ހުކުރު ދުވަހު ފެށުނު އެފްއޭއެމް ވެޓެރަންސް ލީގުގައި، ދިވެހި ފުޓްބޯޅައިގެ ރަސްގެފާނު ނިއުރޭޑިއަންޓް ބޭނުންކުރާނީ 1990 ގެ އަހަރުތަކުގެ ތެރޭގައި އެ ޓީމުން ބޭނުންކުރި ކްލެސިކް ޖޯޒީގެ ޑިޒައިން ހިމެނޭހެން ޑިޒައިންކޮށްފައިވާ ޖޯޒީއެކެވެ.
ނިއުގެ ވެޓެރަންސް ޓީމު ލޯންޗުކޮށް ރޭ ވަނީ ޖޯޒީ ދައްކާލައި ކުޅުންތެރިންނާ ޖޯޒީ ހަވާލުކޮށްފައެވެ. ވެޓެރަންސް ލީގުގައި ކުޅޭ ނިއުގެ ޓީމުގައި ކުރީގެ އެއްވަނަ ފޯވާޑު ޝާހް އިސްމާއީލް އަދި ކުރީގެ ލެޖެންޑަރީ ގޯލްކީޕަރު އިސްމާއިލް ޒަރިޔަންދު ފަދަ، ދިވެހި ފުޓްބޯޅައިގެ ކުރީގެ ނަން މަޝްހޫރު ތަރިން ހިމެނެއެވެ.
ވެޓެރަންސް ލީގުގައި ނިއުއިން މި ފަހަރު ކުޅެން ޖެހޭ ފުރަތަމަ މެޗުގައި ހޯމަ ދުވަހު ކުޅޭނީ ސްޓެލްކޯއާދެކޮޅަށެވެ.
މި ފަހަރުގެ ވެޓެރަންސް މުބާރާތުގައި 11 ޓީމު ބައިވެރިވެއެވެ. މިފަހަރު މުބާރާތުގައި 11 ޓީމެއް ތިން ގުރޫޕަކަށް ވަނީ ބަހާލާފައެވެ.
މުބާރާތުގެ ކުޅުން ހުކުރު ދުވަހު ފަށާއިރު، މުބާރާތުގެ ކުއާޓާ ފައިނަލު މެޗުތަށް ކުޅުމަށް ހަމަޖެހިފަވަނީ އަންނަ މަހު 14 އަދި 15 ވަނަ ދުވަހުއެވެ. ފައިނަލް މެޗު އޮންނާނީ އަންނަ މަހު 19 ވަނަ ދުވަހުއެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ހުޅުމާލޭ ވެޓްރެންސް ކުލަބް، މޯލްޑިވިސް ސޮކާ މޭޓްސް، ނިއުރޭޑިއަންޓް، ކުލަބް އީގަލްސް، ބުރު ސްޕޯޓްސް ކުލަބު، ކުލަބް ގްރީން ސްޓްރީޓްސް، ހުއްރިއްޔާ ސްޕޯޓްސް ކުލަބް، ދަ ގްރާންޑޭ، ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ސްޓެލްކޯ އެވެ.