
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެއާޕޯޓަށް ޖެއްސި ބޯޓެއްގެ ފުރޮޅު ފަޅައިގެން ދިއުމުގެ ހާދިސާއެއް މިއަދު ހިނގާފައިވާ ކަމަށެވެ. އަދި ބޯޑުން ދަތުރުކުރި ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅުކަމަށާއި އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާކަމަށް އެމްއޭސީއެލުން ބުނެއެވެ.
މިވަގުތު އެއާޕޯޓްގެ ރަންވޭ ބަންދު ކުރެވިފައިވާއިރު، އަލުން އޮޕަރޭޝަނަށް ގެނެވޭނެކަމަށް ބެލެވެނީ 17:00 ގެ ފަހުން ކަމަށް އެމްއޭސީއެލުން ބުނެއެވެ. މި ހާދިސާ ހިނގިފަހުން މިހާރު ދެ ގަޑިއެއްހާއިރު ވެއްޖެ އެވެ.
ހާދިސާގެ ސަބަބުން މިއަދު ޖައްސަން އޮތް ބައެއް ފްލައިޓްތައް ވަނީ ޑައިވާޓް ކޮށްފައެވެ. އަދި ބައެއް ފްލައިޓްތައް ނުޖެއްސި ވަނީ މަތީގައި މަޑުކުރަން ޖެހިފައެވެ.
އޭވިއޭޓާސްއިން ބުނީ ފަސް ފްލައިޓެއް މިހާތަނަށް ޑައިވާޓް ކޮށްފައިވާއިރު، ދެ ފްލައިޓެއް ރަންވޭއަށް ނުޖެއްސި މަތީގައި އުދުހެމުން ދާކަމަށެވެ.
މި ހާދިސާގައި ފުރޮޅު ފަޅައިގެން ގޮސްފައިވަނީ ފްލައި ދުބާއީގެ ބޮއިން 737 ގެ ބޯޓެއްގެ އެވެ.