
މި މައްސަލައިގެ އިބްތިދާއީ މަރުހަލާގެ ތެރެއިން ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކާމެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުންތައް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އިސްތިއުނާފުގެ އަޑުއެހުންތައް މިއަދުވަނީ ފަށާފައެވެ.
މިއަދު ހައިކޯޓުގައި އޮތް ޝަރީއަތުގައި ޔާމީންގެ ފަރާތުން ޔާމީންގެ ވަކީލު އެދިވަޑައިގެންނެވީ، ހައިކޯޓުގައި ހިނގަމުންދާ މައްސަލަ ނިމެންދެން ކްރިމިނަލް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދިޔުމަށް އަމުރުކޮށްދެއްވުމަށެވެ.
ކްރިމިނަލް ކޯޓުގައި އަންނަ ހަފްތާގައި އެ މައްސަލައިގެ އަޑު އެހުމެއް ތާވަލުކޮށްފައިވާ ކަމަށް ޔާމީންގެ ވަކީލުން ފާހަގަ ކުރެއްވިއެވެ. ޔާމީންގެ ވަކީލުން ވިދާޅުވީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު، އެ މައްސަލައިގެ އަޑު އެހުމެއް ކްރިމިނަލް ކޯޓުގައި ބޭއްވުމަށް އިއްޔެ ޗިޓު ލިބުންކަމަށެވެ.
ރައީސް ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ ހައިކޯޓުން ވަކި ގޮތެއް ނުނިންމަނިސް ކްރިމިނަލް ކޯޓުން ފުއްގިރި މައްސަލައިގެ ޝަރީއަތް ފަށައިފިނަމަ އިންސާފަށް ހުރަސް އެޅޭނެ ކަމަށެވެ. ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ނިންމާ ނިންމުން އިސްތިއުނާފް ކޮށްފިނަމަ، މަތީ ކޯޓުން ގޮތެއް ނިންމަންދެން ދަށު ކޯޓުން މައްސަލަ މަޑު ޖައްސައިލުމަކީ އާންމު އުސޫލުން ކަން ކުރާ ގޮތެވެ. އެހެންވެ، ވަގުތީ އަމުރެއް ނެރުމަކުން އިއުތިރާޒެއް ނެތް ކަމަށް ދައުލަތުންވެސްވަނީ މިއަދު ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށްފައެވެ.
މި މައްސަލައިގެ އިސްތިއުނާފު މަރުހަލާގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފީ ތިން ނުކުތާއެއް ހުށަހަޅާފައިވެ އެވެ. އެއީ ދައުލަތުގެ ގިނަ ހެކިތަކަކީ މައްސަލައާ ގުޅޭ ހެކިތަކެއްތޯ ގާޒީ ބަލާފައި ނުވާކަން ކަމަށް ބުނެ ހުށަހެޅި ނުކުތާއާ، ހެއްކާ ބެހޭ ގާނޫނުގެ ދަށުން އަލުން ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ދީފައި ނުވާކަމާ ގުޅޭ ނުކުތާ އަދި އޭސީސީގެ ތަހުގީގު ބަޔާންތަކުން ބައެއް ހާމަކޮށްފައި ނުވާކަމާ ގުޅޭ ނުކުތާއެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވާހަކަ ދެއްކެވި ނަމަވެސް، ދައުލަތުން ރައްދު ދީފައެއް ނުވެ އެވެ. ދެން އޮންނަ އަޑުއެހުމެއްގައި އެބައި ކުރިޔަށް ގެންގޮސް، މައްސަލައިގެ އަޑުއެހުންތައް ނިންމާލާނެ ކަމަށް ފަނޑިޔާރުން ވަނީ އިއުލާނުކުރައްވާފަ އެވެ.