ފުލުހުން ބުނީ ޖާމިންއަކީ އޭނާގެ އަމަލްތަކުގެ ސަބަބުން ފުލުހުން އެއަށް އިޖާބަދޭންޖެހޭފަދަ ކަންތައްތަކެއް ދިމާވެފައިވާ ފަރާތެއްކަމުގެ މައުލޫމާތެއް ދިވެހިފުލުހުންނަށް ލިބިފައިވާ ފަރާތެއް ނޫންކަމަށެވެ.
30 މާޗް 2023 ވަނަދުވަހުގެ ރޭގެ ވަގުތެއްގައި ޖެންޑަ މިނިސްޓްރީގެ މުވައްޒަފަކު، ގއ.ކަނޑުހުޅުދޫގައި މަސައްކަތްކުރާ ފުލުހުންގެ މުވައްޒިފަކަށް ގުޅާ ބުނެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ޖާމިންގެ ހާލަތެއް އަދި އޭނާ އަމިއްލަ ނަފްސަށް ގެއްލުމެއް ދީފާނެ ކަމަށް ބެލެވޭކަހަލަ އެއްވެސް މައުލޫމާތެއް ފުލުހުންނާ ޖެންޑަ މިނިސްޓްރީން ހިއްސާކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
މީގެއިތުރުން، 9 މާރިޗް 2023 ވަނަދުވަހު ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާގެ އެދުމަކަށް، އެއިދާރާގެ ބޭފުޅުންނާއެކު ބައްދަލުވުމެއް ބާއްވައި ޖާމިން އާއި ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށާއި މިބައްދަލުވުމުގައިވެސް ޖާމިންއާއި ބެހޭގޮތުން، ފުލުހުން އެއަށް އިޖާބަދޭންޖެހޭކަހަލަ އެއްވެސް މައުލޫމާތެއް މައުލޫމާތެއް ކައުންސިލުންވެސް ހިއްސާކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ ކަނޑުހުޅުދޫގައި ތިބެނީ ތިން ފުލުހުންކަމަށް ވުމުން 24 ގަދިއިރު ފުލުހުންގެ ހިދުމަތް ދެވޭގޮތަށް އިންތިޒާމުތައް ހަމަޖެއްސިފައިވެސް ނުވާ ކަމަށެވެ.
ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދިޔަ ޖާމިން ގެއްލިގެން ހޯދަމުންދަނިކޮށް، އޭނާ ފެނުނީ 31 މާރިޗް 2023 ވީ ހުކުރުދުވަހުގެ ވަގުތެއްގައު ގއ.ކަނޑުހުޅުދޫ ފަޅުތެރެއަށް ސައިކަލަކާއެކު ވެއްޓިފައި އޮއްވައެވެ. އަދި ފަޅުތެރެއިން ނަގައިގެން ގއ.ކަނޑުހުޅުދޫ ސިއްޚީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް، ގއ.ކަނޑުހުޅުދޫ ސިއްޚީމަރުކަޒުން މައުލޫމާތުދީފައިވެއެވެ.
މިމައްސަލައާއި ގުޅިގެން ޖާމިނުގެ އާއިލާއާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖާމިންގެ އާއިލާގެ ފަރާތުން އޭނާ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމަށް ތަކުރާރުކޮށް އެދިފައިވީނަމަވެސް، ޖެންޑަރ މިނިސްޓްރީގެ ފަރާތުން އެއްވެސް އިޖާބައެއް އެކަމަށް ދީފައި ނުވެއެވެ.
މިކަމާއި ގުޅިގެން ޖެންޑަރ މިނިސްޓްރީގެ ފަރާތުން ސީއެންއެމް އާއި ވާހަކަދައްވަމުން، އެމިނިސްޓްރީގެ މީޑިއާ އޮފިޝަލް ފާތިމަތު ޒަމްހީނާ ވިދާޅުވެފައިވަނީ، ޖާމިންއަށް ބޭނުންވާ ނަފްސާނީ ފަރުވާ ދިނުމަށް 2022 ވަނައަހަރުގެ މާރިޗްމަހުގެ ތެރޭގައި، ސެންޓަރ ފޯ މެންޓަލް ހެލްތުގައި އެދުމަތި ކުރެވި ފަރުވާ ދީފައިވާނެ ކަމަށާއި، ފަރުވާއަށްފަހު ހާލަތަށް ރަގަޅު ބަދަލެއް އައުމުން އާއިލާގެ އެދުމުގެ މަތިން އާއިލާ އާއި ހަވާލުކުރެވިފައި ވާނެކަމަށެވެ.
އަދި އޭގެ ފަހުން ހާލަތު ގޯސްކަމަށް ބުނެ އާއިލާއިން ރިޕޯޓް ކުރުމުން، ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައި، އެރަށު ކައުންސިލް އާއި ދިވެހި ފުލުހުންގެ ޚިދުމަތް ޝާމިލްވާގޮތަށް މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ.