ads
ތިލަފުށި ފަޅު: ތިލަފުށި ފަޅު ތެރޭގައި ހުރި އުޅަނދުތަކާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް އެޗްޑީސީން ވަނީ ނެރެފައި - ފޮޓޯ:އެޗްޑީސީ
ތިލަފުށި ފަޅު ތެރޭގައި ހުރި އުޅަނދުތަކާ މެދު އަމަލުކުރާނެ އުސޫލު އާއްމުކޮށްފި
ތިލަފުށި ފަޅު ތެރޭގައި ހުރި އުޅަނދުތަކާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެރެފިއެވެ.
Advertisement

އެޗްޑީސީން ބުނެފައިވަނީ ސިނާއީ ދާއިރާގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކުރެވިފައިވާ ތިލަފުށި މާސްޓަ ޕްލޭނާ އެއްގޮތަށް ތިލަފުއްޓާއި ގުޅީފަޅުގެ ބިން ހިއްކައި އެ ސަރަހައްދު ތަރައްގީ ކުރަމުން އަންނައިރު، އެކަމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ އެ ސަރަހައްދުގެ ފަޅުތެރެއަށް ގިނަ އަދަދެއްގެ އުޅަނދުތަކެއް ދޫކޮށްލާފައިވުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެޗްޑީސީން ބުނީ އެކަމުގެ ސަބަބުން މާސްޓާ ޕްލޭނާ އެއްގޮތަށް ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރަސް އެޅެމުން އަންނަ ކަމަށެވެ. އޭގެ އިތުރަށް އެ ސަރަހައްދުގެ ތިމާވެއްޓަށް އެކަމުގެ ސަބަބުން އެތައް ގެއްލުމެއް ވަމުން އަންނަ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނި ގޮތުގައި މައްސަލަ ހައްލުކުރުމަށް އުސޫލެއް އެކުލަވާލައި މިހާރު ގެޒެޓުކޮށްފައިވާ ކަމަށާއި އުސޫލު ގެޒެޓު ކުރާ ތާރީހުން ފެށިގެން އެ އުސޫލަށް އަމަލުކުރަން ފަށާނެ ކަމުގައެވެ.

އުސޫލުގައިވާ ބައެއް މުހިންމު ކަންކަން: 

އެޗްޑީސީން ބުނީ އާންމުކޮށްފައިވާ އުސޫލުގައި އެ ސަރަހައްދުގައިވާ އުޅަނދަކީ ދޫކޮށްލާފައިވާ އުޅަނދެއްތޯ ކަނޑައެޅުމަށް ބަލާނެ ކަންތައްތަކެއް ބަޔާންކޮށްފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި އެ އެއްޗެއް އޮތް ތަނާއި އޭގެ ސަބަބުން އެ ސަރަހައްދު ބޭނުން ކުރާ ފަރާތްތަކަށްވާ އުނދަގުލުގެ އިތުރުން ތިމާވެއްޓަށް ލިބޭ ގެއްލުމަށް ބަލާނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެޗްޑީސީން ބުނީ އެނޫނަސް އެއީ ދޫކޮށްލާފައިވާ އެއްޗެއްތޯ ބަލާ ޔަގީން ކުރާނެ ގޮތްތައް އާންމުކޮށްފައިވާ އުސޫލުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

your imageތިލަފުށި ފަޅު: ތިލަފުށި ފަޅު ތެރޭގައި ހުރި އުޅަނދުތަކާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް އެޗްޑީސީން ވަނީ ނެރެފައި - ފޮޓޯ:އެޗްޑީސީ

އެ ކޯޕަރޭޝަނުން ބުނެފައިވަނީ ދޫކޮށްލާފައިވާ އުޅަނދުތަކުގެ ތެރެއިން، އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ނުވަތަ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ކުރާ އެއްޗެއް ނަމަ، އެ އުޅަނދެއް ވަގުތުން ނަގައި އެހެން ސަރަހައްދަކަށް ގެންދާނެ ކަަމަށެެވެ.

އެ ސަރަހައްދުގައި އޮތް އުޅަނދަކީ ދޫކޮށްލާފައިވާ އެއްޗަކަށް ވީ ނަމަވެސް އެ އުޅަނދު އެތަނުގައި ބާއްވަން ވަކި މުއްދަތެއް އެ ކޯޕަރޭޝަނުން ދޭނެ ކަަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނި ގޮތުގައި އޭގެ ވެރިފަރާތް ޔަގީންވާ ނަމަ އެ އެއްޗެއްގެ ހާލަތުގެ ގޮތުން ހަތް ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތެއް ދިނުމަށް އުސޫލުގައި ބަޔާންކޮށްފައިވާނެ ކަމުގައެވެ. އެކަމަކު އެ އުޅަނދަކީ އޭގެ ވެރިފަރާތް ނޭނގޭ އެއްޗެއް ނަމަ ހޯދަން މަސައްކަތް ކުރުމާއި ވެރިޔަކު ނެތް ތަކެއްޗާ މެދު އަމަލުކުރުމަށް އެ ކޯޕަރޭޝަނަށް ބާރު ލިބިފައިވާ ގޮތް އުސޫލުގައި ތަފްސީލުކޮށްދީފައިވާނެ ކަަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އެގޮތަށް ދޫކޮށްލާފައިވާ އުޅަނދުތަކުގެ ސަބަބުން މިހާރު ވެސް ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރަމުން އަންނައިރު، އުޅަނދުތައް ހުރި ގޮތުގެ ސަބަބުން އެ ތަކެއްޗަށްވެސް އެކިވަރުގެ ގެއްލުންވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެފަދަ ގެއްލުންތަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް