ads
މޯލްޑިވިއަނުން ގެނައުމަށް ހަމަޖެހިފައިވާ އާ އޭޓީއާރު 42 މަރުކާގެ ބޯޓު - ފޮޓޯ:މޯލްޑިވިއަން
މޯލްޑިވިއަންގެ ތިން ވަނަ އޭޓީއާރު ބޯޓު ރާއްޖެއަށް އައުމަށް ދަތުރު ފަށަނީ
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއަށް މުޅިން އަލަށް ގެންނަ އޭޓީއާރު ބޯޓު ރާއްޖެއަށް އައުމަށް ދަތުރުފަށަން ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޯލްޑިވިއަނުން ބުނެފައިވަނީ އެ ކުންފުނީގެ ފްލީޓަށް އަލަށް ގެނައުމަށް ނިންމާފައިވާ އޭޓީއާރު ބޯޓު AT46/8QIAX ފްރާންސްގެ ޓޫލޫސްއިން ފުރަން ތައްޔާރުވެފައިވާ ކަަމަށާއި ވަރަށް އަވަހަށް އެ ކުންފުނީގެ މިހާރުގެ ފްލީޓާ އެ ބޯޓު ގުޅޭނެ ކަމަށެވެ.

މޯލްޑިވިއަނުން އަލަށް ގެނައުމަށް ނިންމާފައިވާ ބޯޓާ ގުޅޭގޮތުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ "ސީއެންއެމް" އަށް ވިދާޅުވީ މި ބޯޓަކީ އެ ކުންފުނިން ގެނައުމަށް ނިންމާފައިވާ އޭޓީއާރު 42 މަރުކާގެ ބޯޓެއް ކަމަށާއި ބޯޓު ރާއްޖެއަށް އަންނާނީ މި އަންނަ އާދިއްތަ ދުވަހު ކަމަށެވެ.

އޭޓީއާރު 42 މަރުކާގެ މި ބޯޓަކީ 46 ފަސިންޖަރުންގެ ޖާގައިގެ ބޯޓެއް ކަމަށް ޖެނިފާ ވިދާޅުވިއެވެ. ޖެނިފާ ވިދާޅުވެފައިވަނީ މި ބޯޓުގެ ދަތުރުތައް ރަސްމީކޮށް ފެށޭނެ ކަމަށް ލަފާކުރައްވަނީ ގާތްގަނޑަކަށް އެޕްރީލް މަހުގެ މެދެއްހާ ތަނުގައި ކަމަށެވެ.

މޯލްޑިވިއަނުން މިހާރު ބޭނުން ކުރަމުންދާ ޑޭޝް-8 ގެ މަތިންދާ ބޯޓުތައް ބާވުމާ އެކު އޭޓީއާރު މަރުކާގެ ބޯޓުތަކަށް އެ އެއާލައިނުގެ ފްލީޓު ބަދަލުކުރުމަށް ކުރެވެމުންދާ މަސައްކަތާ ގުޅޭގޮތުން ޖެނިފާ ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ޑޭޝް-8 ގެ ހުރިހާ ބޯޓުތަކެއް ދޫކޮށްލުމަށްފަހު، އާ ބޯޓުތައް ގެނައުމަށް ކަމަށެެވެ. އެހެންނަމަވެސް، ކުންފުނީގެ މާލީ ހާލަތު ހުރިގޮތުން އާ ބޯޓުތަކެއް އެއްފަހަރާ ނުގަނެވޭނެ ކަމަށާއި ކޮވިޑަށް ފަހު އަދި ކިރިޔާ އެ ކުންފުންޏަށް އަރައިގަނެވޭވަރުވީ ކަމަށް ޖެނިފާ ވިދާޅުވިއެވެ.

ޖެނިފާ ވިދާޅުވި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރާނީ ވީ އެންމެ އަވަހަކަށް މުޅި ފްލީޓް އެއްކޮށް ބަދަލުކުރުމަށް ކަމަށާއި މި އަންނަ އަހަރު ނިމެންވާއިރަށް ފްލީޓް އެއްކޮށް އާވާނެ ކަމަށް ލަފާކުރައްވާ ކަމުގައެވެ.

ކުންފުނިން މަސައްކަތް ކުރާނީ މިހާރު ހުރި ބޯޓުތައް މަޑުމަޑުން ވިއްކަމުން އާ ބޯޓުތައް ގެނައުމަށް ކަމަށް ވެސް ޖެނިފާ ވިދާޅުވިއެވެ.

މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ފަރާތުން އޭޓީއާރު މަރުކާގެ ތިން ބޯޓު ހޯދުމުގެ މަސައްކަތް ފަށާފައި ވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އޭޓީއާރު 72 މަރުކާގެ ދެ ބޯޓާއި އޭޓީއާރު 42 މަރުކާގެ އެއް ބޯޓެވެ.

އެ ތިން ބޯޓުގެ ތެރެއިން އޭޓީއާރު 72 މަރުކާގެ ދެ ބޯޓު ރާއްޖެއަށް ގެނެސްފައިވަނީ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެ ދެ ބޯޓުގެ ބޭނުން ކުރަން ފަށާފައިވާއިރު، ފުރަތަމަ ބޯޓުގެ ހިދުމަތް ފަށާފައިވަނީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެެވެ. ދެ ވަނަ ބޯޓުގެ ހިދުމަތް ފަށާފައިވަނީ އެ މަހުގެ 22 ވަނަ ދުވަހުއެެވެ.

މޯލްޑިވިއަނުން އަލަށް ގެންނަ މި ބޯޓާ އެކު އެއާލައިނުގެ ފްލީޓް 13 ބޯޓަށް އިތުރުވާނެއެވެ. މީގެކުރިން ގެނައި އޭޓީއާރު 72 މަރުކާގެ ދެ ބޯޓާ އެކު އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކުގެ އަދަދު ވަނީ 12 ބޯޓަށް އިތުރުވެފައެވެ. މޯލްޑިވިއަންގެ ފްލީޓުގައި ޖުމްލަ 25 ބޯޓު އޮތްއިރު، އޭގެ ތެރޭގައި ދެން ހިމެެނެނީ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސްގެ އެއް ބޯޓުގެ އިތުރުން 11 ސީޕްލޭން ބޯޓެވެ.

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް