ads
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ - ފޮޓޯ:މަޖިލިސް
ކޭޝް ފްލޯ މެނޭޖްކޮށް، ބަޖެޓުގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒު ކުރެވޭނެ
ރާއްޖޭގެ އިގުތިސޯދީ ހާލަތަށް ބަލާއިރު، ދައުލަތުގެ ކޭޝް ފްލޯ މެނޭޖްކުރުމުގައި ދައްޗެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ އަންގައިދޭ ބަޔާނާއި 2023 ވަނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގެ ކޭޝް ފްލޯ ޕްލޭން އާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވެފައި ވަނީ މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާނާއި ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ އަންގައިދޭ ބަޔާން އަދި 2023 ވަނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގެ ކޭޝް ފްލޯ ޕްލޭން މަޖިލީހާ ހިއްސާކޮށްފައިވާނެ ކަަމަށާއި ސަރުކާރުން އެކަށައަޅާފައިވާ ޕްލޭނާ އެއްގޮތަށް ދައުލަތުގެ މާލީ ކަންކަން ކުރިއަށްދާ ކަމަށެވެ.

ނިމިދިޔަ ހަަތަރު އަހަރު ދައުލަތުގެ އިގުތިސޯދަށް އައި ބަދަލުތަކާ ގުޅޭގޮތުން ވާހަަކަދައްކަވަމުން އަމީރު ވިދާޅުވީ 2019 ވަނަ އަހަރު ދައުލަތުގެ އިގުތިސޯދު 7.5 އިންސައްތަ ކުރިއެރި ކަމަށާއި ކޯވިޑުގެ ހާލަތާ އެކު 2020 ވަނަ އަހަރު އިގުތިސޯދު 33 އިންސައްތަ ދަށަށް ދިޔަ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން އެޅި އިގުތިސޯދީ ފިޔަވަޅުތަކާ އެކު 2021 ވަނަ އަހަރު 42 އިންސައްތަ ކުރިއެރި ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ. އަމީރު ވިދާޅުވީ މިދިޔަ އަހަރު 12.3 އިންސައްތަ ކުރިއެރިއިރު، މިއަހަރު ރާއްޖޭގެ އިގުތިސޯދު 7.6 އިންސައްތައިން ކުރިއަރާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި އަހަރު ރާއްޖޭގެ އިންފްލޭޝަން އަންދާޒާ ކުރާ މިންވަރަށް ހިފެހެއްޓިފައި ހުންނާނެކަމަށް ލަފާކުރެވޭކަން ހާމަކުރައްވާ އަމީރު ވިދާޅުވީ މި އަހަރަށް ލަފާކުރި ބަޖެޓުގައި އިންފްލޭޝަން ހުންނާނެކަމަށް އަންދާޒާ ކުރެވުނީ 5.4 އިންސައްތައިގައި ކަމަށް ވީނަމަވެސް، އަހަރުގެ މިހާތަނަށް އިންފްލޭޝަން ހުރީ 3.9 އިންސައްތައިގައި ކަމަށެވެ.

ރާއްޖޭގެ އިގުތިސޯދީ ހާލަތާ ގުޅޭގޮތުންނާއި ކޭޝްފްލޯ މެނޭޖް ނުކުރެވޭނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ ކޭޝް ފްލޯ މެނޭޖްކޮށް، މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒު ކުރެވިގެން ދާނެ ކަމަށެވެ.

އަމީރު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރާ ފަތުރުވެރިކަން އަންދާޒާ ކުރި މިންވަރަށް ވުރެ ހުރީ ރަނގަޅަށް ކަމުގައެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާ ހުރީ އަންދާޒާ ކުރި ވަރަށް ވުރެ ހަތަރު އިންސައްތަ މަތިކޮށް ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ޓެކްސް ރެވިނިއު ހުރީ 30 އިންސައްތައިގައި ކަމަށާއި މިހާރު މިދާ މިސްރާބުގައި ހިފެހެއްޓޭ ނަމަ ބަޖެޓުގައި އަންދާޒާ ކުރި މިންވަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް