ads
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ - ފޮޓޯ:މަޖިލިސް
ސިޔާސަތުތަކަށް ބަދަލު ގެންނާނީ ރައްޔިތުންނަށް އަސަރު އެންމެ ކުޑަވާނެ ގޮތަށް
ސިޔާސަތުތަކަށް ބަދަލު ގެންނާނީ ރައްޔިތުންނަށް އަސަރު އެންމެ ކުޑަވާނެގޮތަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
Advertisement

އަމީރު ވިދާޅުވީ ‏މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ވަނީ 2022 ވަނަ އަހަރާ އަޅާބަލާއިރު 21.5 އިންސައްތަ އިތުރުވެފައި ކަމަށާއި މި އަހަރު ރެކޯޑު މިންވަރަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. އެހެންކަމުން އިގުތިސާދީ ކުރިއެރުން މިހާރުގެ އަންދާޒާތަކަށްވުރެ މަތިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވެފައިވަނީ ވޯލްޑް ބޭންކުން ރާއްޖޭގެ އިގުތިސާދީ ދުވެލީގެ އަންދާޒާ ކުރިއަށް ވުރެ ދަށްވާނެކަމަށް ލަފާކޮށްފައިވަނީ، 2021 ވަނަ އަހަރުގެ ޖީޑީޕީ ކުރިއެރި މިންވަރު ކުރިން ވޯލްޑް ބޭންކުން އަންދާޒާކުރި މިންވަރަށްވުރެ މަތިވެފައިވާތީ، ހިސާބުކުރުމުގައި އަންނަ ބޭސް އިފެކްޓް އަކާ ގުޅިގެން ކަމަށެވެ.

‏މިއީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފައި ހުރި ދަނޑިވަޅަކަށް ވީނަމަވެސް، ރާއްޖެއަށް މިކަމުގެ އަސަރު ކުރަމުންދާ މިންވަރު އަވައްޓެރި ގިނަ ގައުމުތަކާ އަޅާބަލާއިރު ކުޑަ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިންފްލޭޝަން މަތިވާ މިންވަރު ހިފެހެއްޓިފައި ހުރުމުގެ އެއް ސަބަބަކީ ސަރުކާރުން ތެޔޮ، ކަރަންޓު އަދި ކާޑުގެ އަގު ހެޔޮކުރަން ދެމުންދާ ސަބްސިޑީ ކަމަށާއި ދުނިޔޭގެ ބާޒާރުގެ އަގުތައް އުފުލުމާ އެކު ސަބްސިޑީތަކުގެ ހޭދަ ވަނީ ބޮޑުތަނުން އިތުރުވެފައި ކަމުގައެވެ.

ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެންނާއި މިނޫނަސް ކުރިމަތިވާ ފިސްކަލް ހިރާސްތަކުގެ ތަފްސީލް 2023 ވަނަ އަހަރުގެ ބަޖެޓު ފޮތުގެ ފިސްކަލް ހިރާސްތަކުގެ ބަޔާނުގައި ތަފްސީލުކޮށްފައިވާނެ ކަަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ މި ހިރާސްތައް މެނޭޖުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުން ކަމަށެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން އިތުރުވި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންގަނޑު މެދުރާސްތާގައި ދާނީ ދަށަށް ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަމީރު ވިދާޅުވީ މިކަން ހާސިލުކުރަން ސިޔާސަތުތަކަށް ބަދަލު ގެންނާނީ ރައްޔިތުންނަށް އެ ކަންކަމުގެ އަސަރު އެންމެ ކުޑަ ވާނެގޮތަށް ކަމަށެވެ.

އަމީރު މިހެން ވިދާޅުވެފައިވަނީ ބޭރުގެ ދަރަނި ބޮޑުވެ، ރާއްޖޭގެ މާލީ ހާލަތަށް ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ ހަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތައް އަޅަން ވޯލްޑް ބޭންކުން އިލްތިމާސް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ އަޕްޑޭޓްގެ އެންމެފަހުގެ އަދަދުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ އިގުތިސޯދު ވަރަށް ބޮޑަށް ރަނގަޅުވެ، ފަގީރުންގެ ނިސްބަތް ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް ވުރެ ދަށަށް ދާނެ ކަމަށް ބެލެވުނު ނަމަވެސް ބޭރުގެ ދަރަނި ބޮޑުވެ، ދުނިޔޭގެ މާލީ ބާޒާރުތައް ތާށިވުމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ވަނީ ނުރައްކާތަކާ ކުރިމަތިލާން ޖެހިފައި ކަމުގައެވެ.

މުޅި މާލިއްޔަތަށް ކުރިމަތިވާ ބުރަ ކުޑަކުރުމަށް ސަބްސިޑީތައް ކުޑަކޮށް އަދި ދޭ ގޮތް ބަދަލުކުރަން ޖެހޭނެ ކަމަށާއި އިގުތިސޯދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ދައުލަތުގެ މާލިއްޔަތުން ހަރަދު ކުރެވޭނެ ނިޒާމެއް ބޭނުންވާކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް