
ސައީދު މިހާރު ހުންނެވީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.
އެސްޓީއޯގެ އެމްޑީ އަދި ސީއީއޯގެ މަގާމަށް ސައީދު އައްޔަންކުރަން ރައީސް އޮފީހުން ފޮނުވާފައިވާކަން ޕީސީބީން ކަށަވަރު ކޮށްދެއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހުސައިން އަމްރު މުހައްމަދު ރަޝާދު މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.
އަމްރު މަގާމުން ވަކިކުރިއިރު، މިދިޔަ ޖެނުއަރީ މަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަމްރު ހުންނެވީ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައެވެ. އަދި ޕްރައިމަރީއަށް ފަހު "ފިކުރެއްގެ ދިރުން" ހަރަކާތުގައިވެސް އަމްރު ގެންދަވަނީ އިސްކޮށް ހަރަކާތްތެރި ވަމުންނެވެ.
އެސްޓީއޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރަން ފޮނުވި ސައީދުއަކީ އެމްޑީޕީ އުފެދިގެން އައިއިރު އެޕާޓީގެ ވަލީ ކޮމެޓީގެ މެމްބަރެކެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ސައީދު ވަނީ ކެބިނެޓް ސެކްރެޓަރީކަންވެސް ކުރައްވާފައެވެ.