އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯގެ ކޮލިފައިންގައި ރޭ ސްޕެއިންގެ ސްކޮޓްލަންޑުން ކުރި ހޯދީ ދެ ލަނޑު ސުން ލަނޑުންނެވެ. މިއީ ވޭތިޔަވެދިޔަ 39 އަހަރުގެ ތެރޭގައި ސްޕެއިން އަތުން ސްކޮޓްލަންޑް މޮޅުވި ފުރަތަމަ ފަހަރެވެ. ސްކޮޓްލެންޑުން މީގެ ކުރިން އެންމެ ފަހުން ސްޕެއިން އަތުން މޮޅުވީ 1984 ވަނަ އަހަރުއެވެ.
އަނެއްކޮޅުން މިއީ ސްޕެއިންގެ އާ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭގެ އިރުޝާދުގެ ދަށުން ސްޕެއިން ބަލިވި ފުރަތަމަ މެޗުވެސްމެއެވެ.
މެޗުގައި ސްޕެއިން ކޮޅަށް ޖެހި ދެ ލަނޑުވެސް ޖެހީ ސްކޮޓް މެކްޓޮމިނޭއިއެވެ. ސްކޮޓްލެންޑްގެ ހެމްޕްޑަން ޕާކުގައި ރޭ ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ސްޕެއިން ކޮޅަށް ސްކޮޓްލަންޑުން ލަނޑު ޖަހައިފިއެވެ. ފުރަތަމަ ލަނޑު މެޗުގެ ހަތް ވަނަ މިނިޓްގައި ޖެހިއިރު ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ ކުރީކޮޅުއެވެ.