ads
މޯލްޑިވިއަނުން އަލަށް ގެނައި އޭޓީއާރު 42 މަރުކާގެ ބޯޓު - ފޮޓޯ:ސީއެންއެމް
މޯލްޑިވިއަންގެ އާ އޭޓީއާރު ބޯޓު ރާއްޖެ ގެނެސްފި
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަށް މުޅިން އަލަށް ގެންނަން ނިންމި އޭޓީއާރު 42 މަރުކާގެ ބޯޓު ރާއްޖެއަށް ގެނެސްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މި ބޯޓު ޖައްސާފައިވަނީ މިއަދު ހަވީރު ހަތަރެއް ޖެހުމާ ކައިރިވެފައި ވަނިކޮށެވެ.

މޯލްޑިވިއަނުން އަލަށް ގެނައި މި ބޯޓާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ މިއީ މި އަހަރުގެ ތެރޭގައި އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ފަރާތުން ގަތް ތިންވަނަ ބޯޓު ކަމަށާއި އެހެންކަމުން މިއީ އެ ކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ޖެނިފާ ވިދާޅުވީ އޭޓީއާރު ބޯޓުތަކުގެ ސަބަބުން އެ ކުންފުނިން ވޭތުވެދިޔަ ތަނުގައި މެއިންޓަނަންސްއަށް ކުރަމުން ދިޔަ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ. މިހާރު ބޭނުން ކުރަމުންދާ ބޯޓުތަކަކީ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބޯޓުތަކެއް ކަމުން މެއިންޓަނަންސް ހަރަދުތައް ފުދޭވަރަކަށް ބޮޑު ކަމަށާއި އާ ބޯޓުތައް ގެނައުމުން އެ ހަރަދުތައް ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެކަން ޖެނިފާ ފާހަގަކުރެއްވިއެވެ.

މޯލްޑިވިއަނުން މިހާރު ބޭނުން ކުރަމުންދާ ޑޭޝް މަރުކާގެ ހުރިހާ ބޯޓުތަކަކީވެސް އެ ކުންފުނިން އަމިއްލަކޮށްފައިވާ ބޯޓުތަކެއްކަމަށް ޖެނިފާ ވިދާޅުވިއެވެ. ޖެނިފާ ވިދާޅުވި ގޮތުގައި ކުންފުނިން ނިންމާފައިވަނީ ޑޭޝް މަރުކާގެ ބޯޓުތައް މިހާރު އުފައްދަމުން ނުދާތީ އާއި އެ ބޯޓުތަކަށް ބޭނުންވާ ސްޕެއާ ޕާޓްސްތައް ލިބުން ދަތިކަމަކަށް ވާތީ ޑޭޝް އަށެއް މަރުކާގެ ހުރިހާ ބޯޓެއް ފޭސް އައުޓް ކުރުމަށް ކަމަށާއި އެކަމުގެ ޕްލޭނެއް އެ ކުންފުނިން ގެންގުޅެމުންދާ ކަަމުގައެވެ.

"މި އަހަރާއި 2024 ގެ ތެރޭގައި ހަމަ އެއްކޮށް އަޅުގަނޑުމެންގެ ބޯޓުތައް އާކުރަމުން ދާނީ،" ޖެނިފާ ވިދާޅުވިއެވެ.

ޖެނިފާ ވިދާޅުވީ މިއަދު ގެނެވުނު ބޯޓާ އެކު އޭޓީއާރު މަރުކާގެ ތިން ބޯޓު ގެނެވުނީ ކަމަށާއި އަދި އިތުުރު ފަސް ބޯޓު މި އަހަރާއި އަންނަ އަހަރަށް ބަހާލައިގެން ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މޯލްޑިވިއަނުން އިންޑިއާއަށާއި ބަންގްލަދޭޝްއަށް މިހާރުވެސް ދަތުރު ކުރަމުންދާކަން ފާހަގަކުރައްވާ ޖެނިފާ ވިދާޅުވީ ވިސްނުމަކީ ވީ އެންމެ އަވަހަކަށް ތަންކޮޅެއް ބޮޑު ބޯޓެއް ގެނެސް ރާއްޖޭން ބޭރަށް ކުރާ ދަތުރުތައް އިތުރުކުރުން ކަމަށާއި އެ މަސައްކަތް ކުރެވެމުންދާ ކަމަށެެވެ.

your imageމޯލްޑިވިއަނުން އަލަށް ގެނައި އޭޓީއާރު 42 މަރުކާގެ ބޯޓު - ފޮޓޯ:ސީއެންއެމް

އެއާބަސްގެ ބަދަލުގައި އިންޑިއާގެ ކޮޗިންއަށް އޭޓީއާރު ބޯޓެއް ދަތުރުކުރުމާ ގުޅޭގޮތުން ނޫސްވެެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ޖެނިފާ ވިދާޅުވީ މިއީ ރޯދަމަސްކަމުން މި ދުވަސްވަރު ދަތުރުކުރާ މީހުންގެ އަދަދު މަދު ކަމަށެވެ. އެ ކުންފުނިން އަބަދުވެސް ބަލަނީ ހަރަދުކުޑަކޮށް ދަތުރުތައް ކުރެވޭނެ، މީހުންނަށް ތަކުލީފު އުފުލަން ނުޖެހި، ދަތުރު ކުރަން ޖެހޭ ދުވަހު ދަތުރުކުރެވޭނެ އިންތިޒާމް ހަަމަޖެއްސުމަށް ކަަމަށާއި އޭޓީއާރު ބޯޓެއް ކޮޗިންއަށް ދަތުރުކޮށްފައިވަނީ އެގޮތުން ކަމަށް ޖެނިފާ ވިދާޅުވިއެވެ.

މޯލްޑިވިއަނުގެ ދަތުރުތަކުގެ އަގުތަކާ ގުޅޭގޮތުން ޖެނިފާ ވިދާޅުވީ އެކަން ގުޅިފައިވަނީ ބޯޓުތަކުގައި ބޭނުން ތެލުގެ އަގާ ކަމަށެެވެ. ދަތުރަކަށް ކުރާ ހޭދައިގެ 40 އިންސައްތައަކީ ތެލަށް ކުރާ ހޭދަކަން ފާހަގަކުރައްވާ ޖެނިފާ ވިދާޅުވީ ތެލުގެ އަގަށް އަންނަ ބަދަލާއެކު ދަތުރުތަކުގެ އަގުހެޔޮ ކުރެވިދާނެ ކަމަށެެވެ.

ބޯޓުތަކަށް ސާފިން ބޯޑު އެރުވުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކާ ބެހޭގޮތުން ޖެނިފާ ވިދާޅުވެފައިވަނީ އޭޓީއާރު އުފައްދާ ފަރާތްތަކާ އެކު އެ ކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށާއި އަދި އެކަމަށް ހައްލެއް ހޯދިފައި ނުވާ ކަަމަށެވެ. އެހެންނަމަވެސް ސާފިން ބޯޑު އުފުލުމުގެ މުހިންމުކަމުގެ ވާހަކަ އެ ފަރާތްތަކާ ހިއްސާކޮށްފައިވާނެ ކަމަށް ޖެނިފާ ވިދާޅުވިއެވެ.

މޯލްޑިވިއަނުން އަލަށް ގެނައި މި ބޯޓާ ގުޅޭގޮތުން މީގެ ކުރިން ޖެނިފާ "ސީއެންއެމް" އަށް ވިދާޅުވެފައިވަނީ މި ބޯޓަކީ 46 ފަސިންޖަރުންގެ ޖާގައިގެ ބޯޓެއް ކަަމަށެވެ. ޖެނިފާ ވިދާޅުވެފައިވާ ގޮތުގައި މި ބޯޓުގެ ދަތުރުތައް ރަސްމީކޮށް ފެށޭނެ ކަމަށް ލަފާކުރައްވަނީ ގާތްގަނޑަކަށް އެޕްރީލް މަހުގެ މެދެއްހާ ތަނުގައި ކަމުގައެވެ.

މޯލްޑިވިއަން ހިންގަމުން އަންނަ އައިއޭއެސްގެ ފަރާތުން އޭޓީއާރު މަރުކާގެ ތިން ބޯޓު ހޯދުމުގެ މަސައްކަތް ފަށާފައި ވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އޭޓީއާރު 72 މަރުކާގެ ދެ ބޯޓާއި އޭޓީއާރު 42 މަރުކާގެ އެއް ބޯޓެވެ.

އެ ތިން ބޯޓުގެ ތެރެއިން އޭޓީއާރު 72 މަރުކާގެ ދެ ބޯޓު ރާއްޖެއަށް ގެނެސްފައިވަނީ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެ ދެ ބޯޓުގެ ބޭނުން ކުރަން ފަށާފައިވާއިރު، ފުރަތަމަ ބޯޓުގެ ހިދުމަތް ފަށާފައިވަނީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެެވެ. ދެ ވަނަ ބޯޓުގެ ހިދުމަތް ފަށާފައިވަނީ އެ މަހުގެ 22 ވަނަ ދުވަހުއެެވެ.

މޯލްޑިވިއަނުން އަލަށް ގެންނަ މި ބޯޓާ އެކު އެއާލައިނުގެ ފްލީޓް 13 ބޯޓަށް އިތުރުވާނެއެވެ. މީގެކުރިން ގެނައި އޭޓީއާރު 72 މަރުކާގެ ދެ ބޯޓާ އެކު އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކުގެ އަދަދު ވަނީ 12 ބޯޓަށް އިތުރުވެފައެވެ. މޯލްޑިވިއަންގެ ފްލީޓުގައި ޖުމްލަ 25 ބޯޓު އޮތްއިރު، އޭގެ ތެރޭގައި ދެން ހިމެެނެނީ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސްގެ އެއް ބޯޓުގެ އިތުރުން 11 ސީޕްލޭން ބޯޓެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް