށް އެގެއެވެ. މިއީ އަންޝަރާގެ ފަރާތުން މިރްޒާދާއަށް ދުވަހަކުވެސް ފެނުނު މަންޒަރެއްނޫނެވެ. އަންޝަރާގެ ކަރުނަ ދެކެން މިރްޒާދާއަށް ކެތްކުރާން ފަސޭހައެއް ނުވިއެވެ.
"މަންމަގެ ހަޔާތުގައިވެސް ނުދެކެން ދަރިފުޅުވަރުގެ ކުޅަދާނަ އަންހެން ކުއްޖެއް.. ތިއީ އާދައިގެ ކުއްޖެއްނޫން.. ވަރަށް ޅަ އުމުރުގައި ދަރިފުޅު ތި ހޯދި ކާމިޔާބީތަކާއި މިހާރު ތި ހުރި މަގާމު ދަރިފުޅު ހަނދާންނެތުނީތަ؟ އެންމެ ފިރިހެނެއްގެ ބޭވަފާތެރިކަމުން ދަރިފުޅު ބަލިކަށިކުރެވޭ ވަރަށްވުރެން ތިއީ މާ ހިތްވަރުގަދަ ކުއްޖެއް'' މިރްޒާދާ ގަސްތުގައި އަނދިރީގައި ދޫކޮށްލި ތީރު އަމާޒަށް އެރިއެވެ.
މޫނުމަތީގައި ބާލީސް އަޅާފައި ބާރުއަޑުން އަންޝަރާ ރޯންފެށިއެވެ. މިރްޒާދާގެ ހިތްފަޅައިގެންދާވަރުވިޔަސް ކެތްކުރިއެވެ. ރުއިމަކީ ބައެއްފަހަރު ފަރުވާއެކެވެ. ދަރިފުޅުގެ ގައިގައި ފިރުމާލުމުގައި އެމަންމަގެ މުޅި ރޭ ހޭދަކުރާންޖެހުނަސް ފޫހިކަމެއްނެތި އެކަން ކުރާނެއެވެ.
ފެންނަފެނުމަށް މުޅި ގެ ނިދާފައެވެ. ހަލަބޮލި މިހަޔާތުގައި އެއްފުރާޅެއްގެ ދަށުގައި ސިއްރު ކިހާކަމެއް ހިނގާކަން އެނގެނީ ކާކަށްހެއްޔެވެ. އަންޝަރާގެ އިންތިޒާރުގައި އަޔާމިން ނުނިދާ އޮންނަތާ އެތައްގަޑީރެއް ފާއިތުވެއްޖެއެވެ. އޭނާގެ ސިކުނޑި ބަރުވެ ނުތަނަވަސް ވެއްޖެއެވެ. އަންޝަރާގެ އެނބުރި އައުމަށްފަހު ގުލްނާޒްގެ ގާތްވުން އަޔާމިންއަށް ފަސޭހައެއް ނުވިއެވެ.
އަނބިމީހާ އޮތީ މޭމަތީ ބޯއަޅައިގެން ގަދަ ނިދީގައެވެ. ކޮޓަރިއެއްގެ ދޮރުލެއްޕިއަޑުން އަޔާމިންގެ ހިތް ތެޅިލިއެވެ. އަންޝަރާ އައިތޯ ދެފަހަރަކު އަޔާމިން މީގެ ކުރިންވެސް ޗެކްކޮށްލިއެވެ. މެންދަމުގެ މިގަޑީގައި ގޭގައި އެކަކުވެސް ހޭލާ ނޫޅޭނެއެވެ. މިފުރުސަތު ނުލިބިއްޖެނަމަ އޭނާގެ އަތުންފައިން ގޯހެއް ހެދިދާނެއެވެ. މަޑުމަޑުން ގުލްނާޒް ނަގާފައި ދުރައްޖައްސައިލިއެވެ. ފާޚާނާއަށްވަދެ އޭނާގެ މަސައްކަތް ފުރިހަމަކޮށްގެން ނިކުތެވެ. ކޮޓަރީ ތަޅުގައި ހިފާލާފައި ފަސްއެނބުރި ބަލައިލީ ގުލްނާޒްއަށް ނިދިފައިތޯ ޔަގީން ކުރުމަށެވެ.
އަންޝަރާގެ ސިއްރުލޯބި މަންމަ ކުރިމަތީގައި ނިއުޅާލައިފިއެވެ. ކިޔަވަންހުރިއިރުވެސް ވަގުތުލިބުނު ވަރަކުން އަޔާމިންއަށް ވަގުތުދިނެވެ. ފޯނުވެސް ކުރެއެވެ. ޗެޓްވެސް ކުރެއެވެ. އެވަރުން ނުފުދުނީ އަޔާމިން ހިހޫތަނުން ކާން ބޭނުންވީތީއެވެ. އެހެންމީހަކާއެކު ގުޅުމެއްބާއްވާކަމަށް ދުވަހަކުވެސް އަންޝަރާގާތު އޭނާ ނުބުނެއެވެ. އަޔާމިންގެ ޝަކުވާއަކަށްވީ ދުރުގައި ތިބެންޖެހުމެވެ. އަންޝަރާގެ ޚަރަދުގައި ދެފަހަރެއްގެ މަތީން ފަސްދުވަހަށް އޮސްޓްރޭރިޔާއަށްވެސް އަޔާމިން ގެންދިޔައެވެ. އެއީ ފުރަތަމަ އަހަރާއި ދެވަނަ އަހަރެވެ. އެވަރުންވެސް އަޔާމިންއަށް ނުފުދުނީތާއެވެ. ޝަކުވާއެއްނެތެވެ. ލޯތްބަކީ ބާރެއްހިނގާ އިޙްސާސެއްނޫނެވެ. ކޮންމެ މީހަކަށް ލޯބިވެވެނީ އެމީހަކަށް އެންމެ އެކަށީގެންވާ މީހާއާއިކަމެއް ނުވަތަ ނޫންކަމެއް އެގެނީ ކާކަށް ހެއްޔެވެ؟ އަންޝަރާއަށްވެސް ލޯބިވެވުނެވެ. އެކަމަކު އެއީ ބޭވަފާތެރިއެކެވެ. ބަދަލެއް ބޭނުމެއްނުވެ، ސާފުލޯތްބެއްވުމުގެ ސަޒާ އަންޝަރާއަށް ލިބިއްޖެއެވެ. ލޯބީގެ ހުރިހާ ޞަފްހާއެއް މަންމައަށް ކިޔައިދެވިއްޖެއެވެ. ކެތްތެރިކަމާއެކު މަންމަ އަޑުއެހީ ދަރިފުޅަށް ހިތްވަރުދެމުންނެވެ. ބޮލަށް ލުއިވެއްޖެކަން އަންޝަރާއަށް ޔަގީނެވެ.
"މަންމަ މިއަންނަނީ ދަރިފުޅަށް ފެންތައްޓެއް ހިފައިގެން.. ދަރިފުޅު ފާޚާނާއަށް ވަދެފައި މޫނުދޮވެލައިގެން ނިކުމޭ.." މިރްޒާދާ އެނދުން ބޭފިއެވެ.
މަންމަމެންގެ ކޮޓަރިއާއި ދިމާއަށް ބަލައިލާފައި އަޔާމިން ބަލައިލީ ޖެހިގެން ހުރި އޭނާގެ ކޮޓަރިއަށެވެ. ފުންނޭވާޔަކާއެކު އަންޝަރާގެ ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. އަޔާމިންގެ ނަސީބަށްޓަކައި އޭނާގެ ދަތްތައްފެންނަވަރަށް ހީލިއެވެ. އަވަސްއަވަހަށް އެތެރެއަށްވަދެ ދޮރުލެއްޕިއެވެ. އެވަގުތަކީ މިރްޒާދާއަށްވެސް ނިކުމެވުނުވަގުތެވެ. އަޔާމިން އަންޝަރާގެ ކޮޓަރިއަށް ދެމިގަތްތަން ކިތަންމެ ރަގަޅަކަށްވެސް ފެނުނެވެ. ސިޓިންރޫމުން ކަނެއް ހޯދާލާފައި އަވަސްއަވަހަށް މިރްޒާދާ ނިވާވެލިއެވެ. އެކޮޓަރީން އަޔާމިން ނިކުތީ ދެތިންމިނެޓް ފަހުންނެވެ. މިރްޒާދާއަށް ކިތަންމެ ރަގަޅަކަށްވެސް އޭނާ ފެނެއެވެ. މާޔޫސްކަމާއި ހާސްކަން އޭނާގެ މޫނުން ސާފުކޮށްފެނުނެވެ. އުނގަނޑުގައި އަތްވިއްދާލާފައި ބޯކަހާލިއެވެ. ފަސްއެނބުރި ދޮރާއި ދިމާއަށް ދެފަހަރަކު ބަލައިވެސް ލިއެވެ. ކާމިޔާބެއް ނުވުމުން އަމިއްލަ ކޮޓަރިއަށް ވަދެއްޖެއެވެ.
މިރްޒާދާގެ ލޮލުން އަލިފާންކަނި ބުރާހެންވެސް ހީވެއެވެ. އެކޮޓަރީގައި އަޔާމިން ކުރިކަމެއް ބަލަން މިރްޒާދާ ބޭނުންވިއެވެ. މަޑުމަޑުންގޮސް އަންޝަރާގެ ކޮޓަރިއަށްވަނެވެ. އެނދުމަތީގެ ހާލަތުފެނުމާއެކު ވާނުވާ އެނގުނެވެ. މެންދަމުގެ މިވަގުތުގައި އަންޝަރާގެ ކޮޓަރިއަށް އަޔާމިން ވަދެގެން ނުވާނެއެވެ. މިވަރުގެ ރުޅިއެއް މިރްޒާދާގެ ހަޔާތުގައި އައިހަނދާނެއް ނެތެވެ. އަންޝަރާއަށް އެގޭގައި އުޅެން ފަސޭހަނުވާނެކަމުގެ ކޮޅުމަތި މިރްޒާދާއަށް ފެނުނީއެވެ. އެފަދަ މީހަކަށްޓަކައި އަންޝަރާ ބަލިކަށިވިޔަ ނުދޭން މިރްޒާދާ އަމިއްލަ ނަފުސައް ވަޢުދުވިއެވެ. ފެންފުޅިއަކާއި ތަށި ހިފައިގެން ކޮޓަރިއަށް ވަދެއްޖެއެވެ.
ދެދުވަހެއްގެތެރޭ އަތީލް މާލެއައިސްފިއެވެ. ކޮންމެ ދުވަހަކު އަންޝަރާއާއެކު ބޭރަށްދިއުން މިރްޒާދާވެސް ނިންމާލައިފިއެވެ. މާދަމާއަކީ އަންޝަރާގެ ޕްރޮޖެކްޓްގެ ފުރަތަމަ ދުވަހެވެ. ހުރިހާ ނުތަނަވަސް ޚިޔާލްތަކަކުން މިންޖުވެ، މީހާ ތާޒާވެލަން ބޭނުމެވެ. މޫދަށް އެރިލާން ވިލިގިއްޔަށް ދާން ޚިޔާލްދިނީ މަންމައެވެ. އިޝާނަމާދުން ފައިބައިގެން ކާރުގައި އަންޝަރާ ދިޔައީ ވިލިނގިލި ފެރީއަށެވެ. އިޙްސާސް ނުކުރެވުނީ އިތުރުމީހަކު ފަހަތުން އައިކަމެވެ.
ސާޅީހަކަށްމިނެޓް ފަތާލުމަށްފަހު އަންޝަރާ އެއްގަމަށް އެރިއެވެ. މާޙައުލު ކިތަންމެ އަނދިރިޔަސް، ފެރީތަކުގެ ހަރަކާތްތަކުން އެކަނިވެރިކަން ފިލައެވެ. ގަސްބުޑުގައި ބެހެއްޓި ފެންފުޅި މޫނާއި ގަޔަށް އަޅާލިއެވެ. ދަބަހުގެ ތެރެއިން ތުވާލިނަގާފައި ފޫނުފޮހެލަން އުޅުނުވަގުތު ފަހަތުންއައިސް މީހަކު އަންޝަރާގެ އަނގަމަތީގައި އަތްއަޅާފައި ފަހަތުން ބެއްދިއެވެ. އަންޝަރާއަށް އެއަތެއް ދުވަހަކުވެސް ނޯޅޭނެއެވެ. ފުރަތަމަ ސިއްސައިގެންވެސް ދިޔައެވެ. ބިރުވެސް ގަތެވެ. ކާކުކަން ޔަގީންވުމުން އައީ ރުޅިއެވެ. ހަށިގަނޑު ގުޑުވާނުލެވުމުން އޭނާ މަސައްކަތްކުރީ ފައިކުރުކޮށްފައި ހަމަލާދޭށެވެ. އަޔާމިންގެ ހަރަކާތް މާއަވަހެވެ. އޭނާއަށް އަންޝަރާގެ ހަމަލާތައް ދަސްވެފައިވާފަދައެވެ. އަވަސް ހަރަކާތަކާއެކު އަޔާމިންގެ ކުރިމައްޗަށް އަންޝަރާ އަނބުރާލިއެވެ. އަންޝަރާގެ މުޅިހަށިގަނޑު ހައްޔަރުކޮށްލަން އަޔާމިން ކުޅަދާނައެވެ.
"ކިތަންމެ ގަދަ ދެއްކިޔަސް ދޫނުކުރާކަން.. އިތުރަށް ހަމަލާއެއްދޭން އުޅެފިއްޔާ.. އައި ވިލް ކިސް ޔޫ.. " ދެ ނިއްކުރި ޖައްސާލާފައި އަޔާމިން ބުނެލިއެވެ. އަންޝަރާގެ ލޮލުން ކަރުނަފައިބައިގަތެވެ. އެއީ ނަފްރަތާއި ރުޅިވެރިކަމުގެ އާވިކަން އަޔާމިންއަށް ވެސް އެނގެއެވެ.
"އަހަރެން ލޯބިވަނީ ހަމައެކަނި އަންޝަރާދެކެ.. ޑޯންޓް ޔޫ ނޯ ދެޓް..؟ އަހަރެން ގުލްނާޒްއާއި ކައިވެނިކުރީ އޭނާ ބޭނުންވެގެން.. އަހަރެން ފަހަތުން އޭނާ ނުނައްޓައިގެން.. ވަޒީފާއެއް ނެތިފައި އަހަރެން ހުންނަތާ އޭރު ހަ މަސްވެއްޖެ.. މަވެސް އަރާމުގައި ދިރިއުޅެން ބޭނުންވާނެދޯ.. ގުލްނާޒްއެއީ ޖެކްޕޮޓެއް.. އެކަން އެންމެ ރަގަޅަށް އެނގޭނެ މީހަކީވެސް ތިއީ ދޯ.. ކޮންމެ އިންސާނަކުވެސް ބޭނުންވާނީ އަރާމު ދިރިއުޅުން.. އަހަރެންވެސް ބޭނުންވީ ލައިފްގަ ޝޯޓްކަޓް.. ބިލީވް މީ ބޭބީ.. އައި ލަވް ޔޫ ސޯ މަޗް..! ކުރިއަށްވުރެން އިންތިހާއަށް މިހާރު ރީތި..! އައި ނީޑް ޔޫ ބޭޑްލީ.. ޕްލީޒް" އަޔާމިންގެ ހަރަކާތްތައްހުރީ ހަމައިން ނެއްޓިފައިވާ މީހަކު ފަދައިންނެވެ.
އަޔާމިންގެ ވާހަކަ ނިންމާލިއިރު އަންޝަރާގެ މޭ ނެގިނެގިފައި ޖެހެއެވެ. ރުޅިގަދަވެ ފަޅައިގެން ދާވަރުވަނީއެވެ. އަނގަމަތީގައި އަޅާފައި އޮތް އަތުގައި ވަރަށް މަސައްކަތުން އަންޝަރާ ދަތްއެޅިއެވެ. ވީތަދުން އަޔާމިން އަތް ދަމައިގަތެވެ. އަންޝަރާގެ ހައްޔަރުން އޭނާ ދުލެއްނުކުރިއެވެ.
"ތިވަރުގެ ލަދުކުޑަ، ގޮތެއްނެތް މީހަކު އަހަރެން ދުވަހަކުވެސް ނުދެކެން.. ހަގީގީ ސޫރަ ދައްކައިދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ! މި އަންޝަރާގެ ހަގީގީ ސޫރަވެސް މިރެއިން ފެށިގެން އަޔާމިންއަށް ފެންނާނެ.. އަހަރެންގެ ކޮއްކޮއަށްޓަކައި ހަމްދަރުދީވަން.. އަހަރެންގެ އިހުސާސްތަކާ ކުޅުމަށް އިތުރު ފުރުސަތެއް ލިބިދާނެކަމަށް ދުވަހަކުވެސް އުއްމީދު ނުކުރާތި.. އަޔާމިންއާއެކު ހޭދަކުރެވުނު ކޮންމެ ސިކުންތަކަށް އަހަރެން ނަފްރަތުކުރަން.. މިރޭން ފެށިގެން އަޔާމިންގެ ޗެޕްޓަރ އަހަރެންގެ ހަޔާތުން ފޮހެލާނަން.. މިއީ އަންޝަރާގެ ވަޢުދު" އަކުރުތަކަށް ބާރުލާފައި އަންޝަރާ ބުނެލި ރާގު އަޔާމިންގެ ގައިން ހީނބިހި ނަގުވާލިއެވެ. ތަންވަޅުބަލާފައި ގައިގަ ހުރިބާރެއްލާފައި އަޔާމިން ކޮށްޕާލުމަށްފަހު އަންޝަރާގެ ދަބަސް ހިފައިގެން ހިގައްޖެއެވެ.
ހެނދުނުގެ ނާސްތާގެ ވަގުތެވެ. އާއިލާގެ ފަސްމެންބަރުން ތިބީ މޭޒުކައިރީގައެވެ. ރޭގެ ހާދިސާއަށްފަހު ގުލްނާޒްއާއި އަޔާމިން ދުރުވެލައިފިކަން ފާހަގަކުރެވުނީ އަންޝަރާއަށެވެ. 'ލަވް ބަރޑްސް'ގެ ހަރަކާތްތައް ތަފާތީއެވެ.
ރޮށި ނަގަށް އަޔާމިން ދިއްކޮށްލި އަތް ފެނުނީ ގުލްނާޒް އަށެވެ.
"ބޭބީ އަތަށް ކިހިނެއްވެފައި ތިއޮތީ؟" ކުއްލިޔަކަށް އަޔާމިންގެ އަތުގައި ހިފަހައްޓާފައި ގުލްނާޒް ބަލައިލިއެވެ. އަޔާމިންގެ ނަޒަރު ހުއްޓުނީ އަޑުވެސް އިވުނު ކަމަށްނުހަދާ އިން އަންޝަރާ އަށެވެ.
''އެއީ ރޭގައި ބުޅަލެއް ދަތް އަޅާފައި" ވިސްނާލުމަށްފަހު އަޔާމިން ބުނެލިއެވެ. އަންޝަރާގެ މޫނާއި އަޔާމިންގެ ނަޒަރު ވަކިނުވެއެވެ. ހިނިއައީ މިރްޒާދާއެވެ. ދަރިފުޅުގެ ކުޅަދާނަކަމަށް ފަޚުރުވެރިވިއެވެ.
" އެކަހަލަ ބުޅަލާއި ދެވަނަ ފަހަރު ގާތް ނުވިއްޔާ ސިއްޙަތައް ފައިދާ ބޮޑުވާނެ" މަލާމާތުގެ ރާގެއްގައި މިރްޒާދާ ބުނެލިއެވެ. ކަންބޮޑުވެފައިވާކަން ގުލްނާޒްގެ މޫނުން ފެނެއެވެ.
"ބައްޕާ.. އަޅުގަނޑު ބޭނުން ކައިވެންޏެއްކުރަން... މީހަކު ހޯދައިދޭންވާނީ ބައްޕަ" އަންޝަރާ ގޮއްވާލި ބޮން މޭޒުދޮށުގައި ތިބި އެންމެންގެ ހަރަކާތް ހުއްޓުވާލިއެވެ. އަޔާމިން ކޮށިއެރީ މާބޮޑަށެވެ. ކާއެތިކޮޅު މޭގައި ތާށިވީއެވެ. މިރްޒާދާގެ މޫނުމަތި ތާޒާވެގެން ދިޔައެވެ.
"ދަރިފުޅު ހުންއައިސްފަތަ؟ ނޫނި ރޭގައި މޫދުން ގަލެއްގަ ބޯ ޖެހުނީތަ؟" އަތީލް ސަމާސާ ކޮށްލިއެވެ.
"ނޫން ބައްޕާ.. ވަރަށް ސީރިޔަސްކޮށް މިބުނީ.. ރަގަޅުމީހަކު ހޯދުން އެއީ އަޅުގަނޑުގެ ތަޖުރިބާ ނެތް ކަމެއް.. ބޭނުމީ ބައްޕަ މަންމަދެކެ ލޯބިވާގޮތަށް، އަޅުގަނޑުދެކެ ލޯބިވާނެ މީހެއް.. ތެދުވެރި މީހެއް.. ބައްޕަގެ ޗޮއިސްއަށް އަޅުގަނޑު ސަތޭކަ ޕަސެންޓް އިތުބާރު އޮންނާނެ" ފުލުފުލުގައި ޝޮކްލިބެމުން ދިޔައެވެ.
"ކުއްލިޔަކަށް މީހަކާ އިންނާން ބޭނުންވީ ކީއްވެ؟ ކޮންމެހެން ބައްޕަ މެދުވެރިކޮށް މީހަކު ހޯދަނީ ކީއްކުރާން؟ ކޮބާތަ ގެންގުޅުނު ބޯއި ފްރެންޑް.. ސިއްރުން މީހަކާ ކުރިން ވަރަށް ގަދަޔަށް ވާހަކަދެއްކިކަން އިނގޭ.. އަންޝަރާތިއީ ގޮތްބަލަން މީހުންނާ ރައްޓެހިވާނެ ކުއްޖެއްނޫން.." ގުލްނާޒްވެސް ޝޮކްގެތެރެއިން ބޭރުވެ، ބުނެލިއެވެ.
"ކޮންމެ ކަމަކަށްވެސް ވަގުތެއް އަންނާނެ.. ދިރިއުޅެން އެންމެ މުހިއްމީ، ފަޚުރާއި ޝަރަފާއި ނަމާއި ފައިސާ.. މިހުރިހާ އެއްޗެއް އަހަރެން އަތުގައި އެބަހުރި.. ދެން ލަސްކުރާނެކަމެއް ނެތެއްނުން.." ހުރިހާ ސުވާލަކަށް ޖަވާބު ނުދިނަސް، ހިތުގައި ހުރި އެއްޗެހި އަންޝަރާ ބޭރުކޮށްލީ އަޔާމިންއަށް އަޑުއިއްވާލުމަށެވެ.
"ބައްޕަ ކައިވެނި އަވަސްކޮށްދީ.. ކައިވެންޏަށްފަހު އަހަރެން ބޭނުމީ ވަކިން ދިރިއުޅެން.. ހުޅުމާލެއިން ޕެންޓްހައުސްއެއް ގަތުމުގެ މަސައްކަތް މާދަމާ ފަށާނަން.." ހަށިގަނޑު ސީދާކޮށްލަމުން އަންޝަރާ ބުނެލިއެވެ. ތަލިން ކުޅުހިކިފައި އިނީ އަޔާމިންއެވެ.
"ދަރިފުޅަށް ގެ ގަނެދޭނީ ބައްޕ.." އަތީލްގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ.
"ނޫނޭ ބައްޕާ.. ވަރަށް ބައިވަރު ފައިސާ އެބަހުރި.. ވަރަށް އަގުބޮޑު ޕްޖެކްޓްތައް ނިންމާފަ މިއައީ.. ދިރިއުޅެން ބޭނުމީ އަމިއްލަ ފައިސާއިން" އަންޝަރާގެ ޖުމުލަތައް މަޖުބޫރުކުރީ ގުލްނާޒުގެ ދަތްދޮޅި ތިރިކޮށްލުމަށެވެ.
"ވަރަށް ރަގަޅު، ބައްޕައަށް ވަރަށް ކަމުދާ ކުއްޖަކު އެބަހުރި.. އެނނންޑް ހީ އިޒް ވެރީ ހޭންޑްސަމް.. ބައްޕަގެ ޕްރިންސެސްއަށް އެންމެ އެކަށީގެންވާ ޕްރިންސް އެއީ.. ރާނީއެއް ފަދައިން ދަރިފުޅު ގެންގުޅޭނެކަމާމެދު ބައްޕަ ޝައްކެއް ނުކުރަން.. މިރްޒާދާ..! ކައިވެނީގެ ތައްޔާރީތައް މިއަދު ފަށަންވާނެ!" އަތީލްގެ އުފާވެރިކަން އިންތިހާއެވެ.
ގޮނޑިން ތެދުވެ، އަންޝަރާގެ ގައިގަ ބައްދާލުމަށްފަހު ނިއްކުރީގައި ބޮސްދިނެވެ. ބައްޕަ އަބަދުވެސް ދަރިފުޅަށް ޓަކައި ފަޚުރުވެރިވާނެކަމަށް ބުންޏެވެ. ހަށިގަނޑު ސިދާކޮށްލައި، ދަތްދޮޅި އުފުފާލީ ފަޚްރުވެރިކަމާއެކުއެވެ. މާޒީއަކީ އަންޝަރާއަށް ފިލާވަޅެކެވެ. މުސްތަޤްބަލަކީ އަންޝަރާގެ އުއްމީދެވެ. އަންނާން އޮތް ބަހާރު މޫސުމުގެ ހިތްގައިމުކަން އެންމެ ފުރިހަމަގޮތުގައި އަންޝަރާ ލިބިގަންނާނެއެވެ.
=ނިމުނީ=