އަލީ ޒާހިރު އަތުން 2.3 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މޮރިޝަސް ބޭންކުންނެވެ. އެއީ އަލީ ޒާހިރުގެ އެކައުންޓުގައި ފައިސާ ނެތިސް އެ އަދަދަށް ބޭނުންކުން އޭނާއަށް ފައިސާ ދޫކޮށްފައިވާތީއެވެ.
މި މައްސަލައިގައި އަލީ ޒާހިރު އެ ފައިސާ ދައްކަން އަންގައި ބޭންކުން ފޮނުވި ސިޓީ ބާތިލު ކުރާނެ ތަނެއް ނެތް ކަމަށް ހައިކޯޓުން ކަނޑައެޅީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. ހައިކޯޓުގެ އެ ހުކުމް އަލީ ޒާހިރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގައި އެ މައްސަލައިގެ އަޑު އެހުންތައް ފެށީ މިއަދުއެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ އައިޝާ ޝުޖޫން މުހައްމަދު، އަޒްމިރާލްދާ ޒާހިރު އަދި އަލީ ރަޝީދު ހުސެއިނެވެ. މައްސަލައިގައި އަލީ ޒާހިރުގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރައްވަނީ ގާނޫނީ ވަކީލު މަހްފޫޒު ސައީދުއެވެ.
ދަށު ކޯޓާއި ހައިކޯޓުން މައްސަލަ ނިންމި ގޮތް
މޮރިޝަސް ބޭންކުގައި ޢަލީ ޒާހިރުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން 2.3 މިލިއަން ރުފިޔާ ނަގައިދިނުމަށް އެހެން މީހަކު ޗެކަކުން އެދުނީ, ޢަލީ ޒާހިރުގެ އެކައުންޓަށް 4,125,000ރ. ޖަމާކޮށްފައިވާ ކަމުގެ ޗެކް ޑިޕޮޒިޓް ދެއްކުމަށްފަހުއެވެ. ބޭނުންކުން ޢަލީ ޒާހިރުގެ ނަމުގައި އޮތް ޗެކަށް 2.3 މިލިއަން ރުފިޔާ ދޫކުރިއެވެ. ނަމަވެސް އޭގެ ކުރިން އޭނާގެ އެކައުންޓަށް ޖަމާކުރަން ހުށަހެޅި 4.1 މިލިއަން ރުފިޔާގެ ޗެކް ޖަމާވެފައި ނުވާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. ޢަލީ ޒާހިރުގެ ޗެކެކަށް ބޭންކުން 2.3 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ 4.1 މިލިއަން ރުފިޔާ ޗެކް ޖަމާކުރުމަށް އައި ފަރާތަށެވެ.
އެހެންކަމުން ހައިކޯޓުން ނިންމާފައިވަނީ އޯވަރޑްރާފްޓްގެ ގޮތުގައި ބޭންކުން ޢަލީ ޒާހިރުގެ އެކައުންޓުން ޗެކަށް ދޫކުރި ފައިސާއަކީ އެ ފައިސާއަށް އޭނާ ގާނޫނީ ގޮތުން ޒިންމާވާން ޖެހޭނެ ފައިސާއެއް ކަމަށެވެ.
ޢަލީ ޒާހިރު ދޫކުރި ޗެކަށް ޕްރޮސެސްކޮށް އޭނާގެ އެކައުންޓުން އޯވަޑްރޯކުރި ފައިސާއަކީ ބޭންކުން އަލީ ޒާހިރަށް ދިން "ފްރީ ގިފްޓް" އެއް ކަމުގައި ބެލެވެން ނެތް ކަމަށް ހައިކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފައެވެ.