ads
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ދަރަނި ރީސްޓްރަކްޗާ ކޮށްފި ނަމަ ބޭރުން ފައިސާ ހޯދަން ދަތިވާނެ: އަމީރު
ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރުމަށް ދަރަނި ރީސްޓްރަކްޗާކޮށްފި ނަމަ ދައުލަތާއި އަމިއްލަ ކުންފުނިތަކަށް ރާއްޖޭން ބޭރުން ފައިސާ ހޯދުމަށް ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވެފައިވަނީ ދައުލަތުގެ ދަރަނި ކުޑަކޮށް، ދަރަނި ރީސްޓްރަކްޗާ ކުރުމާ ގުޅޭގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިޔުމުން ޖަވާބު ހޯދުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަށް ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ފޮނުވި ޖަވާބުގައެވެ.

މެންބަރު އިބްރާހިމް ރަޝީދުގެ ސުވާލަށް އަމީރު ފޮނުވި ޖަވާބުގައި ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ސަބަބުން ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ދިވެހި ސަރުކާރުގެ ސިލެކްޓިވް ޑިފޯލްޓް ރޭޓިން ޑައުންގްރޭޑް ކުރާނެ ކަމަށެވެ. އޭގެ ނަތީޖާއަކީ ދައުލަތާއި ރާއްޖޭގެ ވިޔަފާރިތަކަށް ބޭރުން ފައިސާ ހޯދަން ދަތިވުން ކަމަށާއި ދައުލަތުގެ ދަރަނި ހަމަ މަގަށް އެޅުވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ދައުލަތުގެ ހަރަދު ކުޑަ ކުރުމާއި އާމްދަނީ އިތުރުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި ދައުލަތުގެ ފިސްކަލް ސްޓްރެޓަޖީ 2023 އިން 2025 އަށް އެކުލަވާލާފައިވަނީ އެކަންކަން ރިއާޔަތްކޮށްގެން ކަމުގައެވެ.

ދަރަންޏާ ބެހޭ ބައެއް މައުލޫމާތުތައް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ 2021 ވަނަ އަހަރު ދައުލަތުން ސީދާ ނަގާފައިވާ ދަރަނި އަދި ގެރެންޓީކޮށްދީފައިވާ ދަރަނީގެ ޑެޓް ޓު ޖީޑީޕީ ނުވަަތަ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރި ރޭޝިއޯއަކީ 118 އިންސައްތަ ކަމަށެވެ. އެއީ ދައުލަތުން ސީދާ ނަގާފައިވާ ދަރަނި 100 އިންސައްތަ އަދި ގެރެންޓީ ކޮށްދީފައިވާ ދަރަނި 18 އިންސައްތައެވެ.

ނިމިދިޔަ އަހަރުގެ ދަރަންޏާ ގުޅޭގޮތުން އަމީރު ވިދާޅުވީ 2022 ވަނަ އަހަރު ނިމޭއިރު ޑެޓް ޓު ޖީޑީޕީ ރޭޝިއޯ ހުންނާނެ ކަމަށް ލަފާކުރެވުނީ 111 އިންސައްތައިގައި ކަަމަށެވެ. އެއީ ދައުލަތުން ސީދާ ނަގާފައިވާ ދަރަނި 98 އިންސައްތަ އަދި ގެރެންޓީ ކޮށްދީފައިވާ ދަރަނި 13 އިންސައްތަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް