ads
ސިވިލް ކޯޓު ހިންގަމުން ގެންދާ ޖަސްޓިސް ބިލްޑިން
އޮޅުވާލައިގެން ކުންފުންޏަކުން ހޯދި 18 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ލ. ގަމުގައި 240 ގެ އިމާރާތް ކުރުމަށް ކުންފުންޏަކުން އޮޅުވާލައިގެން ހޯދި 18 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކޯޓުން އަމުރުކޮށްފިއެވެ.

ކުރީގެ ރިޕޯޓްތަކުން އެނގޭ ގޮތުގައި މިއީ، ސުނާމީއަށް ފަހު ލ. ގަމަށް ހިޖުރަކުރި ލ. މޫންޑު އާއި ކަޅައިދޫގެ އާއިލާތަކަށް ފްރެންޗް ރެޑްކްރޮސް އިން ލ. ގަމުގައި އަޅައިދޭ 240 ގޭގެ މަސައްކަތް ހަވާލުކުރި މޯވޭ އަރޫން އެކްސެއްލޯ (ޖޭވީ) ޕްރައިވެޓް ލިމިޓެޑުން އޮޅުވާލައިގެން ދައުލަތުން ހޯދި ފައިސާއެވެ. މި މައްސަލައިގައި އެ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާތީ ލިބުނު ގެއްލުމުގެ ބަދަލުގައި 2.2 މިލިއަން އެމެރިކާ ޑޮލަރު ދިވެހި ސަރުކާރަށް ދެއްކުމަށް ކޯޓުންވަނީ ކުރިން ހުކުމްކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ މިލިއަނެއްހާ ޑޮލަރު ސަރުކާރަށް ދައްކަން އޮތް މި ކުންފުނިން 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޮޅުވާލައިގެން ހޯދީ، ސައްހަ ނޫން ބިލްތަކެއް ހުށަޅައިގެންނެވެ. މި މައްސަލައިގައި އެ ކުންފުނީގެ ގައިރު ހާޒިރުގައި 18757659 ރުފިޔާ ދައްކަން ކޯޓުން އަމުރު ކުރީ ބުރާސްފަތި ދުވަހުއެވެ. ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ކުރިން އެ ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ.

މޯވޭ އަރޫން އެކްސެއްލޯ (ޖޭވީ) ޕްރައިވެޓް ލިމިޓެޑް މިއީ ކޮން ބައެއް؟ 

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން ދައްކާ ގޮތުގައި މޯވޭ އަރޫން އެކްސެއްލޯ (ޖޭވީ) ޕްރައިވެޓް ލިމިޓެޑުގެ ބޯޑު ޑައިރެކްޓަރުންގެ ގޮތުގައި ފަސް މީހުން ތިބިއިރު އޭގެ ތެރެއިން ދެ މީހުން ފިޔަވައި ދެން ތިބީ ހުސް ބިދޭސީންނެވެ. ދިވެހިންނަށް ތިބީ، ޢަބްދުﷲ އާރިފް ކިޔާ މީހަކާ މުހައްމަދު ވަހީދު ކިޔާ މީހެކެވެ. ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި އެއީ މއ. އެވަގްލޯރީ އަބްދުﷲ އާރިފް އަދި ބ. އޭދަފުށި ދިގަލި މުހައްމަދު ވަހީދުއެވެ.

ސިވިލް ކޯޓުގައި ދައުލަތުން، 18 މިލިއަން ރުފިޔާ ހޯދަން ދައުވާ ކުރި މައްސަލައިގައި އަބްދުﷲ އާރިފް އަދި މުހައްމަދު ވަހީދުވަނީ ފަރުދީ ހައިސިއްޔަތުން ދައުވާއަށް ޖަވާބުދާރީވާން އިއުތިރާޒްކޮށްފައިކަން ރިޕޯޓުން އެނގެއެވެ. މި މައްސަލަ ނިންމާފައިވަނީ ކުންފުނީގެ ގައިރު ހާޒިރުގައެވެ.

ސިވިލް ކޯޓުގެ ރިޕޯޓުން އެނގޭ ގޮތުގައި 18757659 ރުފިޔާ އެ ކުންފުންޏަށް ދޫކޮށްފައިވަނީ، 2011 ވަނަ އަހަރުގެ ޖޫން މަހުއެވެ. ފައިސާ ދޫކޮށްފައިވަނީ ދެ ފަހަރެއްގެ މަތިންވެ. ފުރަތަމަ ފަހަރު 14 މިލިއަން ދޫކޮށްފައިވާއިރު، ދެވަނަ ފަހަރު ހަތަރު މިލިއަން ދޫކޮށްފައިވެއެވެ.

ސިވިލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދު، މި މައްސަލަ ނިންމައި ހުކުމްކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. މި މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ ގަޒިއްޔާއިން ސާބިތުވާ 18757659 ރުފިޔާ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރަށް ލިބިދިނުމަށްޓަކައި މާރިޗު 30 ވަނަ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ދައްކަމުން ގޮސް، 30 ސެޕްޓެމްބަރު 2023 ވަނަ ދުވަހުގެ ކުރިން ފައިސާ ދައްކައި ނިންމުމަށް އެ ކުންފުނީގެ މައްޗަށް ޣައިރު ހާޒިރުގައި ހުކުމް ކުރާ ކަމަށެވެ.

57%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް