ads
އަންހެނުންތަކެއް މަސައްކަތްކުރަނީ-- ފޮޓޯ ހަސަން ނިޒާމް
އަންހެނުންގެ ދުވަސް: އަންހެނަކަށްވީތީ ކުރިމަތިވި ގޮންޖެހުންތައް!
މިއަދަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި އޮފީސްތަކުގައި ވެސް އެތަންތަނުގެ އަންހެނުންނަށް ރަތްދޫލައިގެ މަރުހަބާ ކިޔެވެ. ސޯޝަލް މީޑިއާގައި ދުވަހާއި ގުޅޭ ފޮޓޯ އާއި ވީޑިއޯ އަދި ތަހުނިޔާގެ މެސެޖުތައް ދަނީ ފޮނުވަމުންނެވެ. ނަމަވެސް "ހެޕީ ވިމެންސް ޑޭ" ޖަހައި މިގޮތަށް ފޮނުވާލާއި މެސެޖަކުން އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް އަޑު އުފުލުނީ ހެއްޔެވެ؟ މިގޮތަށް މިކަން ނިންމާލެވެން ނެތްކަން މިދުވަހުގައި އަންހެންވެރިން ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާ ބައެއް ވާހަކަތަކުން އެނގެ އެވެ.

ތަހުޒީބުވެފައިވާ މިޒަމާނުގައި ވެސް އަންހެންވެރިނާއި މެދު މީހުން ދެކޭ ގޮތަށް މާބޮޑު ބަދަލެއް އައި މަންޒަރެއް ނުފެނެ އެވެ. ވަކި ކަހަލަ ދާއިރާއަކުން ކުރިއަށްދާނަމަ ތިއީ ފިރިހެނުން ކުރާ މަސައްކަތަކޭ ނުވަތަ ދަރިއަކު ލިބިއްޖެނަމަ ތި ވަޒީފާ އަދާކުރާނީ ކިހިނެއް ހެއްޔޭ ބުނެ އެމީހުން އަޅަން މަސައްކަތް ކުރާ ފިޔަވަޅަށް ވެސް ހުރަސް ކުރިމަތިކުރުވާ މަންޒަރު މިއަދު ވެސް މުޖުތަމައުގެ ތެރެއިން ފެނެއެވެ. 

މިގޮތަށް ސޯޝަލް މީޑިއާގައި އަންހެނަކު ހިއްސާކުރި އެއް ވާހަކައަށް ބަލާއިރު އޭނާ ވަނީ މީގެ 13 އަހަރުކުރިން، އޯލެވެލް ނިންމި ކަމަށާއި އަދި އިތުރަށް ކިޔަވަން ބޭނުންވެ، އޭނާގެ ބެލެނިވެރިކަމުގައި ތިބި މީހުންގެ ކައިރީ އެވާހަކަ ހިއްސާކުރި ކަމަށް ބުނެފަ އެވެ. އަދި އެގޮތަށް އެދުން ނަމަވެސް އަންހެނުން އިތުރަށް ކިޔެވުމުގެ ބޭނުމެއް ނެތް ކަމަށް ބެލެނިވެރިން ބުނި ކަމަށް ވެސް އޭނާ ބުންޏެވެ. 

އެ އަންހެން މީހާ އިތުރަށް ބުނި ގޮތުގައި އެތައް އަޑިގުޑުންތަކަކާއެކު އޭނާ މިއަދު ވަނީ ރާއްޖޭގެ ހަޔާ އެޑިއުކޭޝަން ދާއިރާގައި ހުރި ޖިންސީ ތަފާތުވުންތަކާއި ގުޅިގެން ޕީއެޗްޑީ ތީސިސްއެއް ހަދާފަ އެވެ. 

މިފަދަ އެތައް އަންހެނުންނެއް މި މުޖުތަމައުގައި އެބަ އުޅެ އެވެ. އަންހެން ކުއްޖެއްކަމަށްވީތީ އެކުދިންނަށް ކިޔެވުމަށް އިތުރު ފުރުސަތު ނުދީ، ގޭގައި ތިބި ފިރިހެން ކުދިންނަށް ކިޔަވައިދިނުމަށް މަސައްކަތް ކުރާ ބެލެނިވެރިން މިއަދު ވެސް އުޅެމުންދާކަމީ ހިތާމަކުރަން ޖެހޭ ކަމެކެވެ. އަންހެން ކުއްޖަކަށް ކިޔަވައިދޭނަމަ އެކުއްޖާ ކުރިއަށް ދާނެ ދާއިރާ ބެލެނިވެރިން ކަނޑައަޅާ މަންޒަރު ވެސް ފެނިގެންދެ އެވެ. އެގޮތުން ނަރުސްކަން ނުވަތަ ޓީޗަރުކަމަކީ އަންހެން ކުދިން ކުރިއަށް ދާން އޮންނަ، ނުވަތަ އަންހެނުންނަށް ހާއްސަ ދާއިރާއެއްގެ ގޮތުގައި ދެކެވެ އެވެ. ނަމަވެސް ކޮންސްޓްރަކްޝަން ދާއިރާ އާއި ވަޑާންކުރުމާއި ފަތުރުވެރިކަމުގެ ދާއިރާ އަދި އާކިޓެކްޗާ އާއި އިންޖީނިއަރިންގެ އިތުރުން ޕައިލެޓް ކަމާއި ދޯނިތަކުގެ ކައްޕިކަމަކީ ވެސް އަންހެނުންނަށް ކުރެވިދާނެ އަދި މަދުންނަމަ ވެސް އަންހެނުން ފެންނަ ދާއިރާތަކެވެ. މިފަދަ ދާއިރާއަކުން އަންހެނަކު ކުރިއަށްދާން ބޭނުންނަމަ އެކަމަށް ބެލެނިވެރިންގެ ފަރާތުން އަދި ވަކިން ހާއްސަކޮށް މުޅި މުޖުތަމައުން ވެސް އެ ކުއްޖަކަށް މަލާމާތް ރައްދުކުރުމުގެ ބަދަލުގައި ހިތްވަރުދޭން ޖެހެ އެވެ.

ވަޒީފާގެ މާހައުލަށް ބަލާއިރު ވެސް ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފުންގެ މެދުގައި ވަރަށް ބޮޑަށް ތަފާތުކުރުންތައް ގެންގުޅޭ މަންޒަރު ފެނިގެންދެ އެވެ. އެގޮތުން އެއް މަސައްކަތްތަކެއް ކުރި ނަމަވެސް އަންހެނުންނާއި ފިރިހެނުންނަށް ދެވޭ މުސާރައިގައި ވެސް ބޮޑު ފަރަގެއް ބައެއް އޮފީސްތަކުން ގެންގުޅެ އެވެ. އަދި ވަޒީފާއަކަށް އަންހެނަކު ކުރިމަތިލައިފިނަމަ އޭނާއަކީ ވަކިން ހާއްސަކޮށް މީހަކާއި އިނދެގެން އުޅޭ މީހެއްކަމަށްވާނަމަ ވަޒީފާތަކަށް ނުނަގާ މަންޒަރު ވެސް ފެނެ އެވެ. އެކަމަކު ފިރިހެނަކު މީހަކާއި އިނދެގެން އުޅުން ނަމަވެސް އޭނާ އެމަގާމަށް ނެގުމުގައި ފަހަތަށް ޖެހޭ މަންޒަރެއް ގިނަ ފަހަރަށް ނުފެނެ އެވެ. 

އޭގެ އިތުރުން ވެސް ދަރިއަކު ހުންނަ އަންހެނަކު، ވަޒީފާއަކަށްދާނަމަ "ދަރި އެއްލާލައިފައި" ވަޒީފާއަށްދާ ކަމަށް ބުނެ ވެސް އެތައް ފާޑުކިޔުމެއް ކުރިމަތިކުރެ އެވެ. އެކަމަކު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ދަރިއަކު ބަލާ ބޮޑުކުރުމަކީ ހަމައެކަނި އަންހެން މީހާގެ ޒިންމާއެއް ނޫންކަމެވެ. އަންހެން މީހާއާއި އެއްވަރަށް ކުއްޖާގެ ބައްޕަގެ ބޮލުގައި ވެސް އެ ޒިންމާ އެޅިފައިވާ ކަމެވެ. ނަމަވެސް ފިރިހެނަކު ދަރިފުޅާއެކު ވަގުތު ހޭދަނުކޮށް ވަޒީފާގައި އެތައް ވަގުތެއް ހޭދަކުރި ނަމަވެސް މިފަދަ ފާޑުކިޔުން ކުރިމަތިވާ މިންވަރު މަދެވެ. 

ފިރިހެނުންނާއި އެއްގޮތަށް އަންހެނުންނަށް ވެސް މުޖުތަމައުގެ ތެރެއިން ފުރުސަތުތައް ހުޅުވާލަން ޖެހެ އެވެ. މިފަދަ ދުވަހެއްގައި ހަމައެކަނި އަންހެނުންގެ ހައްގުތަކުގެ ވާހަކަތަށް ދެއްކުމުގެ ބަދަލުގައި ކޮންމެ ދުވަަހަކުވެސް މުޖުތަމައުގެ ތެރެއިން އަންހެނުންނަށް މި ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް