ads
ކެރެލާ ކުޅުންތެރިން ދަނޑުން ފައިބަނީ
ބޮޑާހާކާ މެޗު ދޫކޮށްލި ކެރެލާ ޓީމަށް ބައިމިލިއަން ޑޮލަރުގެ ޖޫރިމަނާއެއް
އިންޑިއަން ސުޕަ ލީގުގެ ޕްލޭ އޮފް މެޗުގައި ބެންގަލޫރު އެފްސީގެ ކެޕްޓަން ސުނިލް ޗެތްރީ ޖެހި އަވަސް ފްރީކިކް ގޯލަކާއެކު، ބޮޑާހާކާ މެޗު ނުކުޅެ ދަނޑުން ފޭބި ކެރެލާ ބްލާސްޓާރ ގާތްގަނޑަކަށް ބައި މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.
Advertisement

އިންޑިޔާ ފުޓްބޯޅަ ފެޑެރޭޝަނުން، ބެންގަލޫރާ ކެރެލާ ސުޕަރ ލީގުގެ ޕްލޭ އޮފްގައި މާރިޗު މަހުގެ ތިންވަނަ ދުވަހު ކުޅުނު މެޗުގައި، ވަކި ހިސާބަކުން މެޗު ދޫކޮށްލައި ދަނޑުން ފޭބި މައްސަލަ ބެލުމަށް ފަހު ބޮޑު ޖޫރިމަނާއެއްގެ އިތުރުން ހަރުކަށި އެހެން އަދަބުތަކެއްވެސްވަނީ ދީފައެވެ.

ގާތްގަނޑަކަށް ބައި މިލިއަން ޑޮލަރުގެ ޖޫރިމަނާއެއްގެ އިތުރުން، ކެރެލާ ބްލާސްޓާއިން އެ މައްސަލައިގައި ޕަބްލިކްލީ މާފަށް އެދެންވެސް އިންޑިޔާގެ ފެޑެރޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީންވަނީ އަންގާފައެވެ. އަދި މީގެ އިތުރުން ކުޅުންތެރިން ދަނޑުން ބާލައި މެޗު ކުޅެން ދެކޮޅު ހެދި މައްސަލައިގައި ކެރެލާ ބްލާސްޓާރގެ ކޯޗު އިވާންވަނީ 10 މެޗަށް ސަސްޕެންޑްކޮށްފައެވެ.

ޖޫރިމަނާ ފައިސާ ދެއްކުމާއި އަދި މާފަށް އެދުމަށް އެ ކްލަބަށް ދީފައިވަނީ ހަފްތާއެއްގެ މުއްދަތަކެވެ. އެހެންނަމަވެސް ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުން އެޕީލް ކުރުމުގެ ފުރުސަތު ކްލަބަށްވެސް އަދި ކޯޗަށްވެސް އެބައޮތެވެ.

ކެރެލާ ދަނޑުން ފޭބީ، ސުޕަރ ލީގުގެ ޕްލޭ އޮފްގައި ބެންގަލޫރާ ކެރެލާ ކުޅުނު މެޗު އެއްވަރުވެ، ނަތީޖާ ނެރުމަށް އިތުރު ވަގުތު ކުޅެމުން ދަނިކޮށް ބެންގަލޫރަށް ލިބުނު ހިލޭ ޖެހުމަކުން ކުޅުންތެރިން ތައްޔާރު ނުވެ ތިއްބައި ބެންގަލޫރު ކެޕްޓަން ސުނިލް ޗެތްރީ އަވަސް އަވަހަށް ފޮނުވާލައިގެން ގޯލެއް ޖެހުމުންނެވެ.  ޗެތްރީ ފޮނުވާލި ބޯޅަ ގޮސް ގޯލްތެރެއަށް ވަނުމާއެކު ކެރެލާ ކުޅުންތެރިން އެކަމާ ޝަކުވާކޮށް އެންމެ ފަހުން މެޗު ނުކުޅެ ފޭބީއެވެ.

ރެފްރީ އެ މެޗު ނިންމާލީ އެ ކުޅުންތެރިން އަލުން އެނބުރި ދަނޑަށް ނައުމުންނެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ޗެތްރީ ބުނީ ކެރެލާ ކުޅުންތެރިންގެ ހިތްހަމަ ނުޖެހުން އޭނާއަށް ވިސްނޭ ކަމަށާއި އެހެންނަމަވެސް މެޗު ނުކުޅެ ދިޔުން ގަބޫލު ނުކުރެވޭނެ ކަމަށެވެ.

17%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް