ads
އިންސާފު ގާޢިމުކުރަން ގޮވާލާ މާލޭގައި ކުރިން ބޭއްވި އަޑުއުފުލުމުގެ ތެެއިން
ޒިންމާ ނަގާނެ ފަރާތެއް ނެތީތޯއެވެ؟
ދޭތެރެ ދޭތެރެއިން ކޮންމެވެސް ތުއްތު ކުއްޖަކަށް އަނިޔާ ކުރާވާހަކަ އާއި، އަންހެނަކަށް އަނިޔާ ކުރާ ވާހަކަ އާއި، އުމުރުން ދުވަސްވެފައިވާ މަންމަ ނޫނީ ބައްޕަ އަށް އަނިޔާ ކުރާވާހަކަ އަޅުގަނޑުމެންގެ ސަމާލުކަމަށް އާދެއެވެ. އަދި އަނިޔާ ލިބުނު ފަރާތެއް ނިޔާވެއްޖެ ކަމުގެ ހަބަރު ފެތުރިއްޖެނަމަ ވަކިން ގަދައަށް އެވާހަކައެއް ދައްކާ އުޅެއެވެ. އެހެންނަމަވެސް، މިއިން އެއްވެސް ހާދިސާއެއްގައި ޒިންމާ ނަގާނެ ފަރާތެއް ނޯވެއެވެ.

ކުޑަ ތަންކޮޅެއް ކުރިއަށް ޖެހިލާއިރު، 2015 ވަނައަހަރު ޖެނުއަރީ މަހުގެ 15 ދުވަސް އެއީ ދިވެހިރާއްޖެ އެއްކޮށް ރޮއްވާލި ދުވަހެކެވެ. ތުއްތު ތުއްތު މައުސޫމު ކުއްޖަކު، އެކުއްޖާގެ މަންމަގެ ފަރާތުން ލިބުނު އަނިޔާތަކާއެކު މިދުނިޔެއާއި ވަކިވެގެން ދިޔަ ހަބަރުވީ، އެހަބަރު ކިޔާލި ހަމަ ކޮންމެ ދިވެހި ރައްޔިތެއްގެ މެއަށް ހަންޖަރެއް ހަރާލުން ކަހަލަ ހަބަރަކަށެވެ. ހުރިހާ އެއްމެންހެން އަވަސްވެގަތީ އެއީ ކިހިނަކުން ހިނގައިދިޔަ ކަމެއްތޯ ބަލާ ސާފުކުރުމަށެވެ. ނިކުމެގެން އައި ވާހަކަތަކާއެކު، ދިވެހިން އާއްމުކޮށް ހިޔާލުފާޅުކުރާ އެކި މަންސަތަކުގައި، ޖަޒުބާތުން ފުރިގެންވާ ހިތްހަނުޖެހުމާއި ނުތަވަސްކަން ބަންޑުންކޮށްލިއެވެ. 

ވާނީވެސް އެހެންތާއެވެ. އެ ތުއްތު ކުޖާގެ މަންމަގެ ފަރާތުން އެ ކުއްޖާއަށް އަނިޔާ ލިބެމުންދާތާ އެއިރު އެތަކެއް ދުވަހެއްވެއްޖެއެވެ. އަދި މިއީ މުޅި ރަށު ރައްޔިތަށް މަޝްހޫރު ވާހަކައެއްވެސް މެއެވެ. ކަމާއި ބެހޭފަރާތްތަކުގެ ސަމާލުކަމަށްވެސް އެތަކެއްފަހަރު ގެނެވިފައިވާ މައްސަލައެކެވެ. އެހެންނަމަވެސް، އަޅާނުލެވި އަދި ދޭންވާވަރުގެ ސަމާލުކަމެއް ނުލިބި ހުއްޓާ އެ ތުއްތު ކުއްޖާ މިދުނިޔެއާއި ވަކިވެގެން ދިޔައީއެވެ.

މިމައްސަލަ ރަގަޅަށް ދިރާސާކޮށްލުމުން، އެނގުނު އެއްކަމަކީ، މިމައްސަލައިގެ ފެށުމަކަށްވީ އެ ތުއްތުކުއްޖާގެ މަންމައަށް އެކިފަހަރު މަތިން ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާ ލިބުނު ވާހަކަކަމެވެ. އެހެންނަމަވެސް، ކަމާއި ބެހޭފަރާތްތަކަށް އެނގުމުންވެސް އަޅާނުލި ވާހަކައެވެ. އިންސާފެއް ނުލިބުމުގެ ސަބަބުން އުފެދިގެން އައި އުދާސްތަކާއި، ރުޅިވެރިކަމުގެ ނަތީޖާއަކަށްވީ ތުއްތު ފުރާނައެއް މިދުނިޔެއާއި ވަކިވެގެން ދިޔުމެވެ.

މިކަން ހިގައިދިއުމުން، ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރުގެ މުވައްޒަފުންތަކަކާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭފުޅަކަށް ދައުވާކޮށްދިނުމަށް އެދި، ދައުލަތުގެ ޕްރޮސެކިއުޓަ ޖެނެރަލްގެ ފަރާތުން އެދުން ފިޔަވައި، ވީ އިތުރުކަމެއް ފެންނާކަށް ނެތެވެ. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިހްތިސާސްގެ ތެރެއަށް ވަންނަ މިފަދަ މައްސަލަތަކުގެ ވާހަކަ މީޑިއާ އާއި ހަމައަށް ތިލަވުން ވީ އިތުރެވެ. މައްސަލައެއް ދިމާވާ ހަމަ ކޮންމެ ފަހަރަކު، ޖެންޑަ މިނިސްޓްރީ އިން ބަޔާނެއްގެ ސިފައިގައި، މިނިސްޓްރީގެ އިހުމާލެއް އޭގައި ނެތްކަން ދޭހަވާ އިބާރާތަކުން ބަސްމަގު އަތުރާލައެވެ.

އެއްމެ ފަހަކަށް ދިމާވީ، ހުވަދު އަތޮޅުގެ ރަށެއްގައި، ނަފްސާނީ އެހީތެރިކަމަށް ބޭނުންވެފައި ހުރި ޒުވާނަކު، ނިޔާވެފައި އޮއްވާ ފެނުނުވާހަކައެވެ. އެއީ ނިމިދިޔަ މާރިޗްމަހުގެ 31 ވަނަ ދުވަހެވެ. އެހާދިސާ ހިގުމާއެކު، އާއިލާ އާއި ހަވާލާދީ، ޖެންޑަ މިނިސްޓްރީގެ އެހީތެރިކަމަށް އެދި އެކިފަހަރުމަތިން އާދޭސްކުރި ވާހަކަ ފެތުރިގަތެވެ. ހަމައެއާއެކު، ޖެންޑަ މިނިސްޓްރީގެ ޖަވާބުވެސް ލިބިގެން ދިޔައެވެ. ކުރުކުށް ފޮނިކޮށް ބުނާނަމަ، "އަހަރުމެން ތިކަން ބަލަން ފުލުހުން ކައިރީގައި އެދުނީމެވެ. އެހެންނަމަވެސް އެމީހުން ތިކަމަކަށް އިޖާބައެއް ނުދިނެވެ" މިހެން ކިޔާ ނިންމާލީއެވެ. މިއަށް ފުލުހުންގެ ރައްދަކަށްވީ، "ތިޔަބުނާ ޒުވާނާގެ ހާލަތަށް، ފުލުހުން ވަންނަޖެހޭފަދަ އެއްވެސް ހާލަތެއް ދިމާވި ވާހަކައެއް ތިމަންނާމެންނަށް ހިއްސާކޮށްފައެއް ނުވެއެވެ"

ޒިންމާ ވާނެ ފަރާތެއް ނެތެވެ އަނެއްކާވެސް ގެއްލިގެން އެދިޔައީ ފުރާނައެކެވެ. ހަމަ ގައިމުވެސް، ފަރުވާދެވެން އޮއްވާ "އެކަމަށް އަޅާލެވުނުނަމަ" އެ ފުރާނައެއް ވަކިވެގެންވެސް ނުދިޔައީއެވެ.

މި ޒުވާނާއަކީ ޖެންޑަ މިނިސްޓްރީ އިން ބުނާގޮތުންނަމަ، 2022 ވަނައަހަރުގެ ތެރޭގައި، ޖެންޑަ މިނިސްޓްރީގެ ބެލުމުގެ ދަށުން އެދުމަތި ކުރެވި ފަރުވާ ދެވިފައިވާ ޒުވާނެކެވެ. އެހެންކަމަށްވާނަމަ، މައުލޫމާތު ހުންނަން ޖެހޭނެއެވެ. އަދި އަމުދުން ނަފްސާނީ މައްސަލައެއް އޭގައި ހިމެނޭ ކަމެއް ކަމަށްވާތީވެ، ފަރުވާއަށްފަހު ދޫކޮށްލިނަމަވެސް، ހާލަތު ބެލެންޖެހޭނެއެވެ. ދޫކޮށްލިފަހުން އާއިލާގެ ފަރާތުން ރިޕޯޓްކުރިކަމަށް އެއްބަސްވެސް ވެއެވެ. އެހެންކަމަށްވާނަމަ، ހުވަދުއަތޮޅުގައި ތިއްބަވާ ޖެންޑަ މިނިސްޓްރީގެ މުވައްޒިފުންނަށް އެރަށަށް ޒިޔާރަތްކޮށްނުލެވުނީ ކީއްވެތޯއެވެ. 

ހަމައެކަނި ފޯނު ކޯލަކުން ނިންމާލަންޖެހުނީ ކީއްވެތޯއެވެ. މާރިޗް މަހުގެ 30 ވަނަދުވަހުގެ ރޭގެ ވަގުތެއްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް މިމައްސަލަ ގެނައި ކަމަށްވެސް ވިދާޅުވެއްޖެއެވެ. އެވަރުވާއިރު، އެގެއަށް ޒިޔާރަތްކޮށްނުލެވުނީ ކީއްވެތޯއެވެ. އަތޮޅު ކައުންސިލް އިދާރާ ތަކުގައި، އަތޮޅުގެ ރަށްތަކަށް ދަތުރުކުރުމަށް ހާއްސަ ސްޕީޑް ބޯޓު ތަކެއްވެސް ހުރެއެވެ. ނޫންނަމަ، ފުލުހުންގެ ހިދުމަތުގެ އެހީއާއެކު، އެބޭފުޅުންގެ ސްޕީޑް ބޯޓުގައި ވެސް އެރަށަށް ދެވޭނެ ގޮތެއް ހަމަ ނުވީތޯއެވެ. ނޫނީ ހަމަ "މާބޮޑު ކަމެއް ނޫނޭ" ހީކޮށް، އަޅާނުލާ ދޫކޮށްލީ ހެއްޔެވެ.

ދެން އޮތީ ދިވެހި ފުލުހުންގެ ހިދުމަތުން ދެއްވި ޖަވާބެވެ. "އެ ޒުވާނާއާއި ބެހޭގޮތުން މަޝްވަރާކުރުމަށް އެރަށު ކައުންސިލް އާއި އެކުވެސް މަޝްވަރާ ބައްދަލުވުމެއް ބޭއްވުނެވެ. އަދި މާރިޗް މަހުގެ 30 ވަނަދުވަހުގެ ރެގެ ވަގުތެއްގައި އެރަށު ފުލުހުންގެ މަރުކަޒުގައި މަސައްކަތްކުރާ ފުލުހެއްގެ ފޯނަށް، ޖެންޑަ މިނިސްޓްރީގެ މުވައްޒިފަކު ގުޅާ، އެޒުވާނާގެ ހާލަތު ބަލާލުމަށް އެދުނެވެ. އެހެންނަމަވެސް އެއްވެސް ފަހަރަކު، އެޒުވާނާ އަމިއްލަ ނަފްސަށް ގެއްލުމެއް ދީފާނެ ކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން ދިވެހި ފުލުހުންގެ ހިދުމަތާއި ހިއްސާކޮށްފައެއް ނުވެއެވެ" ވަރަށްވެސް ކުރު ޖަވާބެކެވެ. 

ޒިންމާއިން ރެކެވޭނެ ވަރުގެ ޖަވާބެކެވެ. އެހެންނަމަވެސް، އާބާދީގައި ގާތްގަނޑަކަށް 1000 ވަރަކަށް މީހުން ދިރިއުޅޭ ރަށެއްގެ، ވަކި ފަރުދަކާއި ބެހޭ، ވަކިން ހާއްސަކޮށް ނަފްސާނީ މައްސަލައެއް ހުންނަ ފަރާތަކާއި ބެހޭ، މައުލޫމާތެއް ތިބޭފުޅުންނަށް "އެގެންޖެހޭވަރަށް" ނޭނގެއޭ ބުނުމަކީ ލަދުވެތި ޖަވާބެކެވެ. 24 ގަޑިއިރު މަސައްކަތް ނުކުރިޔަސް އަދި އެއްމެ 3 ފުލުހަކު މަސައްކަތްކުރިޔަސް، އެޒުވާނާގެ ހާލަތު އެރަށުގައި ތިއްބަވާ ފުލުހުންނަށް އެނގިލައްވާނެއެވެ. ނޭނގެއޭ ބުނުމަކީ ގަބޫލުކުރެވޭނެ ވަރުގެ ވާހަކައެއް ނޫނެވެ. އެހެންކަމަށްވާނަމަ، ތިބޭފުޅުންގެ މުވައްޒިފުން އެރަށުގައި ތިއްބަވައިގެން ކުރައްވަނީ ވަކި ކީއްތޯއެވެ.

އަޅުގަނޑުމެން މިގެނެސްދެނީ އެއްމެ ދެ ހާދިސާއެއްގެ ވާހަކައެވެ. ދެ ހާދިސާގައިވެސް އިންސާނެއްގެ ފުރާނައެއް ވަކިވީއެވެ. ނިކަމެތި އާއިލާތަކަކަށް ނިސްބަތްވާ ދެ ފުރާނެއެވެ. އަޅާލާނެ ބަޔަކު، ޒިންމާވާނެ ބަޔަކު ނެތެވެ. އެހެންނަމަ، ދައުލަތުގެ ކަމާއި ބެހޭފަރާތްތަކުން އެކަންތަކެއް ބެލީހެވެ.

މި ދެ ހާދިސާއަކީ ވެސް، ހާދިސާ ހިނގުމުގެ ކުރިއަށް، ކަމާއި ގުޅުންހުރި ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅެއް އެޅިނަމަ، ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ގެއްލިގެންދިޔަ ދެ ފުރާނައަށްވެސް ލިބިދާނެ ފަދަ ދެ ހާދިސާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް