ޖެންޑަރ މިނިސްޓްރީ އިން މިހެން ބުނެފައިވަނީ، ޖާމިން އަބްދުލްކަރީމް ނިޔާވުމުގެ ކުރިން، ނަފްސާނީ ބަލިކަން ފެނި އާއިލާއަށް ނުބެލެހެއްޓޭ ހިސާބަށް ދިއުމުން، އެކަން ޖެންޑަރ މިނިސްޓްރީގެ ސަމާލުކަމަށް ގެންދިޔަތާ 5 މަހަށް ވުރެ ގިނަދުވަސް ވެފައިވާކަމަށް، އެއާއިލާއިން ބުނެފައި ވަނިކޮށެވެ.
ސީއެންއެމްއާއި ވާހަކަދައްކަވަމުން ޖެންޑަ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ފާތިމަތު ޒަމްހީނާ ވިދާޅުވީ، ޖާމިން އަބްދުލް ކަރީމް އަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 2022 ވަނައަހަރުގެ މާޗް މަހުގެތެރޭގައި މާލެގެނެވި، ސެންޓަ ފޯ މެންޓަލް ހެލްތުގައި އެނދުމަތިކޮށްގެން ފަރުވާދީފައިވާނެކަމަށެވެ.
އަދި ފަރުވާއަށްފަހު ހާލަތަށް ރަނގަޅު ބަދަލެއް އައުމުން، އާއިލާގެ ނިންމުމާއެކު، އަނބުރާ އާއިލާ ކައިރިއަށް، ރަށަށް ބަދަލުކުރެވުނު ކަމަށެވެ. އަދި އޭގެ ފަހުން އެފަރާތުގެ އާއިލާއިން، ހާލަތު ގޯސްވެފައިވާ ކަން ޖެންޑަރ މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން، އާއިލާގެ ހުށަހެޅުމާއި އެއްގޮތަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމްތައް ހަމަޖެއްސިކަމަށާއި، އޭގެ އިތުރުން މިކަމާއި ގުޅިގެން ގއ.ކަނޑުހުޅުދޫ ރަށު ކައުންސިލްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ޝާމިލްވާގޮތަށް މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދެވިފައިވާނެކަމަށްވެސް ޒަމްހީނާ ވިދާޅުވިއެވެ.
ޒަމްހީނާ ވިދާޅުވީ، ނިޔާވި ޒުވާނާގެ ހާލަތު އެއްމެ ފަހުން މޮނިޓަރ ކުރިއިރު ހުރި ކަންބޮޑުވުންތައް ފާހަގަވުމާއެކު، 30 މާރިޗް 2023 ވަނަދުވަހުގެ ރޭ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަަށް އެކަން ގެނެވިފައިވާނެކަމަށާއި، އަދި ހަރަކާތްތައް މޮނިޓަރ ކޮށްދެއްވުމަށް އެދިފައިވާނެ ކަމަށްވެސް ޒަމްހީނާ ވިދާޅުވިއެވެ.
ޖާމިން އަބްދުލްކަރީމް ގެއްލިގެން ހޯދަން ފަށާފައިވަނީ 31 މާޗްވަނަ ދުވަހުގެ ފަތިހު ގެއިން ނިކުމެގެން ދިޔަގޮތަށް ޚަބަރެއް ނުވުމެންނެވެ. މިގޮތުން ހޯދަމުން ދަނިކޮށް، ޖާމިން އަބްދުލްކަރީމް ފެނިފައިވަނީ، ގއ.ކަނޑުހުޅުދޫ ފަޅުތެރޭގައި ސައިކަލާއެކު ވެއްޓިފައިވަނިކޮށެވެ. އެރަށު ސިއްޚީ މަރުކަޒުން މައުލޫމާތު ދިންގޮތުގައި، ޖާމިން އަބްދުލްކަރީމް އެ މަރުކަޒަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައިއެވެ.