މުދަލާއި ދަރަންޏާއި ޖަމިއްޔާއާ ގުޅޭ މައްސަލަތައް ނިންމުމަށް މުއްދަތު ދިނުމަށް ފަހު، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.
އެ ޖަމިއްޔާ އުވާލުމުން އެ މައްސަލަ ޝަހިންދާގެ ފަރާތުން ކޯޓަށް ހުށަހެޅީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. އެ މައްސަލަ ސިވިލް ކޯޓުން ޝަހިންދާއާ ދެކޮޅަށް ނިންމީ މިއަދުއެވެ.
ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް، ޔޫތު މިނިސްޓްރީން އެމްޑީއެން ރަސްމީކޮށް އުވާލުމުން އެ ނިންމުން ބާތިލުކުރަން ޝަހިންދާގެ ފަރާތުން ކޯޓުގައި އެދިފައިވަނީ އެ ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ. އެހެންނަމަވެސް ސިވިލް ކޯޓުގެ ގާޒީ އަލީ އާދަމް މިއަދު ނިންމެވީ، ޔޫތު މިނިސްޓްރީގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.
އެމްޑީއެން އުވާލާފައިވަނީ އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓަކާއި ގުޅިގެން ސަސްޕެންޑުކުރުމަށް ފަހުއެވެ. އެމްޑީއެން ރިޕޯޓުގައި، ގުރުއާނުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ކަމަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަކަ އެކެވެ. ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި އެ ރިޕޯޓްގައި ހަޖޫ ޖަހާފައިވެ އެވެ.
އެ މައްސަލަ ތަހުގީގުކުރުމަށް ފަހު، ފުލުހުން ބުނެފައި ވަނީ، އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށެވެ. އަދި ރިޕޯޓް ތައްޔާރުކުރުމުގައި އިސްކޮށް އުޅުނު ޝަހިންދާ އިސްމާއިލާއި އަޒްރާ ނަސީމް ފުލުހަށް ހާޒިރުވާން ވެސް އެންގި އެވެ.
ނަމަވެސް އެއިން އެއްވެސް މީހަކު މިހާތަނަށް ފުލުސް އޮފީހަށް ހާޒިރުވީ ކަމެއް އެނގިފައެއް ނެތެވެ. އެ ދެ މީހުން ވެސް ދިރިއުޅެނީ ރާއްޖެ އިން ބޭރުގަ އެވެ.