ކުރީގެ ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ރޯދަ މަހު ބާއްވާ ވެޓަރަންސް ލީގުގެ ފުރަތަމަ މެޗުން އީގަލްސް މޮޅުވީ، ދަ ގްރާންޑޭއާ ވާދަކޮށް ތިން ލަނޑު އެއް ލަނޑުންނެވެ.
ހުކުރު ދުވަހުގެ ހަވީރު ކުޅުނު މެޗުގައި، އީގަލްސް ވަނީ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އީގަލްސްގެ ފުރަތަމަ ދެ ލަނޑު ޖެހީ އަހުމަދު ހުސެއިން އަހުމަދު ތަހުލީމް އެވެ. އީގަލްސްގެ ތިންވަނަ ލަނޑު ދެ ވަނަ ހާފުގައި ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖެހި އަހްމަދު ހުސެއިންއެވެ. މެޗުގެ މޭން އޮފް ދަ މެޗަކަށްވެސް ހޮވުނީ އޭނާއެވެ.
ދަ ގްރާންޑޭގެ ހަމައެކަނި ލަނޑު ޖަހައިދިނީ ހުސެއިން ޝަރީފް އެވެ.
މި ފަހަރުގެ ވެޓެރަންސް މުބާރާތުގައި 11 ޓީމު ބައިވެރިވެއެވެ. މިފަހަރު މުބާރާތުގައި 11 ޓީމެއް ތިން ގުރޫޕަކަށް ވަނީ ބަހާލާފައެވެ.
މުބާރާތުގެ ކުޅުން ހުކުރު ދުވަހު ފަށާއިރު، މުބާރާތުގެ ކުއާޓާ ފައިނަލު މެޗުތަށް ކުޅުމަށް ހަމަޖެހިފަވަނީ އަންނަ މަހު 14 އަދި 15 ވަނަ ދުވަހުއެވެ. ފައިނަލް މެޗު އޮންނާނީ އަންނަ މަހު 19 ވަނަ ދުވަހުއެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ހުޅުމާލޭ ވެޓްރެންސް ކުލަބް، މޯލްޑިވިސް ސޮކާ މޭޓްސް، ނިއުރޭޑިއަންޓް، ކުލަބް އީގަލްސް، ބުރު ސްޕޯޓްސް ކުލަބު، ކުލަބް ގްރީން ސްޓްރީޓްސް، ހުއްރިއްޔާ ސްޕޯޓްސް ކުލަބް، ދަ ގްރާންޑޭ، ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ސްޓެލްކޯ އެވެ.