"ވޯލްޑް ސްޕޯޓްސް ސިޓީ - މަންޓާ ސާފް ވިލެޖް"ގެ ނަމުގައި އައްޑޫ ސިޓީގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓަކީ މި ކޮންސެޕްޓަށް މުޅި ދުނިޔޭގައިވެސް މިހާތަނަށް ނުހިންގާވަރުގެ ޕްރޮޖެކްޓެއްކަމަށާއި ޕްރޮޖެކްޓާއި ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާ މަޝްވަރާތައް ކުރަމުން ގެންދާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.
ދިހަ މިލިއަން ސްކެއާ މީޓަރުގެ ސަރަހައްދެއްގައި ތަރައްގީކުރާ މި މަޝްރޫއު އަމާޒުކޮށްފައިވަނީ ކުޅިވަރާއި މުނިފޫހިފިލުވުމާއެކު ރާއްޖޭގެ ސަގާފަތް ދައްކައިދެވޭނެ ގޮތަށް ކަމަށާއި މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެމްއޯޔޫތަކުގައިވެސް ޕާޓްނަރުންނާއެކު ސޮއި ކުރެވިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ރާޅާއަޅާ ހަބެއްގެ ގޮތުގައި "ވޯލްޑް ސްޕޯޓްސް ސިޓީ - މަންޓާ ސާފް ވިލެޖް" ތަރައްގީ ކުރެވިގެން ދާއިރު އެސަރަހައްދުގައި ބަޔޮސްފިއާ ރިޒާވަކާއި ސްޕޯޓްސް އެކަޑެމީއެއްވެސް ގާއިމް ކުރެވޭނެއެވެ.
ސަންގްރިއްލާ ރިސޯޓްގެ އިރުން އޮންނަ ސަރަހައްދުގައި ފަށާ މި ޕްރޮޖެކްޓް 2030 ވަނަ އަހަރަށް ނިމޭނެކަމަށާއި މަޝްރޫއު ނިމޭއިރު ލަގްޒަރީ ހޮޓާތަކާއި މުނިފޫހި ފިލުވުމުގެ އިތުރު އިންތިޒާމުތައްވެސް ހަމަޖެހިގެންދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.